"މަންމަ ނޫނީ ބައްޕަ ދުނިޔެ ދޫކޮށް ދާ ދުވަހަކީ ގިނަ މީހުންގެ ހަޔާތުގައި އަންނާނެ އެންމެ ކަޅު އަދި ހިތާމަވެރި ދުވަސްކަމުގައިވާނެއެވެ. މައިންބަފައިންނަށްވުރެ ތިބާދެކެ ލޯބިވާނެ އަދި އަޅާލާނެ އެހެން މީހަކު ނުވާނެކަން ޔަގީނެވެ. މައިންބަފައިން ދުނިޔޭގައި ތިބުމަކީ ލިބޭނެ އެންމެ ބޮޑު ނިއުމަތެވެ. އެމީހުންނަށް އޯގާތެރިވެ ހެޔޮކޮށް ހިތާށެވެ. ޚިދުމަތްކޮށްދޭށެވެ.

***

ޔޫސުފްއާއި ފަރުޒާނާ އަދި އަމްރާން އެކީގައި ގޮސް ދޮރުގައި ޓަކިދިނުމުން ދޮރު ހުޅުވައިލީ ކުލްސޫމްއެވެ. އެގޭތެރޭގައި ފިނިކަމާއެކުވެފައިވަނީ މާތަކުގެ މީރުވަހެވެ. ކުލްސޫމްއެކޭ އެއްފަދައިން ކަމީލާވެސް ކުރުތާހެދުމަކާއިއެކު ޖިންސެއްގައި ހުރިއިރު ބޮލުގައި ރީތިކޮށް ހިޖާބު އޮޅާފައިވިއެވެ. ކަމީލާއަށް ސޯފާއިން ތެދުވުމާއެކު ނަޒަރު ހުއްޓުނީ އަމްރާންގެ މޫނަށެވެ. އަތްދިގު ކަޅުނޫކުލައިގެ ގަމީހަކާއި ޖިންސެއްލައިގެން ހުރިއިރު ދެންމެ ފެންވަރާލައިގެން އައިހާ ތާޒާއެވެ. ހިތްގައިމު ސެންޓެއްގެ ވަސް އެތަނުގެ ވައިގާ ހިފައިލިއެވެ. ކަމީލާ އަނގަ ހުޅުވުނުގޮތަށް ލައްޕައިލަން ނޭގުނިއިރު އަމްރާންގެ ލޮލުގައިވީ ލާނެތް ކަމެވެ.

"ހައި ޑޮކްޓަރ ކަމީލާ...."އަމްރާން ހިނިތުންވެލިއެވެ.

"އަނހަ ދެކުދިން ކުރިން ދިމާވެފައި ދޯ..."ކުލްސޫމްއަށް ލިބުނު ހައިރާންކަމާއެކު ހިނިތުންވެލަމުން ކަމީލާގެ މުލައްދަނޑީގައި ހިފައިލެވުނެވެ.

"ހޫމް މަންމާ..ދެމީހުން އެއްތަނެއްގައި މަސައްކަތްކުރަނީ....ހޮސްޕިޓަލުގައި.." ކަމީލާ އޭރުވެސް ހުރީ ހުއްޓުން އަރާފައެވެ.

"އެހެންވީމަ އަދި މާ ފުރިހަމައެއްނު...ނޫންތަ؟"ފަރުޒާނާގެ ފުޅާ ހިނިތުންވުމުން ދޭހަކޮށްދެނީ އުފާވެފައި ހުރި މިންވަރެވެ.

"އަހަރެން އަބަދުވެސް އުއްމީދުކުރީ ކަމީލާ ރާއްޖޭ ކުއްޖަކާއި ކައިވެނިކުރުން...އަދި ޑޮކްޓަރަކަށްވުމަށް..އަދި ދަންނަ އާއިލާއެއްގެ ކުއްޖަކަށްވާން..."

"އަހަރެމެންވެސް ބޭނުންވީ ހަމަ ދިވެހި އަންހެންކުއްޖެއް އަމްރާންގެ ހަޔާތުގެ ބައިވެރިޔަކަށްވާން...ﷲ އިރަދަކުރެއްވީރީ އެހުވަފެން ހަގީގަތަކަށްވެއްޖެ..."

ޔޫސުފް ފަރުޒާނާ އަދި ކުލްސޫމް ވާހަކަދައްކަން ތިއްބާ ކަމީލާ އަމްރާންއަށް ބަލައިލިއެވެ.

"ތިއީ އަވަށްޓެރިއެއްކަން ނުވެސް ބުނީމެއްނު...."

"އަހަރެން ބޭނުންވި..އެކަމަކު ބުނަންވީ ކިހުނެއްކަމެއް ނުވިސްނުނީ...ދެމީހުންފެ ދޭތެރޭގައި އޮތް ގުޅުމަށް ވާގޮތެއް ބަލަން.."

ދެމީހުންގެ ދެމެދަށް ހިމޭންކަންވެރިވިއެވެ. ކަމީލާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއްވެރިވިއެވެ.

"ވެލް....ދިސް އިޒް އަންއެކްސްޕެކްޓެޑް.."

"ބަޓް މޭ ބީ ނޮޓް އަންވެލްކަމް..."

އަމްރާން ދިއްކޮށްލީ ކުޑަ ސިޓީއުރައެކެވެ. އޭގެ ތެރޭގައި އޮތީ އަތުން ލިޔެފައިވާ ނޯޓެކެވެ.

"އަހަރެމެން ދެމީހުން ސްކްރަބްސްގައި އެކީގައި ފުރަތަމަ ވީ ވަގުތުން ފެށިގެން އަހަންނަށް އެނގުނީ ކަމީލާއަކީ އެކްސްޓްރާއޯޑިނަރީ ކުއްޖެއްކަން. ހަމައެކަނި އެކީގައި މަސައްކަތްކުރާ ކޮލީގަކަށްވާކަށް ނޫން ބޭނުމީ... ދިގު ޝިފްޓަކަށްފަހު ކަމީލާ ހެއްވާނާލެ ނޫނީ ހަނދާންނެތި ނާސްތާ ނުކޮށް އައުމުން ކޮފީ ގެނެސްދީ އަދި ކޮންމެ ތޫފާނެއްގެ ވަގުތު އެކީ ހުންނަން ބޭނުންވީ ..ވިލް ޔޫ މެރީ މީ؟"

ކަމީލާގެ ހިތް ގަނޑުފެނުން ބޮނޑިތާންވި ލަފުޒުތަކެވެ. އެކަމަކު މިފަދަ ޒުވާނެއްގެ ފަރާތުން މިފަދަ ހުށަހެޅުމެއް ލިބިދާނެކަމަށް ހުވަފެނުންވެސް ނުދެކެއެވެ. އޭނަގެ ހިތް ރޭހެއްޖެހިއެވެ.ސިއްރުވެރި އަވަށްޓެރިއެކެވެ. އޭނަގެ ހިތް އަތުލައިގަތް އެކީގައި މަސައްކަތްކުރާ ޒުވާނެކެވެ. އެންމެ ޖުމްލައަކުން އޭނަގެ ހަޔާތްވެސް ބަދަލުކޮށްފިކަހަލައެވެ. ވަގުތުން ދޭނެ ޖަވާބެއްނޭގުނެވެ. ހިމޭންކަން ދެމިގެން ދިޔައެވެ." ވަރަށް ސަޕްރައިޒްތަކުން ފުރިފައިވަނީ ޑޮކްޓަރ އަމްރާން................."

ދެމީހުންނަށް ހިނިތުންވުމެއް ބަދަލުކުރެވުނެވެ.

***

އަޒިއެލް ޕޯޑިއަމްއަށް އެރީ ޒުވާނުންގެ ކޮންފަރެންސަކަށެވެ. މައުޟޫއަކީ އުއްމަތުގެ ނަފްސާނީ ދުޅަހެޔޮކަމެވެ. ހާޟިރުވެ ތިބި މީހުން ތެރޭގައި ގިނައީ އުއްމީދުތަކުން ފުރިފައިވާ ޒުވާނުންނެވެ. އޭނަ ނޯޓްފޮތް ހުޅުވައިލިއެވެ. ނޯޓްސްތަކާއި އެކި މަޝްހޫރު ފިލޯސަފަރުންގެ ހިކުމަތުން ފުރިފައިވާ ބަސްތަކެވެ. އާޔަތްތަކެވެ. އެންމެ ފަހު ވަގުތު އޭނަ ގަނޑުވާގޮތްވިއެވެ. އިސްއުފުލައި ބަލައިލުމުން އެތާ ތިބި މީހުންގެ މޫނުތައް ފެނުނީ ފުސްކޮށެވެ. ނިތްކުރިން ތިރިއަށް ދެމިގަތީ ދާތިކިތަކެވެ.އިންޒާރުގެ ރަގަބީލު ސިކުނޑީގައި ޖެހިގަތެވެ. އޭނަ އަވަހަށް ނޯޓްފޮތް ބޭއްވިއެވެ.

"އަހަރެން އައީ ނޯޓްސް ހިފައިގެން. އެކަމަކު ކަރުދާސްތަކުން ކިޔަން މަގޭ ހިތް އެއްބަހެއްނުވި.."

ހޯލްތެރެއަށް ހުއްޓުމެއް އައިފަދައެވެ.

"ކުރިން އެތައް އަހަރެއްވާންދެން އަހަރެން ވިސްނި ކަމެއް އެނގޭތަ؟ އޯލްމައިޓީ އަހަރެން ދޫކޮށްލައްވައިފިކަމަށް. އެހެން ހިތަށް އެރި ސަބަބު އެނގޭތަ؟ އަހަރެން ބޭނުންވީ ހެއްދެވި ފަރާތާއި ވާހަކަދައްކަން...އެތައް ކަޅު ރޭތަކުގައި ބޭރަށް ނުކުމެ އަނދިރިގަނޑާއި ދިމާލަށް ހަޅޭއްލެވިން..އެކަމަކު އެއްވެސް ފަރާތަކުން ހިލަމެއް އަދި ޖަވާބެއްވެސް ނުލިބޭ...." އޭނަ ވާހަކަ މެދުކަނޑައިލިއެވެ.

އެންމެންވެސް ތިބީ އަޒިއެލް ފަދައިން ނޭވާ ހިފަހައްޓާލައިގެންނެވެ.

"އެކަމަކު އެ ހިމޭންކަމަކީ ހަގީގަތުގައި އެއްވެސް ފަރާތެއް ނުވުމެއް ނޫން. އެއީ ސްޕޭސް....އަހަރެން އެތަނަށް ވެއްޓިގެން ދާންވީ..އޭރުން އަހަންނަށް ހެއްދެވި ފަރާތް އިންތިޒާރުގައިވާކަން އެނގޭނެ..."

ފަހަތު ގޮނޑިބަރިން ކުއްޖަކު ނޭވާ ދަމައިލި އަޑު އިވުނެވެ.

"ތިބާ ނަފުސާއި ހަގުރާމަކުރަންޏާ އެއީ ތިބާ ވަނީ ގެއްލި ހަލާކުވެފައިވާކަމަށް ނުދެކޭތި...އޭގެ މާނައަކީ ހަމަ ތިބާ ތި ހުރީ ދިރިދުނިޔޭގައޭ....އަދި ﷲ ތައާލާގެ ތަނަވަސް ރަހުމަތުގެ ތެރޭގައޭ...ބަލި ދެނެގަތުމުން ފިލާކަށް ނުޖެހޭނެ. ބައްޔާއެކީގައި ހިނގަން ދަސްކުރަންވާނީ......"

އެންމެންގެ ތަރުހީބުގު އަޑު އެތާ ގުގުމައިލިއެވެ. ނަމަވެސް އެހާ ބާރަށް ނޫނެވެ. މަޑުމަޑުންނެވެ. ސަބަބަކީ ޝިފާއަކީވެސް އެފަދަ އެއްޗަކަށްވާތީއެވެ. އެއީ ހަގީގަތެކެވެ. ކޮންމެ ބައްޔަކަށްވެސް ޝިފާވެއެވެ.

***

އަޒިއެލް މިސްކިތުގައި އިމާމުންނާއި ތަންކޮޅެއް ދުވަސްވެފައިވާ މީހުންނާއެކު އިށީދެލައިގެން އިނެވެ. އެމީހުން އެދުނީ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ސިއްހަތާއި ބެހޭ ޕްރޮގްރާމެއް ލޯންޗުކޮށް ދިނުމަށެވެ.

"އަހަރެމެން ބޭނުމީ އަޒިއެލް މިކަމުގައި ލީޑަރަކަށް ހުރުން...އަޒިއެލްގެ އެބަހުރި ތަޖުރިބާ..އަދި އެކަމުގެ ފޯރި..އެކަމަށް ޝައުގު ހުރި މީހަކަށް ލީޑަރަކަށް ވެވޭނީ.."

"އަޅުގަނޑުގެ ހާލަތު ބައެއްފަހަރު ގޯސްވޭ...ޕެނިކްވެސް ބައެއްފަހަރު ވޭ...އަނެއްކާ ފްރީޒް ވެއްޖެއްޔާ؟"

އިމާމް ނާދިރުވެސް ހުރީ އަޒިއެލްއާއި އެންމެ ފަހުން ވާހަކަދެއްކި ދުވަހަށްފަހު މުޅިންހެން ބަދަލުވެފައެވެ. ކުރިން އޭނަ އަޒިއެލްއާއިމެދު ދެކުނު ނަޒަރިއްޔާތު އެއްކޮށް ބަދަލުވެއްޖެއެވެ. ނަފްސާނީ މައްސަލަ ހުރުމަކީ އަދި ބާކީކޮށްލާން ޖެހޭ ކަމެއްނޫނެވެ. އެކުއްޖެއްގެ ހުރި ހުނަރަކުން ނުވަތަ ޝައުގު ހުރިކަމަކުން ކުރިއަށް ދިޔމުގެ ފުރުސަތު ދޭންވާނެއެވެ.

"މޫސަ އަލައިހިއްސަލާމްވެސް ހާރޫނު އަލައިހިއްސަލާމްގެ އެހީތެރިކަން ހޯއްދެވި.ސަބަބަކީ އެކަލޭގެފާނުވެސް ވާހަކަފުޅު ދެއްކެވުމުގައި ދަތިފުޅުކަމެއް ހުރީމަ....ލީޑާޝިޕްއަކީ ކޮންމެހެން މީހާ އެންމެ ފުރިހަމަވުމެއްނޫން.. އެއީ އެހެން މީހުންނަށް ކަމެއް ނުވެގެން އުޅޭއިރު ތިބާ އިސްނަގައިގެން އެކަމުގައި އުޅެދިނުން..." އިމާމް ނާދިރު ހިތްވަރު ދިނެވެ.

"އެހެންވިއްޔާ މަސައްކަތްކުރާނަން...އެކަމަކު ހީރޯއަކަށް ވާން ބޭނުމެއްނޫން...ހަމަ އެކީގައި ހިނގާނެ ބްރަދާއެއްގެ ގޮތުގައި ވާނީ.."

***

ފަރުޒާނާ އެކި ވައްތަރުގެ ފޮތިތަކާއި ކައިވެންޏާއި ގުޅޭ އެއްޗެހި ފޯނުން ބަލަމުން ދިޔައެވެ. އަމްރާންގެ އޭނަގެ މަންމަ ގާތު ސޯފާގައި އިށީދެއިންއިރު މޫނުމަތިން ފެންނަނީ ތާޒާކަމެވެ.އަޒިއެލް އޮތީ ސްކެޗްކުރުމުގައި އަވަދިނެތިއެވެ. ހަގުރާމައެއް ރާވާ ފަދައިން އޭނަ ކައިވެނީގެ ދުވަހު ގޮނޑިތައް ބަހައްޓަންވީގޮތް ކުރަހަމުން ދިޔައީ ނިކަން ފަރިތަކޮށެވެ.

"ކްރީމާއި ރަންކުލަ އަންހެންކުއްޖާގެ އާއިލާއަށް..އަހަރެމެންނަށް މެރޫންއާއި ފީރޯޒްކުލަ...އޮފް ވައިޓް އެއްގޮތަކަށްވެސް ކަމަކުނުދޭ...އަހަރެމެންނަކީ ވޮޝިންމެޝިންއެއްނޫން.."

"މަންމާ...އަޅުގަނޑަށް އެޓްލީސްޓް ބޭނުން ވައްތަރެއްގެ ޓައި ނެގިދާނެތަ؟" އަމްރާން ބުނެލިއެވެ.

"ހޫމް...އެކަމަކު އެދުވަހު ކުރާނެ ދުޢާއެއް ޗޫޒްކުރެވިދާނެ.."ފަރުޒާނާ ހިނިތުންވެލިއެވެ.

" ކަމީލާއަކީ ޑޮކްޓަރެއްނު.....އޭނަ މެރީކުރަނީ ޚަލީފާއަކާއި ނޫން...ދޮންބެއަކީވެސް އަހަރެމެންފަދަ އިންސާނެއް...ޕްރޮފެޓެއްނޫން..." އަޒިކިއެލް ބުނެލިއެވެ.

"އާޒް...."އަމްރާން ރުޅިއައިކަމަސް ހެދުނެވެ.

***

ޔޫސުފްއާއި ފަރުޒާނާ އަދި ދަރިންނާއެކު މާހިރާއާއި ލައިލާވެސް ތިއްބެވެ. އަދިވެސް ޕާޓީއަށް ލަންޑަނަށް އައި ބައެއް އާއިލާ މީހުންވެސް ބައިވެރިވެގެން ކުޑަ ޕިކްނިކެއް ހަދައިލަނީއެވެ. ކުއިލްޓްމަތީގައި ތަފާތު ވައްތަރުގެ ބުއިންތަކާއި ކާނާތަކެވެ. ދިވެހި ކެއުންތަކުންވެސް ފަޅުފިލުވާލާފައެވެ. އަޒިއެލް އެހެން މީހުންނަށް ފަރުވާލެއް ނުބަހައްޓާ ވިނަގަނޑުމަތީގައި އޮށޯވެލައިގެން އުދަރެހަށް ބަލަހައްޓައިގެން އޮވް އިނގިލިން ވައިގެ ތެރޭގައި ލިޔަމުން ދިޔައެވެ. ކުއްލިއަކަށް އިށީދެފައި އޭނަ ގުރުއާންގެ އާޔަތެއް ކިޔަވަން ފެށުމުން އެންމެންގެ ސަމާލުކަން ލިބުނެވެ. އޭނަ އެ ކިޔައިލީ ފުރުގާނު ސޫރަތުގެ ހަތްދިހަ ހަތަރުވަނަ އާޔަތުގައިވާ ދުޢާއެކެވެ.

"رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّـٰتِنَا قُرَّةَ أَعْيُنٍۢ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًۭا" މާނައަކީ އަޅަމެންގެ ވެރި ރަސްކަލާކޮ. އަޅަމެންގެ އަނބިންގެ ކިބައިންނާއި އަޅަމެންގެ ދަރިންގެ ކިބައިން ލޮލަށް ފިނިކަމެއް ލިބުމެއް އަޅަމެންނަށް ދެއްވާދޭވެ. އަދި ތަގުވާވެރިންނަށް އަޅަމެންނަކީ އިމާމުންކަމުގައި ލައްވާދޭވެ."

ފޯރިއާއެކު ވާހަކަ އަޅުވާލާފައި ތިބި އެންމެނަށްވެސް އަސަރުކޮށް ހިމޭންވިއެވެ. ވައިރޯޅިތައްވެސް އަދަބުވެރިވިފަދައެވެ. ކުޑަކުދިންވެސް ހުއްޓުން އެރިއެވެ. ޔޫސުފްވެސް އޭނަގެ ދަރިފުޅަށް ބަލައިލެވުނުއިރު ލޯ ތެމުނެވެ. މިފަހަރު ހިތުގައި އުފަންވީ ބިރުވެރިކަމެއްނޫނެވެ. ފަޚުރުވެރިކަމެވެ.

"އާމީން..."ފަރުޒާނާއާއެކު އެހެން އެންމެނަށްވެސް ކިޔައިލެވުނެވެ. ފަރުޒާނާގެ ދުޢާއެއް އިޖާބަވީފަދަ އިހުސާސެއްކުރެވުނެވެ.

ޒޭބާގެ ލޮލުގައިވެސް ކަރުނައިގެ މުތީތައް ވިދާބަބުޅަމުން ދިޔައެވެ. މާހިރާވެސް ގަދަކަމުން ހިނިތުންވެލިއެވެ. އޭނައަށް ޒޭބާ އަޒިއެލްއާއި ވާހަކަދައްކަން ބިރުގަންނަނީ ކޮންމެހެން ދީނީ ނަޒަރަކުން ގޯސްކަމެއްގެ ގޮތުގައި ދެކެގެނެއްނޫނެވެ. އެދެމީހުންގެ ގުޅުން އެހެން ސިފައެއް ޚިޔާރުކޮށްފާނެކަމުގެ ބިރަށެވެ.

މިފަހަރު މާހިރާ އެހާވަރުން މިކޮޅަށް އައީ ދައްތަގެ ބޮލަށް އެރިގެން އަމްރާންއާއި ޒޭބާ ކައިވެނީގެ ގޮތުން ގުޅުވަން ޕްލޭނެއް ރާވައިގެންނެވެ. ނަމަވެސް ކުލްސޫމް އެ ނިއުމަތްވެސް އޭނަގެ އަތުން ޖަހައިގެންފިއެވެ. ހިތުގައިވާ ހަސަދައިގެ އަލިފާންގަނޑު ނިވައިލެވެން އޮތީ އޭނަގެ ދަރިފުޅު ކަމީލާއަށްވުރެ މޮޅުވެގެންނެވެ. އަދި އަމްރާންއަށްވުރެ ރަގަޅު މުއްސަދި ބައިވެރިޔަކު ލިބުމުންނެވެ. މާހިރާއަށް ނޭގުނީ ދުނިޔެއަކީ ދުވަސްކޮޅެއްގެ އުފަލެއްކަމެވެ. ވާދަވެރިކަމާއި އެފަދަ ހަސަދަވެރިކަމަށް ހިތުން ޖާގަ ނުދިނުމެވެ.

***

ކައިލާ އިސްލާމިކް ސްޓަޑީޒްއިން ކުރިއަށް ދާން ނިންމިއިރު ހުށަހަޅަން ޖެހުނު ފޯމެއްގައި އޮތް ސުވާލު އަދިވެސް ހަނދާނުގައިވިއެވެ. ދީނީ ތައުލީމް އުނގެނެން ބޭނުންވީ ކީއްވެހެއްޔެވެ؟ އެދުވަހު ޖެހިލުންވެފައި އިނދެ އޭނަ ސުވާލަށް ޖަވާބު ލިޔުނެވެ."އަހަރެން ބޮޑުވީ އަހަންނަށް ދޭހަނުވާ ކަންތައްތަކާއިހެދި ބިރުގަނެ ވިސްނުމުގެ ތެރޭ ތާށިވެގެންނެވެ. އެއީ ހަޔާތުގެ ވަރަށް އުދަގޫ މަރުހަލާއެކެވެ. މިހާރު އަހަރެން އެކަން ދެނެގަނެ އެހެން ކުދިންނަށް އުނގަންނައިދޭން ބޭނުމެވެ. އަހަރެންފަދައިން ގޭތެރޭގައި ވާ ހައިޖާނުތަކާއި ހަލަބޮލިކަމަށް ނަން ދޭން ބިރުގަންނަ ކުދިންނަށް އެހީތެރިވާން ބޭނުންވެއެވެ." އެހެން މީހަކު އޭނަގެ ހަރަކާތްތަކަށް ދެކެން ހުރެދާނެތީ ބިރުގަންނަ ކުއްޖާ އެދުވަހު ހިނިތުންވެލީ އެހެން މީހުންނަށް ފެނުނަސް ހެޔޮކަމަށް ނިންމައިގެންނެވެ.

އަހަރެއްވީއިރުވެސް ކައިލާއަށް ޔުނިވާސިޓީގައި އެހެން ކުދިންނާއިއެކު އުޅެން ފަސޭހައެއްނުވިއެވެ. އެކުވެރިކަމަކީ އޭނައާއި ބީރައްޓެހި އެއްޗެކެވެ. އޭނަ ލޯބިކުރަނީ އެކަނިވެރިކަމަށެވެ. ބައިވެރިންނަކީ ފޮތްތަކެވެ. އޭނަގެ ހިތްވަރަކީ ދީނެވެ. ހިޖާބު އަޅާ ކުއްޖަކަށް ވުމުން އެހެން ކުދިންގެ ގަނާތަކާއިވެސް ކުރިމަތިލާން ޖެހުނުފަހަރު މަދެއްނޫނެވެ.

އޭނަ ހިނގާފައި ދިޔައީ ކުރު ޓޮޕްކޮޅުތަކާއި ޖިންސްތަކުގައި ތިބި އަޑުގަދަ އަންހެންކުދިން ތިބި މޭޒެއްގެ ކައިރިންނެވެ. އަމިއްލަ ޚިޔާލުތަކެއްގައި ހުރެއެވެ.

"ހޭއި....އިސްލާމިކް ސްޓަޑީސް ނިމިގެން ދެން އޮތީ ކޮންކަމެއްތަ؟ އެރެންޖް މެރިޖާއި ދިހަ ދަރިން ހޯދުންތަ؟ ހަތަރުވަނަ އަންބަކަށްވާންވިޔަސް އޯކޭވާނެ ދޯ..."މަލާމާތުން ފުރިފައިވާ ގޮތަކަށް ޖެނީ ދިމާކޮށްލިއެވެ.

"އޭނަ އަދި ހީކުރަނީ ސައިކޮލޮޖީވެސް ހަރާމްކަމަށް..."ސެލީނާ ބާރު ހިނިގަނޑެއް ޖަހައިލިއެވެ.

އާދައިގެ މަތިން ޖަވާބެއްނުދީ ދުރަށް ދާން އާދަވެފައިވާ ކުއްޖާގެ ހިތް ތެޅިގަތުމާއެކު މިފަހަރު ފިޔަވަޅުތައް އަވަސްކޮށްލުމުގެ ބަދަލުގައި ހުއްޓުނެވެ.

"އަހަރެން އިސްލާމް ކިޔަވަނީ ދީން އެކަމަށް އަންގަވާފައިވާތީ. އަދި ތައުހީދު ކިޔަވަން..އަދި ސައިކޮލޮޖީއާއި ދީނާ ހުރި ގުޅުން ދެނެގަންނަން....ނަން ދޭން ނޭގޭ ކަންތައްތައް ދެނެގަންނަން...އަދި އެހެން މީހުންނަށް އެހީތެރިވެ ނަފްސާނީ ކަންތައްތަކުން އަރައިގަންނަން އެހީތެރިވެސްވާން..." ކައިލާގެ އަޑު މަޑުވިޔަސް ސާބިތުކަމެއްވިއެވެ.

އެކުދިން ލޯބޮޑުކޮށްގެން ބަލަން ތިބީ އަޖައިބުވެފައެވެ. ކައިލާ ކާލައިގެން އަރާހުރި ހަންޑިކުއްޖެއް ހެއްޔެވެ؟ ކައިލާއަށް އެގޮތަށް ޖަވާބުދާރީވާކަށް ނުކެރޭނެއެވެ. އެއަށްވުރެ ފިނޑި ބަލިކަށި ކުއްޖެކެވެ.

"އަދި ބުނަންތަ؟ ތި ހީކުރީ ރަގަޅަކަށް ނޫން...ސައިކޮލޮޖީ ހަރާމެއްނޫން. އެކަމަކު ގަސްތުގައި ޖާހިލުވުން ހަރާމްވެދާނެކަން ނޭގޭ.." ކައިލާ ހިނިތުންވެލިއެވެ. އޭނަ ހިނގައިގަތީ މިފަހަރު އިސް އުފުލާލައިގެންހުރެއެވެ.

އިރުކޮޅެއްނުވަނީސް ޒޭބާ އަންނަތަން ފެނި ދެކުދިން އެކީގައިގޮސް ހުސް މޭޒެއްގެ ކައިރީ އިށީނެވެ. ސްޓައިލިޝްކޮށް ހިޖާބު އަޅައިގެން ނިވާވާގޮތަށް ހެދުން އަޅައިގެންތިބި ގޮތުން ސެލީނާމެންގެ ހިތުގައި ހަސަދަވެރިކަން އިންތިހާއަށް އުފެދިގަތެވެ. ކައިލާއަށް އާ އެކުވެރިޔަކު ލިބުމުން ހިތްވަރު ލިބުނީކަން ޔަގީނެވެ.

ދެކުދިން ގެ މައުޟޫއަކީ އަމްރާންއާއި ކަމީލާގެ ކައިވެނީގެ ވާހަކައެވެ.

"އާޒްއާއި އަހަރެން ވާހަކަދައްކާތީ މަންމަ އެހާ އޯކޭއެއްނޫން. މަންމައަށް ހީވަނީ އަހަރެން އާޒްއާއިހެދި އުޅެފާނެހެން...."ޒޭބާ ހިނިގަނޑެއް ޖަހައިލިއެވެ.

"އޯ....."

"އަހަރެން އަސްލު އާޒްއަށް ސިޓީ ލިޔަމުން އައީ...ދުވަހަކުވެސް ނުފޮނުވަން....އަހަންނަށް ނޭގޭ އެއީ އޭނައާއިހެދި ކަމެއް ނޫނީ އެގޮތަށް ދޫކޮށްލާފައި ދެވުނީ ސިކުނޑީގެ ކޮންމެވެސް ބަޔެއްގައި އަދިވެސް ލަދާއި އެކު ކުށްވެރިކަން އޮތީމަ ކަމެއްވެސް...."

"ޒޭބް. އަދި އެ ސުވާލުތަކަށް މިހާރު ޖަވާބު ނުލިބުނަސް އޯކޭވާނެ.އެކަމަކު ހިތަށް ފިލައިގެން އުޅޭކަށް ނުވާނެ..." ކައިލާގެ ޖުމްލައިން ހައިރާންވިވަރުން އޭނައަށް ކޮފީތަށި މޭޒުމަތީގައި ބެހެއްޓުނެވެ.

"ކުރިއާއި ބަލާއިރު ހާދަ ހިތްވަރުގަދަވެއްޖެ..."

"ސަބަބަކީ އަހަރެންވެސް މިހާރު ކޮންމެ ކަމަކަށް އެހެން މީހުންގެ ހުއްދަ ހޯދުން ހުއްޓާލީމަ..."

ދެކުދިން އަމިއްލަ ދުނިޔެއެއްގައި ހުނުމުގައި ތިބިއިރު އެހެން ކުދިންގެ އަމަލުތަކަށް އެއްވެސް ފަރުވާލެއްނެތެވެ.

***

ކައިވެނީގެ ހަފްލާއަށް ތައްޔާރުކޮށްފައިވާ ހިސާބުން ފެންނަނީ މުޅިންވެސް ރަނާއި ކްރީމް އަދި މެރޫން ކުލައިގެ ހެދުމާއި އުފާވެރި މޫނުތަކެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު