އިންޑިއާގެ ދިއްލީއަށް ފެންބޮޑުވެދާނެކަމުގެ އިންޒާރު ދީފި

އިންޑިއާގެ ވެރިރަށް ދިއްލީއަށް ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައި. ފޮޓޯ/އޭއެންއައި

އިންޑިއާގެ ހިމާޗަލް ޕްރަދޭޝާއި އުއްތަރަކަންދު ހިމެނޭ ގޮތަށް އުތުރު އިންޑިއާގެ ގިނަ ހިސާބުތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދިއްލީ، ހަރްޔަނާ އަދި އުއްތަރު ޕްރަދޭޝްއާ ދެމެދު އޮންނަ ޔަމުނާ ކޯރުގެ ފެންގަނޑު އުފުލި ފެން ބޮޑުވެދާނެކަމުގެ އިންޒާރު އޮފިޝަލުން ދީފިއެވެ.

އެ ކޯރުގެ ފެންގަނޑު މިއަދު ހަވީރާ ހަމައަށް 206 މީޓަރަށް ވުރެ މައްޗަށް އުފުލޭނެ ކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފައެވެ. ކޯރުގެ ފެންގަނޑު މިހާރު ވެސް 204.50 މީޓަރަށް އުފުލިފައިވާއިރު، ފެންބޮޑުވެދާނެ ކަމަށް އެ ސަރައްދުގައި ދިރިއުޅޭ އާންމުން އެހެން ސަރަހައްދުތަކަށް ދިއުމަށް ވަނީ އިންޒާރު ދީފައެވެ.

"އޯއާރުބީގެ ފެންގަނޑު ނުރައްކާތެރި މިންވަރު ހުރަސްކޮށް 206.50 މީޓަރަށް އަރާފާނެތީ، އެކި ސަރަހައްދުތަކަށް ސަމާލުކަންދީ، އަޅަންޖެހޭ ފިޔަވަޅުތައް އެޅު ހުރިހާ އޮފިސަރުންނަށް ވެސް އިލްތިމާސްކުރަން،" ދިއްލީގައި ފެންބޮޑުވެދާނެ ކަމަށް ބުނެ ދިން އިންޒާރުގައި ބުނެފައިވެއެވެ.

ދިއްލީގެ އެކި ސަރަހައްދުތަކަށް މިހާރު ވެސް ވިއްސާރަ ކުރަމުންދާތީ، އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ)އިން ވަނީ ދިއްލީއާއި އިތުރު ގިނަ ހިސާބުތަކަކަށް އޮރެންޖް އެލާޓް ނެރެފައެވެ.

އެންމެ ބޮޑަށް ވިއްސާރަކުރަނީ ގުރޫގްރާމްއަށެވެ. އެގޮތުން، އިއްޔެ މެންދުރު ފަހު 3:00 އިން ރޭގަނޑު 7:00 ޖެހުމާއި ދެމެދު ދެމެދު 100 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ވިއްސާރައިގެ ސަބަބުން ކަމާބެހޭ ފަރާތްތަކުން ވަނީ ކޯޕަރޭޓް އޮފީސްތަކަށާއި އަމިއްލަ މުއައްސަސާތަކަށް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް މަގުފަހިކޮށްދިނުމަށް ލަފާދީފައެވެ.

ވިއްސާރަވެ، އުޑުމަތި ނުސާފުވުމުގެ ސަބަބުން ފްލައިޓް ކެންސަލްވުން އެކަށީގެންވާތީ، އެއާ އިންޑިއާއާއި އިންޑިގޯ ފަދަ ބޮޑެތި އެއާލައިންތަކުން ވަނީ ދަތުރާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަސިންޖަރުންނަށް އަންގާފައެވެ.

މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ދިއްލީއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭއިރު، މިއަދުގެ ފަހުން ވިއްސާރަ ކޮންމެވެސް ވަރަށް އަލިވާނެ ކަމަށް ވެސް އައިއެމްޑީއިން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް