ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން މި އަހަރު ޖުމުލަ 27.9 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ ސިޔާސީ ޕާޓީތައް ހިންގަން ދޭންޖެހެއެވެ. އެ ފައިސާ ދޫކުރަނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއްޔެ ބުނީ، މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވެފައިވާ ފަސް ޕާޓީއަކަށް މެންބަރެއްގެ ބޮލަށް 193.23 ރުފިޔާގެ މަގުން ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
އެގޮތުން ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފުސީލު:
- ޕީއެންސީއަށް 13.3 މިލިއަން ރުފިޔާ
- އެމްޑީޕީއަށް 8.4 މިލިއަން ރުފިޔާ
- ޖުމްހޫރީ ޕާޓީއަށް 2.6 މިލިއަން ރުފިޔާ
- އެމްޑީއޭއަށް 1.7 މިލިއަން ރުފިޔާ
- އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ
މިދިޔަ އަހަރުގެ ނިޔަލަށް އެ ފަސް ޕާޓީގައި 144،808 މެންބަރުން ތިބިއިރު، އޭގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ 68،968 މީހުން ހިމެނެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، 2019 ވަނަ އަހަރު ޕީއެންސީ އުފެއްދެވީ އެ މަނިކުފާނުގެ އުފެއްދެވި ޕީޕީއެމުން ބާރު ގެއްލިދާނެކަމުގެ ބިރު އޮތުމުންނެވެ. އެއަށް ފަހު، ޕީޕީއެމް އިސްވެ އޮންނަ ކޯލިޝަނެއްގެ ގޮތުގައި ކުރިއަށް ގެންގޮސް، ޔާމީން ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވިއެވެ.
އެހެންނަމަވެސް، ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ އެ މަނިކުފާނު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވުމުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީއެންސީން ކެންޑިޑޭޓަކު ނެރުނެވެ. އެއީ، ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.
އެ ޕާޓީ ވެރިކަމަށް އައިއިރު މެންބަރުންގެ އަދަދު އަރަނީ ގާތްގަނޑަކަށް 3،000 އަށެވެ. ނަމަވެސް، ރައީސް އިސްވެ ހުންނަވައި، އެ ޕާޓީއަކީ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުމުގެ މަސައްކަތްތައް ޕީއެންސީން ކުރިއަށްގެންދިޔައެވެ.
އެ މަސައްކަތުގެ ދަށުން މިދިޔަ އަހަރު އެތައް ހާހުން މެންބަރުން އިތުރުކޮށް، މީގެ ކުރިން އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ މަގާމުން ޕީއެންސީން ވަނީ އަތުލައިފައެވެ.
އެ ޕާޓީއަށް ވަނީ، ސައްހަ ނޫން ފޯމްތަކުން މެންބަރުންގެ އަދަދު އިތުރުކޮށްފައިވާކަމުގެ ގިނަ ތުހުމަތުތަކެއް އަމާޒުކޮށްފައެވެ. އެގޮތުން، އިދިކޮޅުން ވަނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)އިން ގަވައިދާ ޚިލާފަށް މީހުންގެ ޒާތީ މައުލޫމާތު ނަގައިގެން ފޯމު ފުރިކަމަށް ވެސް ތުހުމަތުކޮށްފައެވެ.
އެ މައްސަލަ އެމްޑީޕީންވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށާއި، ޕީޖީ އޮފީހަށް މިދިޔަ ޖަނަވަރީ މަހުގެ 16ވަނަ ދުވަހު ހުށަހަޅައިފައެވެ.
އެ މައްސަލަތަކުގެ އަދާހަމައެއް ހާމަނުކުރާއިރު ޕީއެންސީން ވެސް ވަނީ ސައްހަ ނޫން ފޯމުތަކެއް ފުރިފައި ހުރެދާނެ ކަމަށް އިއުތިރާފުވެފައެވެ.
އެ މައްސަލަތައް ފެންމަތިވިވުމުން އީސީން ވަނީ އީފާސް މެދުވެރިކޮށް ޕާޓީތަކަށް ސޮއިކުރެވޭ ގޮތަށް ބަދަލުކޮށްފައެވެ.