ރައީސްގެ ސްކޮލަޝިޕުން ކިޔަވާ ދަރިވަރުންނަށް ވެސް ފައިސާ ނުލިބި؛ މިއީ ބޮޑު ދައްޗެއް

މިނިސްޓަރު ހައިދަރު: ރައީސްގެ ސްކޮލަޝިޕުން ކިޔަވާ ދަރިވަރުންނަށް ވެސް ފައިސާ ނުލިބި ޝަކުވާ ވަނީ ބޮޑުވެފައި -- ފޮޓޯ/ އެމްއެންޔޫ

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަޝިޕްގައި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރަމުންދާ ބައެއް ދަރިވަރުންނަށް ސްޓައިޕެންޑުގެ ގޮތުގައި ދޫކުރާ ފައިސާ ލިބުން ލަސްވެ، ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައީސް ދެއްވާ ސްކޮލަޝިޕް ލިބެނީ މަތީ ސާނަވީ އިމްތިޙާނުން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ސްޓާ ހޯދައި، އޯލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސިން ސީއަށް ވުރެ މަތީ ފާހެއް ހޯދާ ދަރިވަރުންނަށެވެ. އެގޮތުން، އެ ސްކޮލަޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ގައުމަކުން ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް ސަރުކާރުން ކޮށްދެއެވެ.

ސްކޮލަޝިޕްގެ ދަށުން ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސްޓައިޕެންޑް ފައިސާ ދޫކުރާނީ ހަ މަހުން ހަ މަހުންނެވެ. އެއީ ޖެނުއަރީން ފެށިގެން ޖޫން މަހަށާއި، ޖުލައި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

ނަމަވެސް ޖުލައި މަހަށް ލިބެން ޖެހޭ ސްޓައިޕެންޑް ފައިސާ އަދިވެސް ނުލިބޭ ދަރިވަރުންގެ ކަންބޮޑުވުން ބޮޑެވެ.

އެގޮތުން އޮސްޓްރޭލިއާގައި ކިޔަވަމުންދާ ދަރިވަރެއްގެ ބެލެނިވެރިއަކު 'ސަން' އަށް ބުނި ގޮތުގައި އޭނާގެ ދަރިފުޅު އެ ގައުމަށް ކިޔަވަން ދިޔައިރު ފުރަތަމަކޮޅު ފައިސާ ވަގުތުން ލިބުނެވެ. ނަމަވެސް ޖުލައި މަހު ލިބެންޖެހޭ ފައިސާ އަދިވެސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

މަތީ އަރުތަވެރިންގެ އިނާމު ލިބުނު ދަރިވަރުންތަކެއް ރައީސް މުއިއްޒާއި އެޑިއުކޭޝަން މިނިސްޓަރު ޝަފީއުއާއެކު -- ފޮޓޯ/ ރައީސް އޮފީސް

މީގެ ދެ ހަފުތާއެއް ކުރިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ގޮސް، އެކަން ސާފުކުރަން މަސައްކަތްކުރި ކަމަށާއި، އޭރު މިނިސްޓްރީން ދިން ޖަވާބަކީ ބަޖެޓަށް ފައިސާ ދޫނުކޮށް އޮތުން ކަމަށް އޭނާ ބުންޏެވެ. އޭގެ ހަތަރު ދުވަސް ފަހުން އަނެއްކާވެސް މިނިސްޓްރީއަށް ދިޔުމުން ދިން ޖަވާބަކީ އޭރު ބަޖެޓަށް ފައިސާ ދޫކޮށްފައިވާ ކަމަށާއި ހަފުތާއެއް ތެރޭގައި ފިނޭންސް މިނިސްޓްރީން ދަރިވަރަށް ފައިސާ ދޫކުރާނެކަން ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ހަފުތާ ނިމުނުއިރު ވެސް ފައިސާ ލިބޭގޮތް ނުވި ކަމަށާއި، އޮސްޓްރޭލިއާގައި ހުރި އޭނާގެ ދަރިފުޅު އެކަމާ ކަންބޮޑުވެ އިރުއިރުކޮޅާ މެސެޖުކުރާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ކިހާ އުނދަގޫވާނެ ފައިސާ ނުލިބޭތީ. އަނެއްކާ އޮސްޓްރޭލިއާއަކީ ޚަރަދުތައް ވެސް ފުދޭވަރަކަށް ބޮޑު ގައުމެއް،" އޭނާ ބުންޏެވެ.

އެކަމާ ގުޅިގެން 'ސަން' އާ ވާހަކަދެއްކި އެހެން ދަރިވަރަކު ބުނި ގޮތުގައި ބައެއް ކުދިން މިހާރު ވެސް ފައިސާ ލިބުން ލަސްވެގެން އެބައުޅެއެވެ. އެ ދަރިވަރަކީ ރައީސްގެ ސްކޮލަޝިޕްގެ ދަށުން އިނގިރޭސިވިލާތުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރެކެވެ. އޭނާ ބުނި ގޮތުގައި ޖުލައި އެކެއްގެ ކުރިން ލިބެންޖެހޭ ސްޓައިޕެންޑް ލިބުނީ ވަރަށް ލަހުންނެވެ.

އަބަދުވެސް ފައިސާ ލިބުމުގައި ލަސްވާކަން ފާހަގަކޮށް އޭނާ ބުނީ މިދިޔަ އަހަރުގެ ޔުނިވަސިޓީ ޓިއުޝަން ފީ ދެއްކުނީ ވެސް ވަރަށް ލަހުން ކަމަށެވެ.

ސަރުކާރުން ފައިސާ ދޫކުރަންޖެހޭ މުއްދަތަށް ފައިސާ ދޫނުކުރުމުގެ ސަބަބުން ދަރިވަރުންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެއެވެ. ޔުނިވަސިޓީއަށާއި ޓިއުޝަން ފީތައް ނުދެއްކުމުގެ ސަބަބުން ޔުނިވަސިޓީން ލިޔުން އަންނަ ހިސާބަށް ކަންތައްތައް ދެއެވެ.

އެ ކަންބޮޑުވުމާ ގުޅޭގޮތުން 'ސަން' އިން ސުވާލުކުރުމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިހާތަނަށް ޖަވާބުދީފައެއް ނުވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙުމަދު -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުންދޭ ސްކޮލަޝިގެ ދަށުން ރާއްޖެ ހިމެނޭހެން 20 ގައުމެއްގައި ދަރިވަރުން އަންނަނީ ތައުލީމު ހާސިލްކުރަމުންނެވެ. އޭގެތެރޭގައި ހިމެނެނީ މުޅި ޖުމުލަ 607 ދަރިވަރުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް 101.8 މިލިއަން ރުފިޔާ ސްކޮލާޝިޕަށް ޚަރަދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ އެހާތަނަށް ސްކޮލަޝިޕަށް ޚަރަދުކޮށްފައި ވަނީ، 350.9 މިލިއަން ރުފިޔާއެވެ. އެ މުއްދަތުގައި ފައިސާ ޚަރަދުކޮށްފައި ވަނީ، 268 ދަރިވަރަކަށެވެ. އަދި މި އަހަރު ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް 101.8 މިލިއަން ރުފިޔާ ސްކޮލާޝިޕަށް ޚަރަދުކޮށްފައި ވާއިރު، މިހާރު ސްކޮލާޝިޕްގެ ދަށުން 45 ދަރިވަރުން ތައުލީމު ހާސިލްކުރެއެވެ. އަދި މި އަހަރު ދަސްވެނިވެފައި ވަނީ 48 ދަރިވަރުންނެވެ.

https://sun.mv/209728

ރައީސްގެ ޚާއްސަ ސްކޮލަޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑް ނުލިބި ލަސްވާ މައްސަލަ ފެންމަތިވިއިރު، ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނުގެ ދަށުން ކިޔަވާ ދަރިވަރުންނަށް ފައިސާ ނުލިބޭ މައްސަލަ ވެސް ބޮޑެވެ.

ފިނޭންސް މިނިސްޓްރީގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯނަށް ޚަރަދުކޮށްފައިވަނީ 333.6 މިލިއަން ރުފިޔާއެވެ. އަހަރު ނިމެން ހަތަރު މަހަށް ވެފައިވާއިރު ސްޓޫޑެންޓް ލޯނުގެ ގޮތުގައި ދޫކޮށްފައިވަނީ، މިދިޔަ އަހަރާ އަޅާ ބަލާއިރު 120.7 މިލިއަން ރުފިޔާ މަދުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ސްޓޫޑެންޓް ލޯނަށް 454.3 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އެވްރެޖްކޮށް ތައުލީމީ އަދި މަތީ ތައުލީމްގެ ދާއިރާއަށް ވެސް ބަޖެޓުން ކަނޑައަޅާފައިވާ އަދަދަށްވުރެ ޚަރަދުކުރާ މިންވަރު ދަށްކަން ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް