މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ބިލު ބޭރުކޮށްލުމަށް ގޮވާލައި، 151 ނޫސްވެރިންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން އިސްވެ ހުށަހެޅި އެ ޕެޓިޝަންގައި 41 މީޑިއާއަށް ނިސްބަތްވާ 151 ނޫސްވެރިން ސޮއިކުރި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ޕެޓިޝަންގެ ސްޕޮންސާގެ ގޮތުގައި މަޖިލީހަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސެވެ.

ނޫސްވެރިންގެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި: މީޑިއާ ބިލާ ދެކޮޅަށް 151 ނޫސްވެރިންގެ ސޮޔާއެކު ޕެޓިޝަންވަނީ ހުށަހަޅައިފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ބިލް ދިރާސާކުރާއިރު ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އާއި މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި މީޑިއާތަކުގެ ޚިޔާލު ހޯދައިފައިވެއެވެ. އެ ކޮމިޓީއަށް ހާޒިރުވި ގިނަ މީޑިއާތަކުން ވަނީ ބިލަށް އެއްވެސް އިސްލާހެއް ނުގެނެސް މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލާފައެވެ.
ނޫސްވެރިން ފާހަގަކުރާ ގޮތުގައި، މި ބިލު ފަރުމާކޮށްފައިވަނީ ނޫސްވެރިން ލިޔާ ލިޔުންތަކާ ގުޅުވައި އެ މީހުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ލިބޭ ގޮތަށެވެ.
ސަރުކާރާ ގާތްގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގައި އޮތީ:
- މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން
- ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ
- ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން
- ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް
- ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
- މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ
- ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ
- ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް
- ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ