ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާ ސަރުކާރުގެ ކުންފުނި، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން 2019ވަނަ އަހަރުން 2023ވަނަ އަހަރުގެ ނިޔަލަށް އެކި ފަރާތްތަކަށް ދޫކުރި ލޯނުތަކަށް ގަވައިދުން ފައިސާ ނުދައްކާތީ އެ ލޯނުތަކުގެ 41 ޕަސެންޓު ފައިސާ އަދިވެސް ނުލިބޭކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރު ޖެނެރަލް އޮފީހުން އާއްމުކުރި އެސްޑީއެފްސީގެ 2019-2023ގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2019އިން 2024އަށް ފިނޭންސް މިނިސްޓްރީން 1.14 ބިލިއަން ރުފިޔާ އެސްޑީއެފްސީއަށް ދޫކުރިއިރު، 2023ގެ ނިޔަލަށް އެ ކުންފުންޏަށް މާލީގޮތުން ބޮޑެތި ގެއްލުން ވެފައި ވެއެވެ.
އެ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް އެސްޑީއެފްސީގެ ރައުސްމާލުން 1،428 ފަރާތަކަށް ދޫކުރި 1.57 ބިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން 1.36 ބިލިއަން ރުފިޔާ އަދިވެސް އެ ކުންފުންޏަށް ނުލިބެއެވެ.
އެ 1.36 ބިލިއަން ރުފިޔާގެ ތެރެއިން 554 މިލިއަން ރުފިޔާއަކީ ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ނުދައްކާތާ ތިން މަހަށް ވުރެ ގިނަދުވަސް ވެފައިވުމުން ނަން ޕާފޯމިން އެސެޓް (އެންޕީއޭ)ގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދެވެ.
އެއީ އެސްޑީއެފްސީން ދޫކުރި ލޯނުގެ ތެރެއިން ނުލިބިވާ އަދަދުގެ 47 ޕަސެންޓެވެ.
އޭގެ އިތުރުން އެސްޑީއެފްސީގެ ރައުސްމާލުން ދޫކުރި ލޯނުގެ ތެރެއިން 827 ފަރާތަކަށް ދޫކުރި ލޯނުތަކުގެ އައުޓްސްޓޭންޑިން ޕޭމަންޓުގެ ގޮތުގައިވާ 878 މިލިއަން ރުފިޔާގެ ލޯނަށް މަހުން މަހަށް ފައިސާ އަނބުރާ ދައްކަން ޖެހޭ ތާރީޚާ ހަމައަށް ގަވައިދުން ފައިސާ ދައްކަމުން ނުދާތީ، އަދިވެސް އެ ކުންފުންޏަށް 2023ގެ ނިޔަލަށް 151 މިލިއަން ރުފިޔާ ނުލިބެއެވެ.
ހަމައެއާއެކު ދެހާސް ތޭވީސް ވަނަ އަހަރުގެ ނިޔަލަށް އެންޕީއޭއަށް ވެފައިވާ 554 މިލިއަން ރުފިޔާގެ ތެރެއިން 107 މިލިއަން ރުފިޔާ ނުލިބޭނެ ކަމަށް އެސްޑީއެފްސީން ކަނޑައަޅާފައިވާ ކަމަށާއި، އެ ލޯނުތައް އަނބުރާ ހޯދުމަށް ކުރި މަސައްކަތުން 2024ވަނަ އަހަރުން ފެށިގެން މިދިޔަ ޖުލައި މަހުގެ މެދާ ހަމައަށް ހޯދުނީ އެންމެ 12 މިލިއަން ރުފިޔާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެއާއެކު އޮޑިޓަރު ޖެނެރަލްގެ އޮފީހުން ވަނީ ކުންފުނިން ލޯނު ދޫކުރުމުގައި ބަލާނެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށްފަހު، އާ ލޯނުތައް ދޫކުރަން ފެށުމަށާއި، ލޯނުގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ ފަރާތްތަކާމެދު ކުންފުނީގެ ރިކަވަރީ މެނުއަލްގައިވާ ގޮތަށް ފިޔަވަޅު އަޅަމުން ގެންދިއުމަށް ލަފާދީފައެވެ. އެއަށް ފަހު ވެސް ލޯނު ދައްކަމުން ނުދާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅުއަޅަން އެސްޑީއެފްސީއަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.
އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެސްޑީއެފްސީއަށް އަހަރުން އަހަރަށް ވަމުން އައި ގެއްލުން 2022 ވަނަ އަހަރުން ފެށިގެން ވަނީ ކުޑަވެފައެވެ. އެގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ފުރަތަމަ ފަހަރަށް ވަނީ 45.21 މިލިއަން ރުފިޔާގެ ފައިދާ ވެފައެވެ.