ހިތުގެ ބަލީގައި އުޅެން ޖެހޭ ހާލަތު ބަޔާންކޮށް 'ޓައިނީ ހާޓްސް އޮފް މޯލްޑިވްސް' އިން ފާތިމަތު ހިޝްމަތާއި އަލީ މުއާޒުގެ ދަރިފުޅު, މުހައްމަދު ކިޔާން އަލީ މުއާޒްގެ ވާހަކަ ހިމަނައި، ހުށަހެޅި ޕެޓިޝަނަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ.
ދެހާސް އަށްވަނަ އަހަރު، ކިޔާން އުފަންވީ ފެންނަ ފެނުމަށް ސިއްހަތު ރަނގަޅު ކުއްޖެއް ގޮތުގައެވެ. އެކަމަކު، އެކަން ބަދަލުވާން ނެގީ ކުޑަ ދުވަސްކޮޅެކެވެ. ކިޔާންގެ ތުންފަތާއި ނިޔަފަތިތަކާއި ހަށިގަނޑު ނޫފައިގެންވާކަން ނަރުހަކަށް ފާހަގަވިއެވެ. އެއީ، ތުއްތު ކިޔާންގެ ހިތުގެ މައްސަލައެއް އުޅޭކަން އެ ދެމަފިރިންނަށް އެނގުނު ހިސާބެވެ.
އެކަމަކު، ކޮންޖެނިޓަލް ހާޓް ޑިފެކްޓް (ސީއެޗްޑީ)އަކީ އެ ދެމަފަރިން ދަންނަ ބައްޔަކަށް އޭރު ނުވާތީ ތިބެވުނީ އެފަދަ ކަމަކަށް ތައްޔާރުވެގެން ނޫނެވެ. އެ ނުރައްކާތެރި ބައްޔާ ކުރިމަތިލާނެ ގޮތެއް ނޭނގުނެވެ.
އުމުރުން އޭރު އެންމެ ފަސް ދުވަހުގެ ކިޔާންގެ ބައްޔަށް ފަރުވާ ކުރަން އެ ދެމަފިރިން އިންޑިއާއަށް ގޮސް ހިތުގެ އޮޕަރޭޝަނެއް ކުރިއެވެ. އޭގެފަހުން، ކިޔާން ރާއްޖެ ގެނެވުނީ އޭގެ މަހަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އެ އޮޕަރޭޝަނަށް ފަހު، ކިޔާންގެ ހާލު ރަނގަޅުވިއެވެ. އެހިސާބުން އަނެއްކާވެސް އެ އާއިލާއަށް ހިނިތުންވުމާ އުޖާލާކަން ގެނުވިއެވެ. ނަމަވެސް، އެ ހިނިތުންވުން ދެމިއޮތީ ކުޑަ ދުވަސްކޮޅަކަށެވެ.
ކުއްލިއަކަށް ކިޔާންގެ ހާލަތު ގޯސްވެ، ކުއްލި ފަރުވާއަށް ބޭނުންވިއެވެ. އޭރު އެ ފަރުވާ ރާއްޖޭން ދެވޭކަށް ނެތެވެ. އެހެންވެ، އެ ދެމަފިރިންނަށް އަނެއްކާވެސް ޖެހުނީ އިމަޖެންސީ ފްލައިޓެއްގައި ތުއްތު ކިޔާން ގޮވައިގެން އިންޑިއާއަށް ދާށެވެ.

ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ ހޭލުންތެރި ކުރުމުގެ ސެޝަނެއްގެ ތެރެއިން: އެޖަމިއްޔާއިން ހިތުގެ ބައްޔަށް މީހުން ހޭލުންތެރިކުރަން ގިނަ މައުލޫމާތުތައް ފޯރުކޮށްދޭ ---- ފޮޓޯ/ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
ނަމަވެސް، އޭރު ވަގުތު ފާއިތުވެ، މާބޮޑަށް، ލަސްވެއްޖެއެވެ. ފަރުވާ ހޯދާތާ ތިން މަހާ ގާތްވެފައި ވަނިކޮށް، ތުއްތު ކިނާން މި ދުނިޔެ ދޫކުރީއެވެ.
އެ ހިތާމައިގެ ތެރެއިން އެ ދެމަފިރިން ހިތްވަރު ލިބިގަނެ، ބޭނުންވީ އެހެން އާއިލާތައް ހިތުގެ ބައްޔަށް ހޭލުންތެރިކުރާށެވެ. ލަހުން ބަލި ދެނެގަނެވިގެން އެހެން ފުރާނައަށް ގެއްލުނަ ނުދިނުމަށް މަސައްކަތް ކުރާށެވެ.
އެ އުންމީދުގައި ކިނާންގެ ފުރަތަމަ އުފަން ދުވަހު، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް ރަޖިސްޓްރީ ކުރިއެވެ. އެއީ، ޖުލައި އަށެއް، 2009ގައެވެ.
މިއަދު ޓައިނީ ހާޓްސް މޯލްޑިވްސްއަކީ ހިތުގެ ބައްޔަށް މީހުން ހޭލުންތެރިކުރުމުގައި މެދުނުކެނޑި މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އެކަމަށްޓަކައި، އެތައް ވަގުތެއް ހޭދަކޮށް، އަގު ނުކުރެވޭފަދަ މަސައްކަތްތަކެއް ކޮށްދީފިއެވެ. 16 އަހަރު ހޭދަކުރީ ހިތުގެ ބަލީގައި އެހެން ފުރާނައެއް ގެއްލުނަ ނުދިނުމަށެވެ.

ކުޑަކުދިންތަކެއް ހިތެއްގެ ބައްޓަމަށް އެތުރިގެން: ކިޔާންގެ ވާހަކައަށް ވަނީ ދުނިޔޭގެ ސަމާލުކަން ލިބިފައި ----- ފޮޓޯ/ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
މި އަހަރުގެ ހިތުގެ ދުވަހާ ދިމާކޮށް ޗޭންޖް ޑޮޓްއޯގްއާއި ވޯލްޑް ހާޓް ފެޑެރޭޝަން (ޑަބްލިޔުއެޗްއެފް)އާއި ގުޅިގެން ވަނީ، ލޭމައްޗަށް ދިޔުމުގެ ފަރުވާއާއި ސްކްރީނިން ފުޅާކުރަން ސަރުކާރުތަކަށް ގޮވާލާ ބައިނަލްއަގުވާމީ 10 ޕެޓިޝަނެއް ފަށާފައެވެ.
އެގޮތުން، ކިނާންގެ ވާހަކަތައް ކިޔައިދޭ ޕެޓިޝަން އެޖަމިއްޔާއިން ހުށަހެޅީ ގިނަ ބަޔެއްގެ ސަމާލުކަން ލިބޭނެ ކަމަށް އުންމީދު ނުކޮށެވެ. އެކަމަކު، އެ 10 ޕެޓިޝަންގެ ތެރެއިން ކިނާންގެ ވާހަކަ ހޮވި، ޗޭންޖް ޑޮޓް އޯގްގައި މިހާރު މިވަނީ ފީޗާކޮށްފައެވެ. އެ ވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން އަތުލައިފިއެވެ.
އެ ޕެޓިޝަން މިހާރު އޮތީ ލިސްޓުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ޕެޓިޝަނަށްވުރެ، ކިޔާންގެ ވާހަކަ ކިޔައިދޭ ޕެޓިޝަނާ ދެމެދު ވަނީ 50އަކަށް ސޮއިގެ ފަރަގެކެވެ.
އެހެންވެ، މިހާރަށް ވުރެ ގިނަ ބައެއްގެ ސޮއި ކިޔާންގެ ޕެޓިޝަނަށް ލިބިއްޖެނަމަ، ސަރުކާރުގެ އިދާރާތަކުގެ ސަމާލުކަން މި ޕެޓިޝަނަށް ލިބޭނެއެވެ. އަދި، އިތުރަށް މި ބައްޔަށް މީހުން ހޭލުންތެރިވާ މިންވަރު އިތުރުވާނެއެވެ.
އެހެންކަމުން، އެޖަމިއްޔާގެ އެދުމަކީ ވީހާވެސް ގިނަ ބަޔަކު މި ޕެޓިޝަންގައި ސޮއިކޮށްދިނުމެވެ.