ލިސާން: ވާހަކަ --

"ކަލޭމެންގެ ދަރިއާ އެބަ އުޅޭ އެއްޗެއް އަވަލައިގެން. އެއީ ބާރުގަދަ އެއްޗެއް." ފައުޒީ ބުނެލިއެވެ.

ފައުޒީގެ ވާހަކައާއެކު، ވާފިރާ ނަދީދާއާ ދެމީހުންނަށް އެކަކު އަނެކަކަށް ބަލައިލެވުނީ ކަންބޮޑުވެފައިވާ ފަދަ ގޮތަކަށެވެ. ނަދީދާގެ ހަށިގަނޑުގައި ފިނި ރާޅެއް ދަތުރު ކޮށްލިއިރު، އޭނާއަށް ބިރުން ވާފިރުގެ އަތުގައި ހިފައްޓައިލެވުނެވެ.

"ވާފިރު.." ތުރުތުރު އަޅަމުން ދިޔަ އަޑަކުން ނަދީދާއަށް ފިރިމީހާއަށް ގޮވައިލެވުނުއިރު، އޭނާގެ އަތްފައިވެސް ވަނީ އެކީ ފިނިވެފައެވެ.

އޭނާގެ އަތުގައި ހިފައްޓާފައިވާ ނަދީދާގެ އަތުގައި އަނެއް އަތުން ވާފިރު ހިފައްޓައިލިއެވެ. އަދި ފައުޒީއަށް ބަލައިލާފައި ވާހަކަ ދެއްކިއެވެ.

"ފައުޒީ. އަހަރެމެންގެ ދަރިފުޅު އޭތީގެ ކިބައިން ސަލާމަތް ކޮށްދީ. ހެޔޮ ނުވާނެ." ވާފިރު ބުނެލި އެވެ.

"މިވަގުތަށް އަހަރެން މިއައީ ޙާލަތު ބަލައިލަން. އެ އެއްޗާ ކުރިމަތިލެވޭނީ ވަރަށް ބޮޑަށް ތައްޔާރުވެގެން. މާދަމަ އަހަރެން މިގެއަށް އަންނާނަން. ކަންތައް ކުރަންވީ ގޮތް އޭރުން ކިޔައިދޭނަން." ފައުޒީ ވަށައިގެން އޭނާގެ ކަޅި ހިންގައިލިއެވެ.

"އަހަރެން ބޭނުން މިރެއިން މިރެއަށް ވެސް، މަސައްކަތް ފަށަން." ފައުޒީ ދެއްކި ވާހަކަތަކާ މެދު ރަނގަޅަށް ވިސްނާނުލާ ވާފިރު ވާހަކަ ދެއްކިއެވެ. އޭނަގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ނަދީދާ ބޯ ޖަހައިލިއެވެ.

"އަހަރެން އެބަ ވަރަށް ބިރުގަނޭ." ނަދީދާއަށް ބުނެވުނެވެ.

"ހާސްނުވޭ... އެ އެއްޗަކަށް ނުކެރޭނެ ކަލޭމެންނަށް ގެއްލުން ދޭކަށް." އެހެން ބުނެލާފައި ފައުޒީ އޭނަ އުނަގަނޑުގައި އަޅުވާލާފައި އޮތް ދަބަހުން ނެގީ ތަވީދެކެވެ. ތަވީދު ދިއްކޮއްލަމުން އެ އަޅައިގެން އުޅުމަށް އޭނާ އެ ދެމީހުން ގާތު ބުނެލިއެވެ.

"މިރޭ ހަމަ އިތުރު ގޮތެއް ހެދޭކަށް ނެތްތަ؟" ނަދީދާ ވަނީ އަދިވެސް ހާސްވެފައެވެ. ފައުޒީގެ ވާހަކަތަކުން އޭނަގެ ހިތަށް ކުޑަ ވެސް ހަމަޖެހުމެއް ނުލިބެއެވެ.

"އަހަރެންވެސް ތައްޔާރުވެލަން ވަގުތު ބޭނުންވާނެ. ރަނގަޅަށް ތައްޔާރުނުވެ ކުރެވޭ ކަމަކުން އަހަރެމެންނަށް ވެސް ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ." ފައުޒީ ވާފިރާ ނަދީދާއާ ދެމީހުންނަށް ވިސްނައިދޭން ބޭނުންވިއެވެ. އެކަހަލަ ކަންކަމަކީ ދުލުން ބުންޏަސް ފަސޭހަ ކަންތައްތަކެއް ނޫނެވެ.

"އެ ތެދެއް ވާފިރު. ފައުޒީ ބުނާ ގޮތަށް ކަންތައް ކުރޭ. އޭނައަށް އިތުބާރުކުރޭ." އެ ހުރިހާއިރު އެއްޗެއް ނުބުނެ އެމީހުންގެ ވާހަކަތައް އަޑު އަހަން ހުރި އަހަންމައިދީ އެންމެ ފަހުން ވާހަކަ ދެއްކިއެވެ. ވަގުތާ ޙާލަތުގެ ގޮތުން ވާފިރުގެ ދެމަފިރިން ކިތަންމެ ހާވެސް ކަންބޮޑުވާނެކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް މިކަހަލަ ކަންތައް ކުރަން ޖެހޭނީ ވަރަށް ވިސްނާ ތައްޔާރުވެގެންނެވެ. ފައުޒީއަކީ ކިތަންމެ މޮޅު މީހަކަސް، އޭނަވެސް އެކަހަލަ ކަމަކާ ކުރިމަތިލުމުގެ ކުރިން ތައްޔާރީތަކެއް ވާން ޖެހޭނެއެވެ.

"އަހަންމައިދީ އެބުނީ ތެދެއް. އަހަންނަށް އިތުބާރުކުރޭ... މާދަމާ ހެނދުނު އަހަރެން އަންނާނަން." ފައުޒީ ބުނެލިއެވެ. ވާފިރާ ނަދީދާއާ ދެމީހުންވެސް އެކަމަށް އެއްބަސްވީ މިވަގުތަށް އިތުރު އެއްވެސް ގޮތެއް ނެތުމުންނެވެ. ފައުޒީއަށް އިތުބާރު ކުރުން ނޫން ގޮތެއް މިއަދު އެ ދެމީހުންނަކަށް ނެތެވެ.

"މި ކަންތައް ނިމުނީމަ އަހަރެން އަގެއް ކިޔާނަން." ފައުޒީ އަކީ އެކަހަލަ ކަންތައް އަގަށް ކޮށްދޭ މީހެއްކަމުން ދިޔުމުގެ ކުރިން އޭނާ ބުނެލިއެވެ. މާބޮޑު ވިސްނުމަކާ ނުލާ ވާފިރު ބޯ ޖަހައިލީ، އެއްބަސްވުމުގެ ގޮތުންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މިވަގުތަށް އެހެން ހުރިހާކަމަކަށް ވުރެ ބޮޑަށް އެމީހުންނަށް މުހިންމީ ސަމްރާގެ ރައްކާތެެރިކަން ވިއްޔާއެވެ. ކިތަންމެ ބޮޑު އަގެއް ވާފިރަށް ދީގެންވެސް އެ ޖިންނީގެ ކިބައިން ސަމްރާ ސަލާމަތްކުރަން އެމީހުން ބޭނުމެވެ.

އަހަންމައިދީއާއި ފައުޒީ އާ ދެމީހުން ނުކުމެގެން ދިޔުމާއެކު، ވާފިރު ނަދީދާ ގެންގޮސް ޖޯލީގައި ބައިންދާފައި ހަމަޖެހިލުމަށް ބުނެލިއެވެ. އެ އަތުގައި ފިރުމާލާފައި ކާގެއާ ދިމާލަށް ހިނގައިގަންނަން އުޅުނު ވަގުތު ނަދީދާ އޭނަގެ އަތުގައި ހިފައްޓަމުން ދެފަރާތައް ބޯ ހޫރައިލީ ނުދާށޭ ބުނުމުގެ ގޮތުންނެވެ. ވާފިރު ނަދީދާ ހަމަޖެއްސުމަށް ވާހަކަ ދެއްކިއެވެ. އެއަށްފަހު އޭނާ ކާގެއަށް ގޮސް އައީ ފެންތައްޓެއް ހިފައިގެންނެވެ. ނަދީދާ އަތަށް ފެންތަށި ދީފައި ވާފިރުވެސް ޖެހިގެން ހުރި ޖޯލީގައި އިށީނދެއްޖެއެވެ.

"ސަމްރާ ކޮބާ؟" ވާފިރު ސުވާލުކޮށްލިއެވެ.

"ކޮޓަރީގައި..." ނަދީދާ ޖަވާބު ދިނުމުން ވާފިރު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.

"އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރެމެން މިކަމުން ސަލާމަތްވާނެ!" ވާފިރު ބުނެލިއެވެ. ލޯބިވާ އަނބިމިހާގެ ކޮނޑުގައި އަތް ޖައްސައިލަމުން، ވާފިރު، ފިރުމައިލިއެވެ.

*****

ވާފިރުމެން ގޭގެ ވަށާފާރުން ނުކުމެވުމާއެކު، ފައުޒީ ފަސް އެނބުރިފައި އަދިވެސް އެއްފަހަރު އެގެއަށް ބަލަައިލިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ.

"ކިހިނެއްވީ؟" އަހަންމައިދީ ސުވާލުކޮށްލިއެވެ.

"އެއީ ވަރަށް ބާރުގަދަ އެއްޗެއް. ރަނގަޅަށް ތައްޔާރުނުވެ ކުރިމައްޗެއް ނުލެވޭނެ." ފައުޒީ ޖަވާބު ދިނެވެ. "އެހަށް ހިނގާ ދާން."

އަހަންމައިދީ ވެސް އިތުރު އެއްޗެއް ނުބުނެ ހިނގަައިގަތީއެވެ. އިތުރަށް ސުވާލު ކުރުމުގެ ޝައުޤުވެރިކަމާއެކުވެސް ފައުޒީ ނުރުހިދާނެތީ އޭނާ ހިމޭންކަން ޚިޔާރުކުރިއެވެ.

އަހަންމައިދީ އާއި ފައުޒީއާ ދެމީހުން ގޮސް ލޯ މަތީން ގެއްލެން ދެން އެ ދެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ދުރުގައި ކަޅުކުލައިގެ ހިޔަންޏެއް ހުއްޓެވެ. އިރުކޮޅަކުން އޭނަ ގެއްލުނު އިރު، އެތަނަށް ނޫކުލައިގެ އައްޔެއް ފެތުރިގެން ދިޔައެވެ.

ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ސަމްރާގެ މޫނުމަތީން ނުތަނަވަސްކަމެއް ފާޅުވަމުން ދިޔައެވެ. މީގެ އިރުކޮޅެއް ކުރިން އޭނާއަށް ވީ ގޮތުންނެވެ. އެ ވާހަކަ ހިއްސާކުރާނީ ކާކާ ބާއޭ ސަމްރާގެ ހިތަށް އެރިއެވެ. އެ އާދަޔާ ޚިލާފު ކަމަކީ އޭނާއަށް ހީވި ހީވުމެއް ނޫނެވެ. އެކަމެއް ހިނގައިދިޔައީ އޭނާ ހަމަހޭގައި ހުއްޓައެވެ.

*****

ގަޑިން އެގާރަޖަހާ ބޮޑުވެއްޖެއެވެ. ޖޯލީގައި އެތަކެއް އިރަކު ތިބެފައި، ވާފިރާ، ނަދީދާއާ ދެމީހުން ނިދަން ވަނުމާއެކު، ސަމްރާ ކޮޓަރިން ނުކުތެވެ. ގެއިން ނުކުތުމާއެކު، އޭނާގެ މިސްރާބުހުރި ތުނޑިއާ ދިމާލަށެވެ. ރައާބިލް އޭނާ އާ ބައްދަލުކުރުމަށް މިރޭ ތުނޑިއަށް ދާނެ ވާހަކަ ބުނެފައިވާތީއެވެ. މަގެއްގެ މަތިން މީހެއްގެ ހިލަންވަނީ މަދު ފަހަރެއްގައެވެ. ރަށަކީ ދަންވަރަށް މާގިނައިން މިހުން ހޭލާ އުޅޭ ރަށެއް ވެސް ނޫނެވެ. އަވަށުން ނުކުމެގެން ތުނޑީމަގަށް ނުކުތް ސަމްރާ ފަހަތް ބެލުމެއްނެތި ކުރިއަށް ހިނގަމުން ދިޔައެވެ. ތުނޑިއަށް ފޭބުމާއެކު، ހަށިގަނޑުގައި ބީހިލީ ތެތްފިނި އެހެނަސް ލުއި ވައިރޯޅިތަކެކެވެ. ފަލަކުގައި އިނދެ ރަސްކަން ކުރަމުން ދިޔަ ސާދަފަނަރަ ވިލޭރޭގެ ހަނދުގެ ރިހިއަލިން މުޅިތަން ވަނީ ދިއްލާލާފައެވެ. ގޮނޑު ދޮށަށް ބޮސްދެމުން ދިޔަ ރާޅުތަކަށް ބަލަހައްޓައިގެން ހުރިއިރު މާހައުލުގެ ހިމޭންކަން މުގުރަމުން ދިޔައީ އެ ދިމާ ފަރުމައްޗަށް ބިންދަމުން ދިޔަ ރާޅުގެ އަޑުންނެވެ. ސަމްރާ ވަށައިގެން ހޯދައިލިއެވެ. ރައާބިލްގެ ޚަބަރެއް ނުވެއެވެ. ހޭޅި ފަށުގައި ހެދިފައިވާ ގަސްތައް ޖެހިލާ ވައިރޯޅިއާއެކު، ތެޅިލާއިރު ހިޔަނިތައްވެސް އެއާ އެއްވަރަަށް ނަށާލައެވެ. ސަމްރާ މޫދާ ދިމާލަށް އެނބުރިލައިގެން ހުރުމަށްފަހު ފަހަތަށް އެނބުރިލުމާއެކު، އޭނާ ޖެހުނީ ތަނަވަސް މޭމައްޗެއްގައެވެ. އެއާއެކު އޭނާގެ އަނގައިން މަޑު ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި ކުރިމަތީގައި ހުރި ރައާބިލް ފެނުމާއެކު، މޭގައި އަތް އަޅައިލަމުން ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހައިރާންކަމާއެކު އޭނާއަށް ރައާބިލްއާ ދިމާލަށް ބަލައިލެވުނެވެ. ދެންމެ އޭނާ ވަށާބަލައިލިއިރު ރައާބިލް އެއް ނެތެވެ. އެހާ އަވަހަށް އޭނަގެ ފަހަތަށް އައިސް ރައާބިލް ހުއްޓުނު ގޮތެއް ސަމްރާއަކަށް ނޭނގުނެވެ.

"ރައާބިލް." ސަމްރާ ގޮވައިލިއެވެ.

އެއާއެކު ރައާބިލް ސަމްރާގެ އަތުގައި ހިފައްޓަައިލިއެވެ.

"ސަމްރާ އަހަރެން ދެކެ ލޯބިވޭތަ؟" ރައާބިލް ސަމްރާއާ ސުވާލުކޮށްލިއިރު އަޑުގައި ސީރިއަސްކަން ނޫނީ ނުވެ އެވެ. އެ ފަދަ އަސަރުތަކަކާ އެކު ރައާބިލް ސުވާލުކޮށްލުމުން ސަމްރާއަށް ނިކަން އަވަސް އަވަހަށް ބޯ ޖަހައިލެވުނެވެ.

"އާނ." އޭނަ ބުނެލިއެވެ.

"އަހަންނަކީ ކޮންމެ ކަހަލަ މީހަކަށް ވީ ނަމަވެސް ސަމްރާ އަހަރެން ދެކެ ލޯބިވާނަންތަ؟" ސަމްރާގެ ޖަވާބު އަހާފައި ރައާބިލް އޭނާގެ ދެވަނަ ސުވާލެއް ވެސް އަމާޒުކޮށްލިއެވެ. އޭރުވެސް އޭނާ ހުރީ ސަމްރާގެ އަތުގައި ހިފައްޓާލައިގެންނެވެ.

"ރައާބިލް ކޮން ކަހަލަ ވާހަކައެއް ތި ދައްކަނި؟" ސަމްރާއަށް ބުނެވުނެވެ. "ކިހިނެއްވީތަ؟ މީހަކު އެއްޗެއް ކީތަ؟"

ރައާބިލް އޭނާގެ އަތު ތެރޭގައި އޮތް ސަމްރާގެ އަތަށް ބާރުކޮށްލިއެވެ.

"އަހަރެން ވަރަށް ބޮޑު ކަމެއް ސަމްރާއަށް ސިއްރުކުރިން." އެހެން ބުނެލިއިރު ރައާބިލްގެ އަޑުގައި ޖެހިލުންވުމެއްގެ އަސަރު ވެއެވެ. ސަމްރާ އޭނަ ދޫކޮށްލަފާނެތީ ހިތުގެ ތެޅުން ބާރުވެލިއެވެ. މީގެ ކުރިން ނުފެންނަ ފަދަ ނުތަނަވަސްކަމެއް ރައާބިލްގެ ކިބައިން ފެންނާތީ ސަމްރާވެސް ހާސްވާގޮތްވިއެވެ.

"ކީކޭތަ ތިކިޔަނީ ރައާބިލް؟ ސާފުކޮށް ކިޔައިދީބަލަ. އަހަރެން އެބަ ބިރުގަނޭ." ސަމްރާއަށް ނުތަނަވަސްކަމާއެކު ދެބުމަ އުފުއްލައިލެވުނެވެ.

"ވަޢުދުވޭ... ވަޢުދުވޭ އަހަރެން ދޫކޮށްލާފަ ނުދާނެކަމަށް. އޭރުން އަހަރެން ކޮންމެ ގޮތަކުން ވެސް ސަމްރާއަށް ހިމާޔަތްދޭނަން." ރައާބިލްގެ އަޑުގައި މިފަހަރު ވީ އާދޭހުގެ އަސަރެވެ. ދެން ވެސް ސަމްރާއަށް ސުވާލުކޮށްލެވުނީ ވެގެން އުޅޭ ގޮތަކާ ބެހޭގޮތުންނެވެ.

އެވަގުތު ރައާބިލްގެ ނޫކުލައިގެ ދެލޮލުގެ ވިދުން ގަދަވެލިހެން ވެސް އޭނާއަށް ހީވި އެވެ. ސަމްރާ ބޯ ޖަހައިލިއެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ.

"ސަމްރާ... އަހަންނަކީ... އަހަންނަކީ އިންސާނެއް ނޫން." ރައާބިލް ހާމަކޮށްލިއެވެ. އޭނާއަށް ދެލޯ މަރައިލެވުނެވެ.

"ރައާބިލް. ކީކޭ ތިކިޔަނީ؟" ސަމްރާއަށް ހީވީ އެއީ ރައާބިލް ކުރި ސަމާސާއެއް ހެންނެވެ.

"އާނ. އަހަންނަކީ އިންސާނެއް ނޫން." ރައާބިލް އެހެން ބުނެލުމަށްފަހު، އޭނާގެ ހަޤީޤަތް ސަމްރާގެ ކުރިމަތީގައި ހާމަކޮށްލިއެވެ. އޭނާއަކީ ކޮން ނަސްލެއްގެ ކާކުކަން ބުނެދިނެވެ. އެއާއެކު، ރައާބިލްގެ ލޮލުގެ ވިދުން ކުރިއެކޭ އެެއްފަދައިން ގަދަވިތަން ސަމްރާއަށް ރީއްޗަށް ފެނުނެވެ. މިފަހަރު އެއީ ކުއްހީއެއް ނޫކަން ޔަޤީން ކުރެވުމާއެކު، އޭނާއަށް ރައާބިލްގެ އަތު ތެރެއިން އަތް ދަމައިގަނެވުނެވެ.

"ޔަޤީންކުރޭ، އަހަރެން ސަމްރާއަށް ގެއްލުމެއް ނުދޭނަން. އަހަރެން ސަމްރާ ދެކެ ލޯބިވޭ." ރައާބިލް ބުނެލިއެވެ. ސަމްރާ ފަހަތަށް ފިޔަވަޅެއް އަޅައިލުމާއެކު، ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭރު އޭނަގެ ދެލޯ ވަނީ ބޮޑުވެފައެވެ.

"އަހަރެން ދެކެ ބިރު ނުގަނޭ. އަހަންނަށް ސަމްރާ ދޫކޮށްލުމަކީ ފަސޭހަކަމެއް ނޫން. އަދި އަމްދުން މިހާރު." ރައާބިލް ބުނެލިއެވެ.

"ސަމްރާ ތި އިނީ އަހަރެންގެ ދަރިއަކަށް ބަލިވެ." ސަމްރާއަށް ބަލަން ހުރެފައި އަނެއްކާވެސް ރައާބިލް ވާހަކަ ދެއްކިއެވެ. ސަމްރާއަށް ހިފައްޓައިލެވުނީ އޭނަގެ ބަނޑުގައެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ރައާބިލް އެބުނާ ބަހުގެ ތެދުކަން އޭނާއަށް ފަހުމްވެގެން ދިޔައެވެ.

"ނޫން." ސަމްރާއަށް ބުނެވުނެވެ. އެއާއެކު، އޭނާގެ ދެލޮލުން ކަރުނަތައް ފައިބައިގެން ދިޔައެވެ. ރައާބިލް ވެސް ހުރި ފެންކަޅިވެފައެވެ.

"ހެޔޮނުވާނެ. ސަމްރާ. އަހަރެން ދުރުކޮށްނުލާ." އެމީހުންނެކޭ އެއްގޮތަށް ސަމްރާވެސް އަހަންނަށް ގެއްލުންދޭން މަސައްކަތްކުރާނީތަ؟" ރައާބިލްގެ ދެލޮލުން ކަރުނައިގެ ވިދުން ސަމްރާއަށް ފެނުނެވެ. އޭނައަށް އެ ހުރި ގޮތަށް ހަރަކާތެއް ވެސް ނުކޮށް ހުރެވުނީއެވެ.

"ޤަބޫލުކުރަން އަހަންނަށް ވެސް ކުށެއް ކުރެވުނުކަން. ސަމްރާއާ ބައްދަލުކުރަން ސަމްރާގެ ވިސްނުމާ ކުޅެވުނުކަން. އަދި ސަމްރާ ތުނޑިމައްޗައް ގެނެވުނުކަން. އެކަމަކު އެއީ ކުރިން. މިހާރަކު އަހަރެން އެފަދަ ގޮތަކަށް ސަމްރާއަކަށް ބާރެއް ނުފޯރުވަން. މިހާރު ސަމްރާ އަހަންނާ ބައްދަލުކުރަން ތި އަންނަނީ ޚުދު ސަމްރާވެސް އެ ގޮތް ބޭނުންވާތީ." ރައާބިލް އޭނާގެ ދުލުން އެ ހުރިހާ ކަމަކަށް އިއުތިރާފް ވަމުން ދިޔައިރުވެސް ސަމްރާއަށް ހުރެވުނީއެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ރައާބިލްއަށް އޭނަ އިތުބާރުކުރާނީ ކިހިނަކުން ހެއްޔެވެ؟ އެއީ ޖިންނިއެކެވެ. އޭނާގެ ވިސްނުމާ ނުކުޅޭކަމަށް ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ސަމްރާގެ ހިތަށް ތަދުވިއެވެ. އޭނަ ވެސް ރައާބިލް ދެކެ ލޯބިވާކަމުގައި އެ ހިތުގެ ވިންދުވެސް ބުނަމުން ދިޔަ ފަދައެވެ. ރައާބިލްއާ ސަމްރާގެ ހަތަރު ކަޅި ބައްދަލު ވެގެން ދިޔަ ހިނދު، އެ ދެލޮލުން ތެދުވެެރިކަން ނޫން އެއްްޗެއްް ނުފެނެއެވެ.

ސަމްރާގެ ކުރިމަތީގައި ހުރެ އާދޭސްކުރަމުން ދިޔަ ރައާބިލްއާ ދިމާލަށް ސަމްރާގެ ހިތް ދީލާލައިގެން ދާން ފެށީ އޭނާގެ އިޚްތިޔާރަކާ ނުލައެވެ.

"ކޮންބައެއް ރައާބިލްއަށް ގެއްލުން ދޭން މަސައްކަތްކުރަނީތަ؟" އެންމެފަހުން އޭނައަށް ސުވާލުކޮށްލެވުނެވެ.

"ސަމްރާގެ މައިންބަފައިންނަށް އަހަަންނާ ސަމްރާއާ އޮންނަ ގުޅުން އެނގިއްޖެ. އަދި އަހަންނަކީ ކާކުކަން ވެސް، އެމީހުން ފަންޑިތަވެރިއެއްގެ އެހީގައި އަހަރެމެން ދެމީހުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި." ރައާބިލް އޭނާއަށް އެނގޭ މިންވަރާއި، މިރޭ ފެނުނު މަންޒަރުތައް ވެސް، ސަމްރާއަށް ކިޔައި ދިނެވެ. އެހުރިހާކަމެއް އެނގުމުން ސަމްރާގެ ހިތް ހިވީ ގެނބިގެން ދިޔަ ހެންނެވެ. އޭނާއަށް ރައާބިލްއާ ކައިރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ.

އެރޭ ސަމްރާ ރައާބިލްގެ ހަޤީޤަތް އެނގި ހުރެ ރައާބިލްއަށް ފުރުސަތު ދިނީ ކަމުގެ ނުރައްކާތެެރިކަން އެނގި ހުރެއެވެ. ރައާބިލްގެ އަތުގައި ހިފައްޓާލަމުން ސަމްރާ އޭނައަށް ބަލައިލިއެވެ.

"ރައާބިލް ބުނީ ތެދެއްތަ؟ އަހަރެން... އަހަރެން އަސްލުވެސް ބަނޑު ބޮޑުތަ؟" ސަމްރާ ސުވާލުކޮށްލިއެވެ. އެއާއެކު ލުއިކޮށް ހީނލާފައި ރައާބިލް ބޯ ޖަހައިލިއެވެ.

"އަންހެން ކުއްޖެއް. ސަމްރާއަށް ނޭނގުނަސް ސަމްރާގެ ބަނޑުގައި ދަރިފުޅު އޮންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ." ރައާބިލް އޮޅުން ފިލުވައިދިނެވެ. އެއާއެކު ސަމްރާ މިރޭ އޭނާއަށް ދިމާވި ހާދިސާއެއް ރައާބިލްއާ ހިއްސާކޮށްލިއެވެ. ރައާބިލް ބުނީ އެކަމާ ކަންބޮޑުނުވުމަށެވެ.

ސަމްރާ ގެއަށްލާފައި ރައާބިލް ދިޔައީ އިތުރު ކަމަކާ ނުވިސްނުމަށް އަދި ކަންބޮޑުނުވުމަށް ބުނެފައެވެ.

ރައާބިލް ޝަހަރަށް ގޮސް ތުނޑިމައްޗަށް ތިރިކޮށްލުމާއެކު، ދެފަރާތް ބަލައިލާފައި އޭނަ ހިނގައިގަތީ ތުނޑިއާ ދިމާ ވަލު ތެރެއަށް ވަދެވެން އޮންނަ ހަނި މަގާ ދިމާލަށެވެ. އެހެންނަމަވެސް ސިހުނީ ނަމީރުގެ އަޑާއެކުގައެވެ. ފަސް އެނބުރުނުއިރު ނަމީރު ހުރީ އޭނާއާ ނުހަނު ކައިރީގައެވެ. ނަމީރުގެ މޫނުމަތީން ފެންނަނީ ހާސްކަމެވެ. ބޮޑުކަމެއް ވެއްޖެކަން ރައާބިލްއަށް ވެސް އެހިނދު އެނގުނެވެ.

ނަމީރު ގޮތް ހުސްވެފައިވާ ޙާލު ހާމަކޮށްލި ވާހަކައިން ރައާބިލްއށް ވެސް ނުތަނަވަސްވެ ނިތުގައި ފިރުމައިލެވުމެވެ. ކުރިއަށް އޮތް ނުރައްކާތެރިކަމުގެ އިންޒާރުގެ ރަނގަބީލުތައް އޭނަގެ ކަންފަތަށް އިވެން ފަށައިފިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު