އިގުތިސާދީ އަދި އުމްރާނީ ތަރައްގީ ހިމެނޭ ގޮތަށް، ޗައިނާއާއެކު 11 ފަހުމުނާމާގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި ޗައިނާ ދެމެދު އޮތް ސޮއިކުރެއްވުމުގެ ރަސްމިއްޔާތު-- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާބެހޭ 11 ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަސްމިއްޔާތު ބޭއްވީ ޗައިނާގެ ބެއިޖިންގެ، ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައެވެ.

ރައީސް އޮފީހުން ބުނީ، އެ ރަސްމިއްޔާތުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ މަގުސަދުގައި ޖުމްލަ 11 ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ އެ ފަހުމުނާމާތަކުގެ ތެރޭގައި ދެ ގައުމުގައި އިގުތިސާދީ ތަރައްގީ، އުމުރާނީ ތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާގުޅޭ އެއްބަސްވުންތައް ހިމެނޭ ކަމަށެވެ.

ޗައިނާއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް

ރައީސް އޮފީހުން ބުނީ، އެ ފަހުމުނާމާތަކަކީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ދެމެހެއްޓެނިވި ތަރައްގީއަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުންތަކުގައި ހިމެނޭ ތަފުސީލުތައް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

ރައީސް ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ، މި ދަތުރުފުޅަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިކޮށްދޭނެ ދަތުރުފުޅެއް ކަމަށެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން އެހީ ފޯރުކޮށްދޭ ގައުމުކަމަށްވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑެެތި ތަރައްގީގެ މަޝްރޫއުތައް ހިމެނެއެވެ.

comment ކޮމެންޓް