ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ކުންފުނީގެ ހިއްސާ ވިއްކައިލުމަށް ނިންމާފައި އޮތް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޗެއާޕާސަންއަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް އަދި މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ބަދުރުއްދީން ހަސަން މިއަދު އައްޔަނުކުރައްވައިފިއެވެ.
ބަދުރުއްދީން އެ މަގާމަށް އައްޔަނުކުރެއްވިއިރު ހުންނެވީ، ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.
މީގެކުރިން ބަދުރުއްދީން ވަނީ އެ ބޭންކުގެ އިތުރު މަގާމުތައް އަދާކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ބީއެމްއެލްގެ ރީޓެއިލް، ކާޑްސް އެންޑް ޑިޖިޓަލް ބޭންކިންގެ ހެޑުކަން އޭނާ އަދާކުރެއްވިއެވެ. އަދި ބީއެމްއެލްގެ ރީޓެއިލް ބޭންކިންގެ ސީނިއާ މެނޭޖަރުކަމާއި ހެޑް އޮފް ރީޓެލް ބޭންކިންގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ބަދުރުއްދީން: އޭނާ ވަނީ އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަނުކޮށްފައި ---- ފޮޓޯ/ ބީއެމްއެލް
ޝަރީފް ބޭންކުގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ މި މަހުގެ 17ގައެވެ.
ޝަރީފަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި އެގްޒެކްޓިވް އަދި ބޯޑު ލެވަލްގައި ހަތް އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ވެސް ހޯއްދަވައިފައިވެއެވެ.
ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާއިން އެމްބީއޭ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލްއިން ސީއީއޯއިންނާއި ސީނިއާ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ 'ސީނިއާ އެގްޒެކްޓިވް ޕްރޮގްރާމް' ފުރިހަމަ ކުރައްވާފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ޖުލައި މަހުގެ 20ގައި ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސް އަހަރުން 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރާ ގޮތަށް، އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ޙިއްސާ، ބީއެމްއެލްއަށް ވިއްކައިލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފައިވާކަން އިއުލާންކޮށްފައެވެ.
ބީއެމްއެލްއިން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެސްޑީއެފްސީ މެދުވެރިކޮށް ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިން ޚިދުމަތްތައް ކަމަށެވެ.
މި ޑިޖިޓަލް ބޭންކުގެ އައު ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ދެމެހެއްޓެނިވި ވިޔަފާރިތަކާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.
އެ ބޭންކުން ބުނީ، ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިން ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމަށާއި، ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރުން ކަމަށެވެ.