ނުރައްކާތެރި އަދި ގެއްލުންދެނިވި ކޮންޓެންޓުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޓިކްޓޮކްގެ އިސްވެރިންނާ ބައްދަލުކުރުމަށްފަހު، އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުގެ އުމުރު ކަށަވަރުކުރާނެ ނިޒާމެއް ގާއިމުކުރުމަށް މެލޭޝިއާ ސަރުކާރުން ގޮވާލައިފިއެވެ.
މެލޭޝިއާގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ފަހްމީ ފަޟީލް ވިދާޅުވީ، ޓިކްޓޮކުން ގެއްލުންދެނިވި ކޮންޓެންޓުތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތާމެދު "އެއްގޮތަކަށް ވެސް ހިތްހަމަޖެހިވަޑައިނުގަންނަވާ" ކަމަށާއި، ނަމަވެސް މި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އެ ކުންފުންޏަށް ދެއްވާނެ ކަމަށެވެ.
މެލޭޝިއާގެ ޕޮލިސް މަރުކަޒުގައި ޓިކްޓޮކްގެ މަންދޫބުންނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަހްމީ ވިދާޅުވީ، އުމުރު ކަށަވަރުކުރާނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށާއި، މިކަން ދިރާސާކުރުމަށް ޓިކްޓޮކަށާއި، މެލޭޝިއަން ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަން (އެމްސީއެމްސީ) އަދި ފުލުހުންނާ ހަވާލުކުރާނެ ކަމަށެވެ.
މީގެ އިތުރުން، އެކްސް އާއި، ފޭސްބުކް، ވަޓްސްއެޕް އަދި އިންސްޓަގްރާމްގެ ބެލެނިވެރި ފަރާތް ކަމަށްވާ މެޓާ ޕްލެޓްފޯމްސްގެ މަންދޫބުންނާ ވެސް މިފަދަ މަޝްވަރާތަކެއް ބޭއްވުމަށް ހާޒިރުކުރާނެ ކަމަށް ފަހްމީ ވިދާޅުވިއެވެ.
އޮންލައިން މުޖުތަމައުގައި ގެއްލުންދެނިވި ކޮންޓެންޓުތައް ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން މެލޭޝިއާއިން ވަނީ ސޯޝަލް މީޑިއާ ކުންފުނިތައް ވަރަށް ގާތުން ބަލަން ފަށާފައެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، މެލޭޝިއާގައި އަށް މިލިއަނަށް ވުރެ ގިނަ ޔޫޒަރުން ތިބޭ ޕްލެޓްފޯމްތަކާއި މެސެޖިން ޚިދުމަތްތައް ހިންގުމަށް ލައިސަންސް ހޯދުން ވަނީ މަޖުބޫރުކޮށްފައެވެ.
މެލޭޝިއާއިން ގެއްލުންދެނިވި ކޮންޓެންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި އޮންލައިން ޖުވާކުޅުމާއި، އޮޅުވާލައިގެން ފައިސާ ހޯދުމާއި (ސްކޭމް)، ކުޑަކުދިންނާ ގުޅޭ ޖިންސީ ތަސްވީރުތަކާއި އެފަދަ ކަންކަމަށް ކުދިންނަށް ހިތްވަރުދިނުމާއި، ސައިބަބުލީން، އަދި ނަސްލާއި، ދީނާއި، ރަސްކަމާ ގުޅޭގޮތުން ހަމަނުޖެހުން އުފެދޭފަދަ ވާހަކަތައް ފެތުރުން ހިމެނެއެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރަކީ ދުނިޔޭގެ ފެންވަރުގައި އިތުރުވަމުން އަންނަ ކަންބޮޑުވުމެކެވެ. މިގޮތުން، މިދިޔަ އަހަރު އޮސްޓްރޭލިއާއިން ވަނީ 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައެވެ. އަދި ޖުލައި މަހުން ފެށިގެން އިނގިރޭސިވިލާތުން ވަނީ ޕޯނޮގްރަފީ ވެބްސައިޓްތަކާއި ގެއްލުންދެނިވި ކޮންޓެންޓު ހުންނަ އެހެން ޕްލެޓްފޯމްތަކުން، ކުޑަކުދިންނަށް އެކަންކަން ނުފެންނާނެހެން އުމުރު ކަށަވަރުކުރުން މަޖުބޫރުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ޓިކްޓޮކުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.