ސަން ސިޔާމް މީޑިއާގެ އެސްއެސްޓީވީ އާއި ޓައިމް އެކަޑަމީ އޮފް ޕަރފޯމިންގ އާޓްސް ގުޅިގެން އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ފަށާ, ކުޑަކުދީންގެ ލަވަކިޔުމުގެ މުބާރާތް - ޝައިނިންގ ސްޓާރ 2025ގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 އަށް އިތުރު ކޮށްފިއެވެ.
ކުޑަކުދިންގެ ލަވަ ކިޔުމުގެ ހުނަރު ދައްކާލަން ލިބޭ މި މުބާރާތް އިއުލާން ކޮށްފައިވަނީ, މިދިޔަ މިނިވަން ދުވަހު (ޖުލައި 26) ގައެވެ. އޭރު މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު މިދިޔަ އާދިއްތަ ދުވަހަށް ހަމަވިއިރު ގިނަ ކުދިންތަކެއް ވަނީ ބައިވެރިވެފައެވެ.
މި މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނީ އިތުރު ކުދިން ބައިވެރިވުމަށް އެދެމުން އަންނާތީ ފަހު ފުރުސަތެއްގެ ގޮތުން, މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާނެ ކަމަށެވެ.
https://www.sun.mv/210078
މި މުބާރާތުގައި ބައިވެރިވުމަށް އެދި އެސްއެމްއެސް އެއް ފޮނުވީމާ އިންތިޒާމްކުރާ ފަރާތުން އެސްއެމްއެސް ފޮނުވި ނަންބަރާ ގުޅައި އިތުރު މަޢުލޫމާތު ހޯދާނެއެވެ. ބައިވެރިވުމަށް އެސްއެމްއެސް ކުރާނީ:
SS (space) Name, Age (send SMS to 2747).
މުބާރާތުގައި ބައިވެރިވުމުގެ އިދާރީ ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއަކު 500 ރުފިޔާ ދައްކަންޖެހެއެވެ.
މުބާރާތުގައި ބައިވެރިވާން މެސެޖު ފޮނުވާފައިވާ ނަންބަރުތަކަށް މާދަމާއިން ފެށިގެން އެސްއެސްޓީވީއިން ގުޅަމުން ގެންދާނެއެވެ.
ޝައިނިންގ ސްޓާރގެ ސީނިއާ ގްރޫޕްގެ ޢުމުރުފުރާ ގައި 1 ޖަނަވަރީ 2025 އަށް 18 އަހަރުފުރި 19 އަހަރު ނުފުރޭ ކުދީންނަށް ފަހުން ވަނީ އެ ޢުމުރުފުރާ ފުޅާކޮށްދީފައެވެ. މިކަން މިގޮތަށް ހެދި ސަބަބެއްކަމުގައި މުބާރާތް އިންތިޒާމް ކުރާފަރާތުން ބުނަނީ، ކޮވިޑްގެ ސަބަބުން ސްކޫލްތައް ބަންދުވެ ސްކޫލް ނިންމާ ޢުމުރުފުރާ ބައެއް ދަރިވަރުންނަށް ފަސްވެފައިވާތީ، އެފަދަ ދަރިވަރުންނަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
މި ބަދަލުގެ އިތުރުން، މުޅިން އާ ޢުމުރުފުރާއެއް ވަނީ ތަޢާރަފްކޮށްފައެވެ. މުބާރާތުގައި ނާސަރީ ޢުމުރުފުރާ ހިމަނައިދިނުމަށް ވަރަށް ގިނަ ބެލެނިވެރިން އެދެމުންދާތީ، 1 ޖަނަވަރީ 2025 އަށް ތިން އަހަރު ފުރި ހަ އަހަރު ނުފުރޭ ތުއްތު ކުދީންނަށް ނާސަރީ ގްރޫޕްގެ ނަމުގައި ޢުމުރުފުރާއެއް މިހާރުވަނީ ތަޢާރަފްކޮށް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
މި ބަދަލުތަކާއެކު 1 ޖަނަވަރީ 2025 އަށް ތިން އަހަރު ފުރި ހަތަރު އަހަރު ނުފުރޭ ކޮންމެ ކުއްޖަކަށް ވެސް ޝައިނިންގ ސްޓާރ 2025 ލަވަކިޔުމުގެ މުބާރާތުގައި މިހާރު ބައިވެރިވެވޭނެއެވެ.
މި މުބާރާތުގައި މާލެ، ހުޅުމާލެ، ވިލިނގިލީގައި ދިރިއުޅޭ ދަރިވަރުން ލަވަ ހުށަހަޅަން ޖެހޭނީ މުބާރާތް އޮންނަ ތަނަށް ހާޒިރުވެ މުބާރާތުގެ ސްޓޭޖްގައި ލައިވްކޮށެވެ. މި ސަރަހައްދުން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް ސްޓޭޖްގައި ލަވަ ހުށަހެޅުމުގެ ފުރުސަތުގެ ބޭނުން ހިފަން ބޭނުން ނުވާނަމަ، އިންތިޒާމްކުރާ ފަރާތުން ކަނޑައަޅާ މިންގަނޑުތަކަށް ރެކޯޑްކުރާ ވީޑިއޯއެއް، އެކަމަށް ކަނޑައަޅާފައިވާ ޕޯޓަލް މެދުވެރިކޮށް ފޮނުވައިގެން ބައިވެރިކުރެވިދާނެއެވެ. މިކަމުގެ ތަފްޞީލް ފަހުން އިޢުލާންކުރާނެކަމަށް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.
ދަރިވަރުންގެ އުމުރު ފުރާތަކަށް އަމާޒުކޮށްގެން ލަވަ މުބާރާތެއް ނުބާއްވާތާ ވަރަށް ގިނަ ދުވަސްތައް ފާއިތުވެފައި ވުމާއެކު، ވާދަވެރި މާހައުލެއްގައި ލަވަ ކިޔުމުގެ ފުރުސަތަކަށް އެދިއެދި ތިބި ދަރިވަރުން ވަރަށް ގިނައެވެ.
އެސްއެސްޓީވީ އާއި ޓައިމް އެކަޑަމީ ގުޅިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށް އަމާޒުކޮށްގެން, ހިލޭ ބޭސިކް ވޯކަލް ޓްރެއިނިންގ އޮންލައިން ސެޝަންތަކެއް ބޭއްވުމަށް ވެސް ޓައިމް އެކަޑަމީން ދަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭގައި ޢާންމުކޮށް ބާއްވާ މިފަދަ ލަވަ މުބާރާތްތަކުގައި އިންސާފުކުރާ މިންގަނޑުތަކަށާއި އުސޫލުތަކަށް ބަދަލު ގެނެސް، ޝައުގުވެރިކަން ހިފަހެއްޓުމުގެ އިތުރު ބައިތައް ހިމެނުމަށް ނިންމާފައިވާ މި މުބާރާތް އެސްއެސްޓީވީ އާއި ސަންޕްލޭ އެޕުން ވަގުތުން ދުރަށް ދައްކާނެއެވެ. އަދި އަބަދަށް ފެންނަން ހުންނާނޭހެން މުބާރާތުގެ ލަވަތައް ސޯޝަލް މީޑިއާގައި ޕަބްލިޝްކުރެވޭނެއެވެ.