އެސްއޯއީތަކުގެ ސެކްރެޓަރީންގެ އުސޫލެއް: މަސްއޫލިއްޔަތު އަދާކުރޭތޯ އަހަރަކު އެއް ފަހަރު ބޯޑުން ބަލާނެ

ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: އެސްއޯއީތަކުގެ ސެކްރެޓަރީންގެ އުސޫލުވަނީ، ސެކްރެޓަރީން މަސްއޫލިއްޔަތު އަދާކުރޭތޯ އަހަރަކު އެއް ފަހަރު ބޯޑުން ބަލާނެ ކަމަށް ބުނެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންގެ މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމާއި، އެ މަގާމަށް މީހުން ހޯދުމާއި ވަކިކުރުމުގައި އަމަލު ކުރާނެ ގޮތުގެ އާ އުސޫލެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ފާސްކޮށްފިއެވެ.

ޕީސީބީން ބުނީ މިދިޔަ ބުދަ ދުވަހު ފާސްކުރި އުސޫލުގެ މައިގަނޑު މަގުސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންނަކީ ކަމަށް އެކަށޭނެ ގާބިލު ބަޔަކަށް ހެދުމާއި މަގާމުގެ މަސްއޫލިއްޔަތުތައް އެއްހަމަކުރުން ކަމަށެވެ. އަދި އެ މަގާމަށް މީހުން ނެގުމާއި މަގާމުން ވަކިވުމާއި ވަކިކުރާނެ އުސޫލުތައް އެއް އުސޫލަކުން ދެފުށްފެންނަގޮތަކަށް ބަޔާންކުރުމަކީ ވެސް މަގުސަދެއް ކަމަށް އެ ބޯޑުން ބުންޏެވެ.

އެ އުސޫލުން، ކުންފުނީގެ ސެކްރެޓަރީންގެ މަސައްކަތާއި، ކުންފުނީގެ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެ މަގާމަށް ދޭންޖެހޭ ހައިބަތާއި ގަދަރު ލިބުމަށް މަގުފަހިކުރުމަށްވެސް ބާރު އަޅާނެ ކަމަށް ޕީސީބީން ބުންޏެވެ.

އެ އުސޫލުގައި، ކުންފުނީގެ ސެކްރެޓަރީގެ މަގާމުގެ ތައުލީމާއި ތަޖުރިބާގެ ޝަރުތުތަކާއި، މަގާމުގެ ޒިންމާތަކާއި، ކުންފުނީގެ ސެކްރެޓަރީން އައްޔަނުކޮށް ވަކިކުރެވޭނެ އިޖުރާއަތުތައް ބަޔާންކޮށްފައިވެއެވެ.

އެ އުސޫލުގައި ވަނީ، ސެކްރެޓަރީ ކަމަށް އައްޔަންކުރާ މީހެއްގެ އެންމެ ދަށްވެގެން ހުންނަން ޖެހޭ ޝަރުތުތައް ހިމަނައިފައެވެ. އޭގެ ތެރެއިން ފުރަތަމަ ކެޓެގަރީގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ ބޭންކުތަކަށާއި އެހެނިހެން ފައިނޭންޝަލް އިންސްޓިޓިއުޝަންތައް ހިމެނެއެވެ.

އެ ކެޓަގަރީގެ ކުންފުނިތަކަށް އައްޔަން ކުރާ ސެކްރެޓަރީންގެ މެނޭޖްމެންޓް މަގާމުތަކުގައި ފަސް އަހަރުގެ ތަޖުރިބާއާއި މަގާމާ ގުޅުންހުރި ދާއިރާތަކުން މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައި ހުންނަން ޖެހެއެވެ. އެގޮތުން މާސްޓާސް ޑިގްރީ އޮންނަ މީހަކަށް ހަތް އަހަރުގެ ތަޖުރިބާއިން ޝަރުތު ހަމަވާއިރު، ޑިގްރީ އޮންނަ މީހަކަށް ޝަރުތު ހަމަވާނީ މަދުވެގެން ނުވަ އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިފައިވާނަމައެވެ.

އެންމެ މަތީ ކެޓަގަރީގެ ކުންފުނިތަކަށް އައްޔަންކުރާ ސެކްރެޓަރީންގެ ހުންނަން ޖެހޭ ޝަރުތުތައް --

އެންމެ ދަށް ކެޓަގަރީގެ ކުންފުނިތަކަށް، އެއީ އެސްއޯއީތަކުގެ ސަބްސިޑަރީ ކުންފުނިތަކަށް ހިމެނޭ ގޮތަށް، އައްޔަންކުރާ ސެކްރެޓަރީންގެ ވެސް ޑިގްރީ ފާހަކާއެކު، މަގާމާ ގުޅުންހުރި ދާއިރާއަކުން ފަސް އަހަރުގެ ތަޖުރިބާ ހޯދައިފައި އޮންނަން ވާނެއެވެ.

އެ އުސޫލުގައިވާ ގޮތުން، މަސައްކަތުގެ ތަޖުރިބާގެ ދާއިރާތަކުގެ ގޮތުގައި ބަލާނީ ގާނޫނީ ދާއިރާއާއި ގަވަނަންސް ދާއިރާއާއި މެނޭޖްމެންޓް ދާއިރާއާއި ސެކްރެޓޭރިއޭޓް ބެލެހެއްޓުމާ ގުޅުންހުރި ދާއިރާއެވެ.

އެ މަގާމަށް އައްޔަން ކުރާ މީހަކު ހަ މަސް ދުވަހުގެ ތެރޭގައި، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ފަރާތުން ހިންގާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ކުންފުނީގެ ބޯޑުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ ބޯޑުން، މަދުވެގެން ކޮންމެ އަހަރަކު އެއް ފަހަރު، ސެކްރެޓަރީ މަސްއޫލިއްޔަތު އަދާކުރާވަރު ބެލުމަށް އެޕްރެއިޒަލްއެއް ހަދާނެއެވެ.

އެ އުސޫލުގައި ވަނީ ސެކްރެޓަރީއަށް އިސްލާހީ ފިޔަވަޅުތައް އެޅޭނެ ހާލަތްތައް ވެސް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރުން
  • މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި އިހުމާލުވުން
  • ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން
  • ކުންފުނީގެ ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލުތައް ބެހެއްޓުން

މީގެ އިތުރުން ސެކްރެޓަރީ މަގާމުން ވަކިކުރަން ވަނީ ކުންފުނީގެ ބޯޑުގެ ޖަލްސާއެއްގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމަކުން ކަމަށް ވެސް އުސޫލުގައިވެއެވެ.

އެ އުސޫލު އާންމުކުރުމާއެކު މިއަދު ވަނީ އަމަލުކުރަން ފަށައިފައެވެ.

ރާއްޖޭގައި ސަރުކާރު ހިއްސާވާ 30އަށްވުރެ ގިނަ ކުންފުނި އޮންނައިރު، އެ ކުންފުނިތަކުގެ ޚަރަދާއި ދަރަނި ބޮޑުވުމަކީ ދައުލަތަށް އޮތް ވަރަށް ބޮޑު ބުރައެކެވެ. ކޮންމެ ސަރުކާރަކުން ވެސް އެ ކުންފުނިތައް ސިޔާސީ ކަންކަމުގައި ބޭނުންކުރާކަމުގެ ޝަކުވާއާއި އަމިއްލަ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދިނުމުގެ މައްސަލަތައް ވެސް ގިނަ އަދަދަކަށް ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް