އައްޑޫގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމުކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ އަހަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާއެކު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި މަޝްރޫއަކީ ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އާ ދޮރެއް ހުޅުވައިލާނެ މަޝްރޫއެއް ކަމަށެވެ. އަދި އައްޑޫއަކީ މަސްވެރިކަން ކުރިއެރުވުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ މަގްސަދަކީ އައްޑޫގައި މަސްވެރިކަން ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްގެ ޚިދުމަތް ފުޅާކުރުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދެކުނުގެ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެން ދާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން އެ މަޝްރޫއުގެ ތަފްސީލީ މާސްޓާ ޕްލޭނާއި، މާލީ އަދި އިގްތިސޯދީ ފައިދާގެ ދިރާސާތަކުގެ އިތުރުން، މަޝްރޫއު ހިންގާނެ ވިޔަފާރި މޮޑެލްއާއި، ފައިނޭންސްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެތެރޭ ސީދާ އައްޑޫއިން, ރާއްޖެއިން ބޭރަށް މަސް ބޭރުކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ރާވާފައިވާކަން، މިދިޔަ އޮގަސްޓް މަހުގެ ނުވަވަނަ ދުވަހު ހާމަކޮށްފައެވެ.
އެގޮތުން އައްޑޫއިން ގަންނަ މަސް ހުވަދުއަށް ނުގެންގޮސް، ސީދާ އައްޑޫއިން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ފަށަން ރާވާފައިވާ ކަމް މިފްކޯއިން ބުންޏެވެ. އަދި އައްޑޫގައި މަހަށް ވެލިއު އެޑްކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭ ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
މިފަހުން މިފްކޯއިން ވަނީ ފުވައްމުލަކުން ވެސް މަސް ގަންނަން ފަށައިފައެވެ.