12 މެންބަރުން ފިޔަވާ އެންމެންގެ މާލީ ބަޔާންތައް ހާމަކޮށްފި

މިއަދުގެ ޖަލްސާގެ ތެރެއިން: މަޖިލީހުން މިއަދު ވަނީ ކައުންސިލްތަކަށް ލިބިދޭ ބައެއް ބާރުތައް އުނިކުރުމަށް ފަހު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފަ / ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން ފިޔަވާ އެހެން ހުރިހާ މެންބަރުންގެ މާލީ ބަޔާންތައް އެ އިދާރާއިން ހާމަކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މެންބަރުން ހުވައިކުރާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަންޖެހޭނެއެވެ. އެހެންވެ، މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަންޖެހޭނީ މޭ މަހުގެ 28ވަނަ ދުވަހަށް އެއް އަހަރު ފުރުމުން، މި މަހުގެ 31ވަނަ ދުވަހުގެ ކުރިންނެވެ.

މަޖިލީހުގެ ރަސްމީ ވެބްސައިޓުން މިހާރު ގިނަ މެންބަރުންގެ މާލީ ބަޔާންތައް ފެންނަން އެބަހުއްޓެވެ.

އެކަމަކު، 12 މެންބަރެއްގެ މާލީ ބަޔާން ފެންނާކަށް ނެތެވެ. އެއީ:

  • ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު
  • ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤް
  • ނައިފަރު ދާއިރާގެ މެންބަރު ޔާސީން ޢަބްދުﷲ
  • ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު
  • ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު
  • ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް
  • ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު
  • ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު
  • މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް
  • މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް
  • މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު
  • ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު

އެ މެންބަރުންނަކީ މާލީ ބަޔާން ހުށަނާޅާ މެންބަރުންތޯ ނުވަތަ މަޖިލީހުގެ ވެބްސައިޓުން މާލީ ބަޔާންތައް ނުފެންނަނީ އެހެން ސަބަބެއް މެދުވެރިވެގެންތޯ މަޖިލީހުގައި ސުވާލުކުރުމުން ބުނީ، ބައެއް މާލީ ބަޔާންތައް މިހާރު ވެސް އާންމުކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން ބައެއް މެންބަރުން "ސަން" އަށް ވިދާޅުވީ އެ ބޭފުޅުންގެ މާލީ ބަޔާންތައް ގާނޫނުގައި ބުނާ މުއްދަތުގައި މަޖިލީހަށް ހުށަހެޅި ކަމަށާއި ވެބްސައިޓުން ނުފެނި އެ ވަނީ މަޖިލީހުގެ އިދާރީ ކަމެއްގެ ސަބަބުން ކަމަށެވެ.

https://sun.mv/194456

ފާހަގަކޮށްލެވޭ ގޮތުގައި، މި މަޖިލީހުން ވަނީ މެންބަރުން ހުވާކުރައްވާތާ ތިން މަސް ތެރޭގައި މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ފާސްކޮށްފައެވެ.

މިހާރުގެ އުސޫލުގައި، މާލީ ބަޔާނުގައި އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރީން ވެސް ހިމެނޭ ގޮތަށް ފުރިހަމަ ކުރަންޖެހޭ މައުލޫމާތުގެ ތެރޭގައި ހިމެނެނީ:

  • ރާއްޖެއާއި ރާއްޖޭން ބޭރުގައި ހުރި މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތައް
  • ވިޔަފާރީގެ މަސްލަހަތުތަކުގެ މައުލޫމާތު
  • އަރަންޏާއި ދަރަނީގެ ހިސާބުތައް
  • އެހެން ވަޒީފާއެއް އަދާ ކުރާނަމަ، އެ ވަޒީފާގެ ޒިންމާތައް

އެ ގަވާއިދުގައި ވާގޮތުން މާލީ ބަޔާން ހުށަހަޅަން ޖެހެނީ ކޮންމެ މީލާދީ އަހަރެއްގެ ވެސް އޮގަސްޓު މަހުގެ 31ގެ ކުރިންނެވެ.

comment ކޮމެންޓް