ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި

ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކޮށް، ބިންތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ފަށައިފިއެވެ.

އެމްޑީޕީގެ ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޫކުރަން އިއުލާނުކޮށްފައި އޮތް ނަމަވެސް، މި ސަރުކާރުން ނިންމީ ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދު 3،520 އަށް އިތުރުކުރުމަށެވެ. އެއީ ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން އެދުނު މީހުން ހިމަނައިގެންނެވެ.

ހައުސިން މިނިސްޓްރީން މިރޭ 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި ކަމަށެވެ.

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހު ފެށިއިރު މިހާތަނަށް 1،260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ. ގުޅިފަޅު ގޯތީގެ ރަޖިސްޓްރީ ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސިޓީ ކައުންސިލުން ބޭނުންކުރަމުންދިޔަ ބައިގައެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ދެ ފަހަރަކު ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށްފައިވެއެވެ. މިފަހަރު ރަޖިސްޓްރީ ދޫކުރަނީ، އައު ލޭންޑް ޔޫޒް ޕްލޭންގެ ދަށުން މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އަލުން ގުރު ނެގުމަށް ފަހުގައެވެ.

ގުޅިފަޅު -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ދޫކުރުމަށް ހެދި އެއްބަސްވުމުގައި ގާނޫނާ ފުށޫ އަރާ ކަމެއް ހުރި ކަމަށް ބުނެ މި ސަރުކާރުން އެއްބަސްވުމަށް ބަދަލުގެނެސްފައިވެއެވެ.

މީގެ ކުރިން ހެދި އެއްބަސްވުމުގައި އޮންނަނީ، ގުޅިފަޅުން ގޯތި ލިބޭ މީހެއްގެ ނަމުގައި 'މާލެ ސަރަހައްދުން' 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ އެ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން އެކުލަވައިލި އައު އުސޫލެއްގެ ދަށުން އެއްބަސްވުމުގައި ވަނީ، 'މާލެ ސަރަހައްދު' އޮތް ތަން 'ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގޯއްޗެއް އޮތް ނަމަ' ކަމަށް ބަދަލުކޮށްފައެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިދިޔަ ހޯމަ ދުވަހު ވިދާޅުވީ އެ ބަދަލު ގެންނަން ޖެހުނީ، ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ގޯތި ދޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތްއިރު އެ މާއްދާއާ އެއްބަސްވުމާ ފުށޫ އަރާތީ ކަމަށެވެ.

އެ ބަދަލު ގެނައިކަން ހާމަކުރި ފަހުން، ގުޅިފަޅުން ގޯތި ލިބޭ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ވަނީ، މި ސަރުކާރުން އެއްބަސްވުމަށް ގެނައި ބަދަލު ބަލައިނުގަންނާނެ ކަމަށް ބުނެ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

comment ކޮމެންޓް