ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ ޓްރީޓޮޕާ ދެކޮޅަށް ހުށަހެޅި މައްސަލަ އަނެއްކާ ވެސް ބޭރުކޮށްލައިފި

ސިވިލް ކޯޓު --

މަދަނީ އިޖުރާއަތުގެ ދަށުން ހުށަހަޅަން ޖެހޭ ފޯމް ނޫން އެހެން ފޯމަކުން މައްސަލަ ހުށަހަޅާފައިވާތީ، ޓްރީޓޮޕް ހޮސްޕިޓަލުން، ކުޑަދޫ ބުރިކޮށްލާފައިވާ ކަމަށް ބުނެ އެ ކޯޓާ ދެކޮޅަށް ހުށަހެޅި މައްސަލަ ދެވަނަ ފަހަރަށް ވެސް ކޯޓުން ބޭރުކޮށްލައިފިއެވެ.

މިއީ ދިވެހި ފިރިހެނަކު، އޭނާގެ ކުޑަދޫ، އޭނާގެ އިޒުނައެއް ނެތި ޓްރީޓޮޕް ހޮސްޕިޓަލުން ބުރިކޮށްލާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

އެއީ، ޓޮންސިލް އޮޕަރޭޝަނެއް ކުރަން ހޮސްޕިޓަލަށް ދިޔުމުން، އެ މީހާގެ އިޒުނައަކާއި އަދި ހުއްދައަކާ ވެސް ނުލައި، ހޮސްޕިޓަލުން އޭނާގެ ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލި މިއީ ދެވަނަ ފަހަރެވެ.

މި މައްސަލަ އެ މީހާގެ ފަރާތުން އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ މިދިޔަ އަހަރެވެ. ދެހާސް ތޭވީސްވަނަ އަހަރުގެ ކުރީކޮޅު ޓްރީޓޮޕުން ކުރި އޮޕަރޭޝަނެއްގައި އެ މީހާގެ ކުޑަދޫ ބުރިކޮށްލާފައިވާ ކަމަށް ބުނެ މިދިޔަ އަހަރު މި މައްސަލަ ހުށަހެޅުމުން އޭރު ކޯޓުން މައްސަލަ ބޭރުކޮށްލީ، ޓްރީޓޮޕް ހޮސްޕިޓަލްގެ އެޑްރެސް ސާފުކޮށްފައި ކޯޓަށް އެންގުމަށް އެ މީހާއަށް ދިން އިރުޝާދާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ބުނެއެވެ.

ދެވަނަ ފަހަރަށް މި މައްސަލަ ހުށަހެޅުމުން ކޯޓުން މި ފަހަރު ފާހަގަކުރީ، މައްސަލަ ހުށަހަޅާފައިވަނީ "އިހުތިފާލު އޮންނަ ބާވަތުގެ ދައުވާ ހުށަހަޅާ ފޯމުން" ކަމަށްވެފައި، މި މައްސަލަ ހުށަހަޅަން ޖެހޭނީ، "ޖިސްމާނީ އަނިޔާއާ ގުޅޭ ދައުވާ ފޯމުން" ކަމަށެވެ.

މި މައްސަލައިގައި އެ މީހާ ހުށަހަޅާފައިވާ ފޯމާމެދު ޓްރީޓޮޕުން ވެސް މި ފަހަރު ޗެލެންޖުކޮށްފައި އޮތް ނަމަވެސް ކޯޓުން މައްސަލަ ބޭރުކޮށްލީ، މި ފަހަރު ހުށަހެޅި ގޮތަށް މައްސަލަ ކުރިއަށް ގެންދާނެ ތަން ނެތް ކަމަށް ބުނެއެވެ. މި މައްސަލަ، އިއްޔެ ކޯޓުން ބޭރުކޮށްލީ، ގާޒީ އަބްދުﷲ އިހްސާނެވެ. މިދިޔަ އަހަރު މައްސަލަ ބޭރުކޮށްލީ، ގާޒީ އަބްދުއްނާސިރު ޝަފީގެވެ.

comment ކޮމެންޓް