ކައުންސިލްގެ ކޯރަމް ހަމަނުވާތީ މަސްމާރުކޭޓުގެ މައްސަލަ ނުބެލިފައި

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް: ކައުންސިލްގެ ކޯރަމް ހަމަނުވާތީ މަސްމާރުކޭޓުގެ މައްސަލަ ވަނީ ނުބެލިފައި -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިޔުމެއް ނެތި ދެވަނަ ފަހަރަށް، ބޮޑު އަގުގައި ބަޔަކާ ހަވާލުކޮށްފައި އޮތް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވުމާއެކު، އެ ކަން ބަލަން ކައުންސިލުގެ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމް, ކައުންސިލުގެ ޖަލްސާއަށް ހާޒިރުކުރަން އެދުނު ދެ ޖަލްސާ ވެސް ކޯރަމް ހަމަނުވާތީ ކެންސަލްވެއްޖެއެވެ.

ރައީސް މުއިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރު މާލޭގެ މަސްމާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު އޮތީ ކޮމިޝަންކޮށް, ކައުންސިލުން ބިޑަށް އިއުލާނުކޮށް، އިވެލުއޭޓުކޮށް، ވަކި ބަޔަކާ މަސައްކަތް ހަވާލުކޮށްފައެވެ. އެގޮތުން އޭރު އޮތީ 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ނަމަވެސް ނޮވެމްބަރު 17، 2023ގައި މޭޔަރުކަމުގެ ގޮނޑި ހުސްވެ، އެ މަގާމާ އާޒިމް ހަވާލުވެވަޑައިގަތުމުގެ ކުރިން، އެ ދެމެދުގައި އެ އެއްބަސްވުން އުވާލައި، މުޅިން އެހެން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި 3.5 މިލިއަން ޑޮލަރު އިތުރުކޮށް، އެ މަސައްކަތް 9.5 މިލިއަން ޑޮލަރަށް އަގު ބޮޑުކުރިކޮށް އެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނަސީރެވެ.

އައު އެއްބަސްވުމެއްގައި ސޮއިކުރަން ޖެހުނު ގޮތާއި، އަގަށް 3.5 މިލިއަން ޑޮލަރު އިތުރުކުރަން ޖެހުނު ގޮތް، ތަކުރާރުކޮށް އެދުނު ނަމަވެސް ނަސީރު އޮޅުންފިލުވައިދީފައި ނެތްކަން މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ ޖަލްސާގައި މޭޔަރު ވިދާޅުވިއެވެ.

މާލޭ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

އެކަމުން ވެސް އެނގެނީ އައު އެއްބަސްވުމަށް ކައުންސިލުން ރުހުންދީފައި ނުވާކަން ކަމަށް ވިދާޅުވެ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފް ފާތިހު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ސައިފް ވަނީ އެ މައްސަލައިގައި ފަސް ކަމަށް އެދިފައެވެ. އެއީ:

  • ނަސީރު، މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ކައުންސިލްގެ ރަސްމީ ޖަލްސާއަށް ހާޒިރުކުރުން
  • މައްސަލަ ބަލާ ނިމެންދެން ނަސީރު މަގާމުގެ މަސްއޫލިއްޔަތާ އެކަހެރިކުރުން
  • އެއްބަސްވުމާ ގުޅޭ ތަފްސީލީ ރިޕޯޓެއް 27ވަނަ ދުވަހުގެ ޖަލްސާއަށް މޭޔަރު ހުށަހެޅުއްވުން
  • އެއްބަސްވުމާއި ލިޔެކިޔުންތައް އާއްމުކުރުން
  • އޭސީސީއަށް މައްސަލަ ހުށަހެޅުން

އެކަމާ ގުޅިގެން މިއަދު ސައިފް 'ސަން' އަށް ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ނުބޭއްވުނު ކަމަށެވެ. އަދި މިއަދުގެ ޖަލްސާއަށް ވެސް އޭނާ އެ މައްސަލަ ހުށަހަޅުއްވާނެކަން އެނގިވަޑައިގަންނަވާނެ ކަމަށާއި، މިއަދު ވެސް ޖަލްސާގެ ކޯރަމް ހަމަނުވާކަމަށް ސައިފް ވިދާޅުވިއެވެ.

ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން އައު އެއްބަސްވުމެއް ގާއިމުކުރުމާއި، އަގަށް ބަދަލު ގެނައުމަކީ އެގޮތަށް ހުއްދަކުރާ ކަމެއް ނޫންކަން ފާހަގަކުރައްވައި ސައިފް ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ސިޓީ ކައުންސިލްގެ މައްޗަށް މާލީ ބޮޑެތި އިލްތިޒާމުތަކެއް އަންނާނެ ކަމަށެވެ. އަދި ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެއީ ވަކި ބަޔަކަށް ނުހައްގު މަންފާއެއް ހޯދައިދޭން ރިޝްވަތަށް ހިންގާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިމެނޭ ޖިނާއީ ކުށެއް ކަމަށް ބުރަވެވޭކަމަށް ސައިފް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހު ސައިފް ވަނީ އެ މައްސަލަ އޭސީސީއަށް ހުށަހަޅުއްވައިފައެވެ.

https://sun.mv/210254

އެ ކަމާ ގުޅިގެން އައު އެއްބަސްވުން ހެދި މުއްދަތުގައި ކައުންސިލްގެ މޭޔަރުކަމާ ވަގުތީ ގޮތުން އޭރު ހަވާލުވެ ހުންނެވި މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް 'ސަން'އިން ސުވާލުކުރުމުން ވިދާޅުވީ، ކައުންސިލުގެ ބިޑު ކޮމިޓީން ނިންމާ އަގަކަށް އެއްބަސްވުން ހެދުމަށް ފަހު، ދެވަނަ ފަހަރަށް ވެސް އެކަން ކުރެވޭނީ އެ ކޮމިޓީން ނިންމައިގެން ކަމަށެވެ. އެގޮތަށް އެކަން ނުކޮށް އޮތް ނަމަ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އަށް އެއްބަސްވުމުގައި ސޮއިނުކުރެވޭނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.

މީގެ އިތުރަށް، ކައުންސިލްގެ އެއްބަސްވުމެއްގައި ހަމަވާން ޖެހޭ ހުރިހާ ލިޔުމެއް ހަމަނުވަނީސް އެ ކައުންސިލް ބޭފުޅަކު އޭގައި ސޮއިނުކުރާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ. އެއީ މިހާތަނަށް އެކަން ކުރަމުން އައި ގޮތްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވެ، މާރުކޭޓު ދެވަނަ ފަހަރަށް ދޫކޮށްފައި އޮތީ ލިޔުންތައް ނެތި ކަމަށް ވިދާޅުވެ، އާޒިމް ދައްކަވަނީ 'ބުއްދި ހަމަޖެހޭ' ވާހަކައެއް ނޫން ކަމަށް ނަރީޝް ވިދާޅުވިއެވެ. އެއީ، އެ ކައުންސިލްގެ އެއްވެސް ބޭފުޅަކު ލިޔުންތައް ހަމަނުވެ، އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާތީ ކަަމަށް ނަރީޝް ވިދާޅުވިއެވެ.

comment ކޮމެންޓް