ރޮލެކްސް ގަޑިއެއް 'ވަގަށް' ނެގި އަންހެން މީހާ އަނެއްކާ ވެސް މާލެއިން ހައްޔަރުކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން: ރޮލެކްސް ގަޑިއެއް ވަގަށް ނެގުމުގެ ތުހުމަތުވި ޒުވާން އަންހެން ކުއްޖާ ވަނީ އަނެއްކާ ވެސް ހައްޔަރުކޮށްފައި -- ފޮޓޯ/ ފުލުހުން

މީގެ ދެ މަހެއްހާ ދުވަސް ކުރިން، ރޯލެކްސް ގަޑިއަކާއި އަގުބޮޑު ކެމެރާ ލެންސެއްގެ އިތުރުން އެހެނިހެން ތަކެތި ވަގަށް ނެގި ޒުވާން އަންހެން މީހާ ވައްކަމުގެ މައްސަލައެއްގައި އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.

އަގުބޮޑު ސާމާނުތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީގެ ދުވަސްކޮޅެއް ކުރިން ހައްޔަރުކުރި 26 އަހަރުގެ އަންހެނެކެވެ. އޭނާގެ ބަންދަށް މި ފަހަރުވަނީ ހަތް ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައެވެ.

މި ފަހަރު ވެސް މި އަންހެން މީހާގެ މައްޗަށް ވައްކަމުގެ ތުހުމަތުކުރެވޭއިރު، ވައްކަމުގެ އިތުރުން ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތު ވެސް މި މީހާގެ މައްޗަށް ކުރެވެއެވެ.

https://sun.mv/208838

ރިކޯޑުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަހު ވެސް ވައްކަމުގެ މައްސަލައެއްގައި މި އަންހެން މީހާ ހައްޔަރުކުރިއެވެ. އެ ފަހަރު މި އަންހެން މީހާގެ ބަންދަށް ޖެހީ 10 ދުވަސް ކަމަށް ރިކޯޑުތަކުން ދައްކައެވެ. އެ ފަހަރު އޭނާ ހައްޔަރުކުރީ، ފުލުހުން މާލެ ތެރޭ ޕެޓްރޯލްކުރަމުން ދަނިކޮށް، މަޖީދީ މަގު ސިޓީ ޝޫޒް ކުރިމަތީ ޕާކްތެރޭ އިން މީހާ ފުލުހުން ފެނުމުން އޭނާ އަޅުވައިގެން އިން ކަޅުކުލައިގެ ދަބަހާއި ކެމެރޭ ލެންސް ދަބަސް ފޮރުވަން އުޅުމުން ސުވާލުކޮށް، ބަލައިފާސްކުރުމުގައި ވައްކަންކުރުމުގެ ތުހުމަތުކުރެވިގެންނެވެ.

އޭނާގެ އަތުގައި އެ ފަހަރު އޮތް ދަބަހުގެ އަރިމަތީ ބައިން ރޯލެކްސް ގަޑިއެއް ފެނުނެވެ. އަދި، މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާގެ ބޮޑީ ޗެކްކުރިއިރު އޭނާ އަޅައިގެން ހުރި ކަޅު ދަބަހުގެ ތެރެއިން އެއް ރޮލެކްސް ގަޑިއާއި، އެއް އެޕަލް އައިފޯނު އެކްސާއި، ދެ ސޭންޑިސްކް އެކްސްޓާނަލް ހާޑާއި، އެއް ހީޓު ސިނގިރެޓު ފެނިފައިވެއެވެ. އަދި، އެއް މެގްނެޓިކް ކާޑު ހޯލްޑަރާއި، ހަތަރު ޗާޖަރާއި، އެއް ޕަވާބޭންކް އޮތް ކަމަށް ވެސް އަމުރުން އެނގެއެވެ. މީގެ އިތުރުން، ކެމެރާ ލެންސް ދަބަހުގައި އެއް ނިކޯން ކެމެރާ ލެންސް ވެސް އޮތެވެ.

ކުރިން ވެސް ކުށުގެ ރިކޯޑު އޮތް މި އަންހެން ކުއްޖާ ވަނީ އޭނާގެ އަތުން އެ ފަހަރު ފެނުނު ތަކެއްޗަކީ އެހެން މީހެއްގެ އެއްޗެހި ކަމަށް އެއްބަސްވެފައެވެ.

ވައްކަމުގެ މައްސަލަތައް މާލޭގައި ވަރަށް އާންމެވެ. ފުލުހުން އަންނަނީ އެފަދަ ކަންކަމަށް ސަމާލުވެ މުދާލާއި، އަމިއްލަ ގޭގެ ސަލާމަތް ކަށަވަރުކުރުމަށް އިލްތިމާސްކުރަމުންނެވެ.

comment ކޮމެންޓް