ބިދޭސީ މަސައްކަތްތެރިންގެ ފީތަކުގެ ގިތުގައި ނުލިބި އޮތް 1.7 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ދައުލަތަށް ހޯދިއްޖެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ރޭ ބުނެފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތުތައް އެއްކޮށް ގަވާއިދަށް ފެއްތުމުގެ ގޮތުން މިދިޔަ އަހަރުގެ މޭ މަހު ކުރީކޮޅު ފެށި "އޮޕަރޭޝަން ކުރަނގި"ގެ ދަށުން އެއް އަހަރު ތެރޭ 160،000 އަށް ވުރެ ގިނަ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ރައްކާކުރެވިފައިވާ ކަމަށެވެ.
އަބްދުލްމަޖީދު ވިދާޅުވީ، އޭގެ ފަހުން ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އެއްކުރުމަށްޓަކައި އިތުރުކުރި އެއް މަސް ދުވަހުގެ ތެރޭ އެ މީހުންގެ ބައޯމެޓްރިކްސް އަދާހަމަނުކުރާ ފަރާތްތައް ޕޯޓަލުން ޚިދުމަތް ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް މުއްދަތުގައި މިނިސްޓްރީން ދޭ އިރުޝާދާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރު ހަވާލުވެ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ފެށިއިރު ބިދޭސީން ގެންގުޅޭ ފަރާތްތަކުން ދައުލަތަށް 1.7 ބިލިއަން ރުފިޔާ ދައްކަން ޖެހިފައިވާކަން ފާހަގަވި ކަމަށާއި، މިއަދާ ހަމައަށް އޭގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
"2023، 17 ނޮވެންބަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެއް ކަމަކީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ދައުލަތަށް ދައްކަންޖެހޭ ފީ ގަވައިދުން ބަރާބަރަށް ނުދައްކާ އޮތުން. އެ މަސައްކަތް ފެށިއިރުގައި ދައުލަތަށް ދައްކަންޖެހޭ 1.7 ބިލިއަން ރުފިޔާ އޮތް އެހެންނަމަވެސް މިއަދާ ހަމައަށް 1.2 ބިލިއަން ރުފިޔާ ވަނީ ރިކަވާކުރެވިފައި،" އަބްދުލްމަޖީދު ވިދާޅުވިއެވެ.
އެމްޕްލޯއިމަންޓް ސާވިސް އެގްޒެކެޓިވް ޒުބާން އިބްރާހީމް ވިދާޅުވީ، ފީ ނުދައްކާ މައްސަލައިގައި ސަސްޕެންޑްކުރުމުން ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކުން ފީ ދައްކަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފީ ނުދައްކާ މައްސަލައިގައި ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ރަޖިސްޓްރީކުރި 68،251 ފަރާތުގެ ތެރެއިން ސަސްޕެންޑްކުރީ 13,755 ފަރާތެކެވެ.
ޒުބާން އިތުރަށް ވިދާޅުވީ، ފީ ދެއްކުމަށް ހުޅުވާލި ފުރުސަތުގައި ފީ ނުދައްކާ ފަރާތްތަކުން ޕޭމަންޓްތައް ބަހާލައިގެން ގަވައިދުން ދައްކަމުން އަންނަ ކަމަށެވެ. އަދި، އަހަރު ދުވަހުގެ މުއްދަތަކަށް ޕޭމަންޓް ޝެޑިއުލް އިތުރުކުރުމަށް މިނިސްޓްރީން ވިސްނަމުން އަންނަ ކަމަށެވެ.
އަބްދުލްމަޖީދު ވިދާޅުވީ، ބިދޭސީން ގަވާއިދަށް ފެއްތުމުގެ ބޮޑު ޕްރޮގްރާމެއް ކައިރި މުސްތަގުބަލެއްގައި ފަށާނެ ކަމަށާއި، އެ ޕްރޮގްރާމުގެ ދަށުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފައްތަން އިތުރު ފުރުސަތެއް ލިބޭނެ ކަމަށެވެ.
"މިސާލަކަށް އެ މީހަކީ ޑޮކިއުމެންޓްތައް ފުރިހަމައަށް ނެތް މީހެއް ކަމަށްވިޔަސް، ފިލައިގެން އުޅޭ މީހެއް ކަމަށް ވިޔަސް އަދި އެ ނޫން ވެސް ހާލަތެއްގައި އުޅޭ މީހެއް ކަމަށް ވިޔަސް އެ ފަރާތްތަކަށް ލިބިގެންދާނެ ސިސްޓަމަށް ވަނުމުގެ ފުރުސަތު ކުރިއަށް އޮތް ތަނުގައި،" އަބްދުލްމަޖީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޮޕަރޭޝަން ކުރަނގިގެ ދަށުން އެއްކުރެވުނު މައުލޫމާތުން ވެސް، ގަވައިދާ ހިލާފަށް ގިނަ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާކަން ފާހަގަކުރެވުނު ކަމަށާއި، ވަޒީފާ ދޭ ފަރާތްތަކުގެ އިހުމާލުވުން ފަދަ ހާލަތްތަކާ ހުރެ ގަވާއިދަށް ނުފެތި ނިޒާމުގައި ތާށިވެފައި ގިނަ ބިދޭސީން އެބަތިބިކަން ފާހަގަކުރެވުނު ކަމަށެވެ.