ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ ހަތަރު މެންބަރަކާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސްކަން ކުރައްވާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވެސް މާލީ ބަޔާން ހާމަނުކުރާކަން އެނގިއްޖެއެވެ.
މަޖިލީހުގެ އިދާރާއިން ވަނީ ޖުމުލަ 93 މެންބަރުންގެ ތެރެއިން 88 މެންބަރެއްގެ މާލީ ބަޔާން ހާމަކޮށްފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މެންބަރުން ހުވައިކުރާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަންޖެހޭނެއެވެ. އެހެންވެ، މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަންޖެހޭނީ މޭ މަހުގެ 28ވަނަ ދުވަހަށް އެއް އަހަރު ފުރުމުން، މިދިޔަ މަހުގެ 31ވަނަ ދުވަހުގެ ކުރިންނެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުގެ ތެރެއިން މިހާތަނަށް އެ އިދާރާއަށް ލިބިފައިވާ ހުރިހާ މާލީ ބަޔާނެއް މިހާރު ހާމަކޮށްފައިވާ ކަމަށެވެ. އެކަމަކު، ފަސް މެންބަރަކު މާލީ ބަޔާން ހާމައެއް ނުކުރެއެވެ.
އެއީ ކޮން މެންބަރުންނެއް ކަމެއް މަޖިލީހުގެ އިދާރާއަކުން ނުބުނެއެވެ.
އެކަމަކު، މަޖިލީހުގެ ވެބްސައިޓުގައި ވާގޮތުން މިހާރު މާލީ ބަޔާން ހާމަނުކުރަނީ ފަސް މެންބަރެކެވެ. އެއީ:
- މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
 - މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
 - މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް
 - ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް
 - ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު
 
ފާހަގަކޮށްލެވޭ ގޮތުގައި، މި މަޖިލީހުން ވަނީ މެންބަރުން ހުވާކުރައްވާތާ ތިން މަސް ތެރޭގައި މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ފާސްކޮށްފައެވެ.
މިހާރުގެ އުސޫލުގައި، މާލީ ބަޔާނުގައި އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރީން ވެސް ހިމެނޭ ގޮތަށް ފުރިހަމަ ކުރަންޖެހޭ މައުލޫމާތުގެ ތެރޭގައި ހިމެނެނީ:
- ރާއްޖެއާއި ރާއްޖޭން ބޭރުގައި ހުރި މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތައް
 - ވިޔަފާރީގެ މަސްލަހަތުތަކުގެ މައުލޫމާތު
 - އަރަންޏާއި ދަރަނީގެ ހިސާބުތައް
 - އެހެން ވަޒީފާއެއް އަދާ ކުރާނަމަ، އެ ވަޒީފާގެ ޒިންމާތައް
 
އެ ގަވާއިދުގައި ވާގޮތުން މާލީ ބަޔާން ހުށަހަޅަން ޖެހެނީ ކޮންމެ މީލާދީ އަހަރެއްގެ ވެސް އޮގަސްޓު މަހުގެ 31ގެ ކުރިންނެވެ.