ތަކެތީގެ އަގު ބޮޑުވުމާ ގުޅިފައިވަނީ ޑޮލަރުގެ އަގާ، ހެޔޮ ކުރެވޭކަށް ނެތް: ވިޔަފާރިވެރިން

މާރުކޭޓު ގޮޅިއެއްގައި މީހަކު ދޮންކެޔޮ ގަނޑެއް ކިރަނީ: ވިޔަފާރިވެރިން ބުނީ، ޑޮލަރުގެ އަގު ދަށްނުވަނީސް އަގުތައް ހެޔޮ ނުވާނެ ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑުވުން ގުޅެނީ ޑޮލަރުގެ އަގާއި ކަމަށާއި ޑޮލަރުގެ ދަތިކަން ހައްލުނުވަނީސް ތަކެތީގެ އަގު ހެޔޮ ކުރެވެން ނެތް ކަމަށް ވިޔަފާރިން މިއަދު ބުނެފިއެވެ.

ރާއްޖެއަކީ އިމްޕޯޓު މުދަލަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ދުވަހެއް ދުވަހަށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތައް އަންނަނީ މަތިވަމުންނެވެ. ޑޮލަރެއްގެ އަގު 20ރުފިޔާއަށް ވުރެ މަތީގައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަމުގެ ސަބަބުން، ތަކެތީގެ އަގުތަކުގައި އިންތިހާއަށް ވަނީ އިތުރެވެ. ކުރިން ފަސް ރުފިޔާއަށް ލިބުނު އާފަލެއްގެ އަގު މިހާރު ހުރީ، 10އަކުން މަތީގައެވެ.

ރާއްޖެއަށް އެންމެ ގިނައިން މޭވާ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ އުފަންވެލީގެ އޮޕަރޭޝަންސް މެނޭޖަރު އަބްދުއްރަޙުމާން ގާދިރު 'ސަން'އަށް ބުނީ، ބޭރު ގައުމުތަކުން ގެންނަ ހުރިހާ ބާވަތްތަކާއި ޑޮލަރުން ޕޭމަންޓު ދައްކަން ޖެހޭ ހުރިހާ ބާވަތްތަކުގެ އަގުތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ ކަމަށެވެ. އެބާވަތްތަކުގެ ތެރެއިން ވެސް، އެންމެ އަގު ބޮޑު ބާވަތެއް ކަމަށް އަބްދުއްރަހުމާން ވެސް ފާހަގަކުރީ، އާފަލާއި އޮރެންޖެވެ.

https://sun.mv/210826

މީހަކު މާރުކޭޓު ގޮޅިއެއްގައި ތަރުކާރީތައް ބަލަނީ: ވިޔަފާރިވެރިން ބުނި ގޮތުގައި، ތަކެތީގެ އަގުތައް މައްޗަށް ދަނީ ޑޮލަރު ނުލިބޭތީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އޭނާ ބުނި ގޮތުގައި، ތަކެތީގެ އަގުތައް ބޮޑުވަނީ، އެތަކެތި ގެންނަން ޖެހޭ ރޫޓު ދިގުވުމާއި ޑޮލަރުގެ ދަތިކަމުގެ ސަބަބުންނެވެ. އަދި، އަގުތައް ދަށްވާނީ ޑޮލަރުގެ ދަތިކަން ހައްލުވުމުން ކަމަށް އޭނާ ގަބޫލުކުރެއެވެ.

"އަގުތައް ހަމަ ދަށްވާނެ ސަރުކާރުން ޑޮލަރު ލިބުން ފަސޭހަ ކުރި ދުވަހަކުން. އެދުވަހަކުން ހުރިހާ އެއްޗެއްގެ ވެސް އަގު ހެޔޮވާނެ. މިދާ ރޭޓުން ދަންޏާ ދިވެހީންނަށް ޑޮލަރު ހޯދުން ދަތިވަންޏާ އެއްޗެހީގެ އަގުތައް ވެސް ދާނީ މައްޗަށް ދެއްތޯ އަބްދުއްރަޙުމާން ބުންޏެވެ.

އޭގެއިތުރަށް، ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކާ ވިޔަފާރިވެރިއަކު 'ސަން'އަށް ބުނީ، އެންމެ ބޮޑަށް އަގުތައް އުފުލެނީ މޭވާއާއި ތަރުކާރީގެ ކަމަށެވެ.

މީހަކު މާރުކޭޓު ގޮޅިއެއްގައި: ތަކެތީގެ އަގުތައް ދުވަހެއް ދުވަހަށް ދަނީ އުފުލެމުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ވިޔަފާރިވެރިޔާ ބުނި ގޮތުގައި، ތަކެތީގެ އަގުތައް މައްޗަށް ދަނީ މޭވާއާއި ތަރުކާރީގެ ބާވަތްތައް ހައްދަން ބޭނުންކުރާ ބޭހުގެ އަގު ބޮޑުވުމާ ގުޅިގެނެވެ.

އޭނާ ބުނި ގޮތުގައި، ކުރިއާ ބަލާއިރު ވިޔަފާރިވާ މިންވަރު ވެސް މަދެވެ. އެއީ، މީހުންނަށް ލިބޭ އާމްދަނީ މަދުވާތީ ކަމަށް އެ ވިޔަފާރިވެރިޔާ ބުންޏެވެ.

https://sun.mv/210775

ތަކެތީގެ އަގުތައް ދުވަހެއް ދުވަހަކަށް މައްޗަށް ދާއިރު، ޖުލައި މަހުން އޮގަސްޓު މަހަށް މާލޭގައި ކާތަކެތީގެ އަގުތައް ވަނީ 1.62 ޕަސެންޓް އިތުރުވެފައެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން އެންމެ ބޮޑަށް އުފުލިފައިވަނީ މޭވާގެ އަގެވެ. އެގޮތުން މަހުން މަހަށް 6.13 ޕަސެންޓުގެ އިތުރުވުމެއް އައިއިރު، މިދިޔަ އަހަރާ އަޅައިބަލާއިރު 10.2 ޕަސެންޓުގެ އިތުރުވުމެއް ދައްކައެވެ.

އެތަކެތީގެ އަގުތައް ބޮޑުވުމާ ޑޮލަރާ ގުޅިފައި އޮތްއިރު، މި ސަރުކާރު އައިފަހުން ޑޮލަރުގެ އަގު އެންމެ ރަނގަޅަށް ހުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައެވެ. ސަރުކާރުން ވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށް ވިދާޅުވެފައެވެ.

ރައީސް ޑރ. މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ އޭޕްރީލް މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށެވެ. އޭގެ ކުރިން ރައީސް ވަނީ ޑޮލަރުގެ ރޭޓު ދެން ވާނީ ދަށްކަމަށާއި އިތުރަށް މަތިނުވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ އިތުރަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވެސް ވަނީ ޑޮލަރުގެ އަގުތައް ދަށްވެ، މައްސަލަ ހައްލުވާނެ ކަަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ. އެކަމަކު، ޑޮލަރުގެ ތާށިކަން ބޮޑުވެ، އަގުތައް ދަނީ މައްޗަށެވެ.

އެކަމުގެ ސަބަބުން ތަކެތީގެ އުފުލެނީ ތަކެތީގެ އަގެވެ. ލިބޭ މުސާރައާ ކުރަން ޖެހޭ ޚަރަދާ ނުބައްދަލުވާތީ އާންމުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންވެ.

ތަކެތީގެ އަގުގެ އިތުރަށް، ރެސްޓޯރަންޓުތަކުގެ އަގު ވެސް އަންނަނީ މަހުން މަހަށް އުފުލެމުންނެވެ. އެހެންވެ، އެ ތަންތަނުގައި ވެސް ހޭދަކުރާ މީހުންގެ އަދަދު ނިސްބަތުން މިހާރު މަދެވެ. މި ހުރިހާ ކަމަކީ ރާއްޖޭގެ އިގުތިޞާދު ދަށަށް ދިޔުމާ ގުޅިފައި ހުރި ކަންކަމެވެ.

comment ކޮމެންޓް