މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެންމެ ބޮޑު ހޭދައެއްކުރި ޓީމަކަށް އިނގިރޭސި ލީގު ޗެމްޕިއަން ލިވަޕޫލް ވެއްޖެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލިވަޕޫލުން ވަނީ ނިމުނު ޓްރާންސްފާ ބާޒާރުގައި ޖުމުލަ 446.5 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.
މި ބާޒާރުގައި އެ ޓީމަށް އަލަށް ގެނައި ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ 125 މިލިއަން ޕައުންޑުގެ ރެކޯޑު ފީއަކަށް އެ ޓީމާ ގުޅުނު ނިއުކާސަލްގެ ފޯވާޑް އެލެގްޒެންޑާ އިސާކެވެ.
މީގެއިތުރުން ބަޔާ ލެވަކޫސަން އިން އެޓޭކިން މިޑްފީލްޑަރު ފްލޯރައިން ވާޓްސް ގަތީވެސް 100 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގަކަށެވެ. ލިވަޕޫލުން ވަނީ ލުއިސް ޑިއާޒް އާއި ޑްރަވިން ނޫނޭޒް ވިއްކާލާފައެވެ.
މިހުރިހާ ކަމަކަށް ބަލާއިރު ލިވަޕޫލުން ކުރި ހޭދަ އުޅެނީ 228 މިލިއަން ޕައުންޑްގައެވެ. މިއީ ކޮވިޑަށްފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ޓީމުތަކުން ރިކޯޑު މިންވަރަކަށް ހޭދަކުރި ފަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދެވަނައަށް އެންމެ ބޮޑު ހޭދައެއްކުރީ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަން ޗެލްސީއެވެ. އެ ކުލަބުން 285 މިލިއަން ޕައުންޑް ހޭދަކުރިއެވެ. ތިންވަނައިގައި އާސެނަލް އޮތީ 255 މިލިއަން ޕައުންޑް ހޭދަކޮށްގެންނެވެ.
އެންމެ ބޮޑު ހޭދައެއް ކުރީ މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް އާއި ނޮޓިންހަމް އަދި ފޮރެސްޓެވެ. އިސާކް ވިއްކާލި ނަމަވެސް ނިއުކާސަލްގެ ނެޓް ސްޕެންޑް އުޅެނީ 98 މިލިއަން ޕައުންޑް ގެއްލުމުގަ އެވެ. ނޮޓިންހަމް ފޮރެސްޓުން ވެސް 205 މިލިއަން ހަރަދުކުރިއިރު ކުޅުންތެރިން ވިއްކައިގެން ފައިދާއެއްނުވި އެވެ.
ރާއްޖޭގައި ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބި މެންޗެސްޓާ ޔުނައިޓެޑުން ކުޅުންތެރިން ގަތުމަށް 250 މިލިއަން ޕައުންޑް ހޭދަކުރިއެވެ. ނަމަވެސް އެންމެ އެދެވޭ ނަތީޖާއެއް މި ސީޒަނުގެ މިހާތަނަށް ނުނެރެވެއެވެ.
މި ހުރިހާ ހަރަދުތަކަށް ބަލާއިރު ދުނިޔޭގެ އެންމެ ވަރުގަދަ ލީގުތަކުގެ ތެރެއިން ޕްރިމިއާ ލީގު ވެފައިވަނި މިފަހަރު އެންމެ ގިނަ ހަރަދު ކުރި ލީީގަށެވެ. އެ ލީގުން 3.19 ބިލިއަން ޕައުންޑް ހޭދަކޮށްފައިވާއިރު އެއް ބިލިއަން ޕައުންޑާއެކު ދެވަނައަށް އެންމެ ބޮޑު ހޭދައެއްކުރީ އިޓާލިއަން ލީގުންނެވެ. ސްޕެނިޝް ލީގުން ހޭދަކުރީ މީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ.