އަޒުމް އާކުރަންވީ ފަރުޟުތައް އަދާކޮށް، ދީނުގައި ސާބިތުވެ ތިބެން: ސިޔާމް

އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު: ވިދާޅުވީ އަޒުމް އާކުރަންވީ ފަރުޟުތައް އަދާކޮށް، ދީނުގައި ސާބިތުވެ ތިބެން ކަމަށް -- ފޮޓޯ/ އެމްޑީއޭ

އަޒުމް އާކުރަންވީ ދީނުގެ ފަރުޟުތަކާއި، ވާޖިބުތައް ކަމުގައިވާ ފަރުޟު ފަސް ނަމާދު ފުރިހަމައަށް އަދާކޮށް، ރޯދަހިފައި، ޒަކާތްދީ، އެކަކު އަނެކަކާ އޯގާތެރި ބަޔަކަށް ވުމަށް ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ނެރުއްވި ޚިތާބުގައި ސިޔާމް ވިދާޅުވީ ކީރިތި ރަސޫލާގެ ޢީދު މީލާދު މިއަދު ފާހަގަކުރަމުންދާއިރު، މިއަދުގެ ހާލަތާ މެދު ވިސްނައި ފިކުރުކޮށްލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން އިސްލާމްދީނަކީ އަނިޔާވެރިކަމާއި، ވައްކަމާއި، ފަސާދައާއި، މަކަރުވެރިކަން ނައްތާލުމަށްޓަކައި މާތްﷲ ދުނިޔެއަށް ބާވައިލެއްވި ސަމާޙަތުގެ ސީދާ ދީނެވެ. ނަމަވެސް ހިތާމައަކީ މިއަދުގެ ދުނިޔޭގައި މާތް ރަސޫލާގެ ސުންނަތާ ކަނޑައެޅިގެން ދެކޮޅު ހަދާ މީހުން އުޅޭކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވި ގޮތުގައި މިއަދު އަޒުމް އާކުރަންވީ ދީނުގެ ފަރުޟުތަކާއި، ވާޖިބުތައް ކަމުގައިވާ ފަރުޟު ފަސް ނަމާދު ފުރިހަމައަށް އަދާކޮށް، ރޯދަހިފައި، ޒަކާތްދީ، އެކަކު އަނެކަކާ އޯގާތެރި ބަޔަކަށް ވުމަށެވެ.

ހަމައެއާއެކު އިސްލާމްދީނާއި، އާލަމްތަކަށް ރަހުމަތެއްކަމުގައި ފޮނުއްވި ކައު އިތުރު ރަސޫލާއަށް ފުރައްސާރަކުރުމަށް ކުރެވެމުންދާ ހަޑިހުތުރު އެންމެހާ އަމަލުތަކުން ދުރުހެލިވެ، ސާބިތު ބައެއްގެ ގޮތުގައި ދެމިތިބުމަށް ސިޔާމް ވަނީ އިލްތިމާސްކުރައްވައިފައެވެ.

މާތްﷲ އަޅުގަނޑުމެން ދިވެހީންނަކީ ތާއަބަދަށް ސައްތައިން ސައްތަ މުސްލިމުންކަމުގައި ލައްވާށި! އަދި މި މާތްވެގެންވާ އިސްލާމްދީނާ ދެކޮޅު އެންމެހާ އަދާވާތްތެރިން ބަލިކުރައްވައި، އަބަދުވެސް ހައްގަށް ނަސްރު މިންވަރުކުރައްވާށި!

ސިޔާމް ވަނީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން ގެންދާ މާތް ނަބިއްޔާގެ ޢީދު މީލާދުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، ދުނިޔޭގެ އެންމެހާ މުސްލިމުންނަށް އަރިސްކުރައްވައިފައެވެ.

comment ކޮމެންޓް