ކަމަދުއަށް ފުރަތަމަ ސީޕްލޭން ޖައްސައިފި، ދިވެހިވަންތަ މަރުހަބާއެއް

ކަމަދުއަށް ސީޕްލޭން ދަތުރުތައް ފެށުން: އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި -- ފޮޓޯ/ މޯލްޑިވިއަން

ބ. ކަމަދުއަށް ސީޕްލޭންގެ ދަތުރުތައް ފަށަން މިއަދު ކުރި ފުރަތަމަ ދަތުރުގެ ބައިވެރިންނަށް އެ ރަށުން ހޫނު، ދިވެހިވަންތަ މަރުހަބާއެއް ކިޔައިފިއެވެ.

އެ ރަށަށް ސީޕްލޭން ދަތުރުތައް ފަށަން ހޯކްސް ހޮޓެލްސްއާއި އައިލެންޑް އޭވިއޭޝަނުން އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހު 11 ގައެވެ.

މޯލްޑިވިއަނުން މިއަދު ބުނީ، ކަމަދުއަށް މިއަދު ފުރަތަމަ ފްލައިޓު ދަތުރުކޮށްފައިވާ ކަމަށެވެ. އެ ދަތުރުގެ ބައިވެރިންނަށް އެ ރަށުން ވަނީ ދިވެހިވަންތަ، ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެ ދަތުރުގައި ހޯކްސް ހޮޓެލްގެ ޑިރެކްޓަރު ހުސައިން އަމަންއާއި ވިޒިޓް މޯލްޑިވްސްގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

ކަމަދޫން ސީޕްލޭންގެ ފުރަތަމަ ދަތުރުގެ ބައިވެރިންނަށް މަރުހަބާ ކިޔުން: އެ ރަށަށް ވަނީ ސީޕްލޭން ދަތުރުތައް ފަށާފައި -- ފޮޓޯ/ މޯލްޑިވިއަން

މޯލްޑިވިއަނުން ބުނީ، ރަސްމީކޮށް ދަތުރުތައް ފަށާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ. އެ ގޮތުން، ކޮންމެ ހޮނިހިރު ދުވަހަކާއި ބުރާސްފަތި ދުވަހެއްގައި ފްލައިޓުތައް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރަށުފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި އޮންނަ ކަމަދުއަށް ބަންދުތަކުގައި ގިނަ ބަޔަކު ޒިޔާރާތްކުރެއެެވެ. އަދި، ކަމަދޫއަކީ ގެސްޓުހައުސް ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ހިންގާ ވެސް ރަށެކެވެ. އެގޮތުން، ހޯކްސް ކުންފުނިން ވެސް އެ ރަށުގައި މަތީ ފަންތީގެ ދެ ގެސްޓުހައުސް އަންނަނީ ހިންގަމުންނެވެ.

ބ. އަތޮޅުގައި މިހާރު ވައިގެ ދަތުރުފަތުރު ބާއްވަނީ ދަރަވަންދޫގައި އޮންނަ އެއާޕޯޓަށެވެ. އެއީ، ވެސް ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ރަށެކެވެ.

އެއާޕޯޓު އެޅުމަކީ ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަމެކެވެ. ތަރައްގީ ހޯދުމުގެ ވިސްނުމުގައި ރަށްރަށް ހިއްކައިގެން އެއާޕޯޓު އަޅައި ނަމަވެސް އޭގެ ސަބަބުން އިގުތިޞާދީ ގޮތުން ކުރަންޖެހޭ ހޭދައާއި ތިމާވެށީގެ ގޮތުން ލިބޭ ގެއްލުމުގެ ސަބަބުން ކޮންމެ ރަށެއްގައި އެއާޕޯޓު އެޅުމާ ދެކޮޅު ވިސްނުމުގެ ޚިޔާލުތައް ވެސް ބައެއް މީހުން ފާޅުކުރެއެވެ.

އެގޮތުން، ފެބްރުއަރީ މަހު އއ. ތޮއްޑުއަށް ވެސް ސީޕްލޭން ދަތުރުތައް ފަށަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް