ބަލި ދަރިފުޅު ވަޅިން ހަމަލާދިން ބައްޕަ ފަރުވާއަށް ފަހު ދޫކޮށްލައިފި

އައިޖީއެމްއެޗް: ބަލި ދަރިފުޅު ވަޅިން ހަމަލާދިން ބައްޕަ ވަނީ ދޫކޮށްލައިފަ، ދަރިފުޅު އެޑްމިޓްކޮށް އިތުރު ފަރުވާ ދެނީ -- ސަން ފޮޓޯ: މާނިއު މުހައްމަދު

މިދިޔަ އާދީއްތަ ދުވަހުގެ ރޭ އއ. އުކުޅަހުގައި ދެބަފައިންގެ ދެމެދު ހިނގި ހާދިސާއެއްގައި އަނިޔާވި ބައްޕަ ފަރުވާއަށް ފަހު ދޫކޮށްލައިފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް އިއްޔެ ވިދާޅުވީ، ބައްޕައަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި، އޭނާގެ ފިރިހެން ދަރިފުޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށް އިތުރު ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެކަމަކު ބައްޕަ ދޫކޮށްލި ދުވަހާއި، އޭނާގެ ދަރިފުޅު އެޑްމިޓްކޮށްގެން ދޭ ފަރުވާގެ ތަފްސީލު އައިޖީއެމްއެޗުން ނުދެއެވެ.

މި ހާދިސާގައި އަނިޔާވި ބައްޕައަކީ އުމުރުން 60ން މަތީގެ މީހަކަށްވާއިރު، އޭނާގެ 26 އަހަރުގެ ފިރިހެން ދަރިފުޅަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އަންނަ މީހެކެވެ. ދެ ބަފައިންގެ ދެމެދު ހިނގި ހާދިސާގައި ބަލި ދަރިފުޅު ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ބައްޕަގެ ބަނޑާއި އަތް ވަނީ ޒަޚަމްވެފައެވެ. ދެބަފައިން ވެސް މާލެ ގެނެސް، އައިޖީއެމްއެޗްގައި ވަނީ ފަރުވާދީފައެވެ.

https://sun.mv/210721

މިކަމާ ގުޅިގެން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް "ސަން"އަށް މީގެ ކުރިން ވިދާޅުވީ، 26 އަހަރުގެ ފިރިހެން މީހާއަށް މީގެ ކުރިން ރާއްޖޭން ބޭރުން ފަރުވާދީފައިވާ ކަމަށާއި، އޭނާއަށް ގަވައިދުން ޖަހަންޖެހޭ އިންޖެކްޝަނެއް ހުންނަ ކަމަށެވެ. ނަމަވެސް، އެ އިންޖެކްޝަން ޖަހަން އެ މީހާ ދެކޮޅު ހަދާތީ، އިންޖެކްޝަން ޖަހަން ޖެހޭ ތާރީޚު މިފަހުން ފަހަނައަޅައި ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައުކަތު ވިދާޅުވިގޮތުގައި އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފިރިހެން މީހާގެ ހަށިގަނޑަށް އިންޖެކްޝަން ޖެހުމުން އެ މީހާ ރުޅިއައިސް، ބައްޕައަށް ހަމަލާ ދިނީ މީހުން ދިޔަ ފަހުންނެވެ.

އެ މައްސަލައާ ގުޅިގެން 26 އަހަރުގެ މީހާ ހައްޔަރުކުރި ނަމަވެސް، ފުލުހުން ވަނީ އެ މީހާ ފަހުން ދޫކޮށްލައިފައެވެ.

comment ކޮމެންޓް