ހަނިފަރު ބޭއަށް އަސަރުކުރާނެ ކަމަށް ބުނެ ދޮންފަނު ބިން ހިއްކުން ކުރިއަށްނުގެންދަން ގޮވައިލައި ޕެޓިޝަނެއް

ބ. އަތޮޅުގައި އޮންނަ ހަނިފަރު ބޭ-- ފޮޓޯ/ ޒުބްލޫ

ބ. އަތޮޅުގައި އޮންނަ، ޔުނެސްކޯގެ ބަޔޯސްފިއާ ރިޒާވް، ހަނިފަރު ބޭއަށް އެތައް ގެއްލުމެއްވާނެ ކަމަށް ބުނެ އެ ސަރަހައްދާ ކައިރި އޮތް ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ގޮވައިލައި، ޕެޓިޝަނެއް ފަށައިފިއެވެ.

އެންމެ 400 އެއްހައި މީހުން އުޅޭ ދޮންފަނުގައި 13 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ އެމްޓީސީސީއަށް ހަވާލުކޮށްފައެވެ. އެ މަސައްކަތް ދިނީ މިދިޔަ މަހުގެ 13ވަނަ ދުވަހު، ރައީސް އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

އެއާއެކު ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.

އެއާއެކު މި މަޝްރޫޢު ހުއްޓުވުމަށް ގޮވާލައި ޕެޓިޝަނެއް މިހާރު ދަނީ ހިންގަމުންނެވެ.

މި ޕެޓިޝަން ހިންގާ ފަރާތްތަކުން ބުނީ ހަނިފަރު ބޭއަކީ ހަމައެކަނި ކަނޑުގެ ސަރަހައްދެއް ނޫނެވެ. އެއީ ދުނިޔެއިން ނެތިގެން ދިއުމުގެ ބިރު ހީވެފައިވާ މާފަށާއި، މިޔަރު ކޮވެއްޔާއި، އެތައް ބާވަތެއްގެ ގާފުޅިތަކަށް ދިރިއުޅުމުގެ މާހައުލަކަށް ވެފައިވާ ތަނެއް ކަމަށް އެ ބުންޏެވެ.

މިފަދަ ނިޒާމުތަކަކީ ދުނިޔޭގެ ދިރުންތަކުގެ ވެށީގެ މުހިއްމު ބައެއް ކަމަށް އެ ޕެޓިޝަންގައި ފާހަގަކުރެއެވެ. ފަތުރުވެރިކަމާއި މަސްވެރިކަމަށް ބަރޯސާވެފައިވާ ގިނަ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުން ބިނާވެފައިވަނީ މިތަންތަނުގެ މައްޗަށް ކަމަށް ވެސް ބުންޏެވެ.

ނަމަވެސް، މިހާރު ހަނިފަރު ބޭގެ މި މުހިއްމުކަން ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައި ކަމަށް ޕެޓިޝަންގައި ފާހަގަކުރެއެވެ.

މި ނުރައްކަލަކީ ހަމައެކަނި ތިމާވެށީގެ ގޮތުން ލިބިދާނެ ގެއްލުމެއް ނޫން ކަމަށާއި، މިއީ އިގްތިސާދީ އަދި ސަގާފީ ގޮތުން ވެސް ލިބިދާނެ ބޮޑު ގެއްލުމެއް ކަމަށް ޕެޓިޝަންގައި ބުންޏެވެ.

ހަނިފަރު ބޭ ގެ ފުރިހަމަ ގައިޑް-- ފޮޓޯ/ ޑްރީމިން އޮފް މޯލްޑިވްސަ\ް

ބިން ހިއްކުމުގެ ސަބަބުން ކަނޑުގެ ފެން ދައުރުވާ ނިޒާމަށް ބަދަލުތައް އަންނާނެކަމަށާއި، މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ފަސްގަނޑު ޖަމާވެ، މާފަށާއި މިޔަރު ކޮވެއްޔަށް ކާނާގެ ގޮތުގައި ބޭނުންވާ ކުދިކުދި ދިރުންތައް ކަމަށްވާ ޕްލެންކްޓަން ނެތިދިއުމުގެ ނުރައްކާ އެބަ އޮތް ކަމަށް ޕެޓިޝަންގައި ބުނެއެވެ.

އެއާއެކު، ބިން ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން ހަމައެކަނި ވަކިވަކި ދިރުންތަކުގެ ދިރިހުރުމަށް ނުރައްކާވެ ކަނޑުން ލިބޭ ނަފާވެރިކަމަށް ބަރޯސާވެފައިވާ ރަށްރަށުގެ ރައްޔިތުންގެ މުސްތަގުބަލަށް ވެސް ނުރައްކާ ވާނެކަމަށް ޕެޓިޝަންގައި ބުންޏެވެ.

މިހެންކަމުން، ހަނިފަރު ބޭއާ ކައިރީގައި ހިންގުމަށް ހުށަހަޅާފައިވާ ބިން ހިއްކުމުގެ މަޝްރޫޢު އަލުން ދިރާސާކޮށް މުރާޖާކުރުމަށް ވެސް ޕެޓިޝަންގައި ވަނީ ގޮވައިލައިފައެވެ.

comment ކޮމެންޓް