"އެމީހެއްގެ މައްޗަށް ލިޔުއްވާފައިވާ ރިޒުގެއް އެހެން މީހަކަށް ބަންދެއް ނުކުރެވޭނެއެވެ."
***
އިމާމް ނާދިރު އާއި އާއިލާގެ އެހެން ބައެއް މީހުންނާއެކު މޭޒުދޮށުގައި އިށީދެލައިގެން އަމްރާން އިންއިރު އޭނަގެ އަތްތިލަ ފިނިކަމުން ގަނޑުފެންކޮޅެއްފަދައެވެ. ހިތް އަވަސްވެފައިވިއެވެ. ކަމީލާ އައީ ހުދުކުލައިގެ ސާދާހެދުމެއްގައެވެ. އެހާ ވަރަށް ގަހަނާ އަޅާފައި ނެތަސް ރީތި އަންހެންކުއްޖެކެވެ. އިމާމް ނާދިރުގެ ޚުތުބާއަށްފަހު ދެކުދިންގެ ކައިވެނި ކުރެވުނެވެ. ދުޢާކުރެވުނެވެ. އަޒިކިއެލް އެންމެންގެ ނަޒަރުން ފިލައިގެން އުޅެފައިވެސް އެންމެ ފަހު ވަގުތު މައިކްރޯފޯނާއި ކައިރިއަށް ޖެހިލިއެވެ.
"އަހަރެން މި ޝެޑިއުލްގައި ހިމެނިފައިނެތްކަން އެނގޭ...އެކަމަކު އަހަންނަނީ ކައިވެނި ކުރެވުނު ފިރިހެންކުއްޖާގެ ކޮއްކޮ...އެހެންވީމަ ސިބްލިން އިން ލޯއެއްގެ ގޮތުން ކުޑަ ވަގުތުކޮޅެއް ލިބެން ޖެހޭ ކަމަށް ދެކެން...."
އެތަނުގައި ތިބި އެންމެންގެ ސަމާލުކަން ލިބި ހެއްވައިލިއެވެ.
"ހާލަތު އެންމެ ގޯސް ދުވަސްތަކުގައިވެސް އަމްރާންވަނީ އަހަންނާއެކު އުޅެފައި..އަހަންނަށް ނުނިދިއްޖެއްޔާ ނޫނީ ދެރަވެ ރޮވެންޏާ ނޫނީ އަހަރެން މާ އަޑުހަރުވެގެން އުޅޭއިރުވެސް....ވާހަކަތަކުން އަހަންނަށް އުދަގޫވެ އަނިޔާލިބޭކަން އެނގޭ ވަގުތުތަކުގައި ހިމޭނުން އަހަރެން ގާތު ހުރި......އަދި ހިމޭންކަމުގެ ތެރޭ އަހަރެން ގެނބިގެންދާއިރު ވާހަކަތަކުން އަހަންނާއެކީގައިވީ...."
އެންމެން އަޑު އަހަން ތިބީ ހިމޭންކަމާއެކުގައެވެ.
"އަހަންނަށް އަމްރާންގެ ފަރާތުން ފެނިފައިވާ ސިފަތަކުގެ ދެބައިކުޅަ އެއްބައި ކަމީލާއަށް ފެނުނަސް، އޭނަ އެ މެރީ ކުރީ ތޫފާންތަކުގެ ދުނިޔެއެއްގައި ސާބިތުވެގެން ހުންނަ މީހަކާއި ކަން އެނގޭނެ....." އަޒިކިއަލް އަމްރާންއާއި ދިމާލަށް ބަލައިލިއެވެ." އަދި ފަހަރެއްގައިވެސް ކަމީލާގެ ހިތް ހިފަހައްޓަން ހަނދާންނެތިއްޖެއްޔާ ރިމައިންޑްކޮށް ދޭނަން....އަހަރެންގެ އަމިއްލަ ހިތް ސަމާލުކުރަން ރިމައިންޑްކޮށްދޭފަދައިން...."
އަމްރާންގެ ލޮލުން ކަރުން ތިއްކެއް ނީރައިލިއިރު ބައެއް މެހުމާނުން ކަރުނަ ފޮހުނެވެ. ފަރުޒާނާ ރޮމުން ދިޔައެވެ.
އޭގެ ފަހުން އައި ދުޢާގެ އަސަރު އަދި އެއަށްވުރެ ވަރުގަދައެވެ.
މަރުހަބާއަށްފަހު ކެއުމައި ފޮޓޯ ސެޝަންތަކެވެ. އުފާވެރި ހަފްލާއެއްގެ ނިމުން އައީއެވެ. މެހުމާނުން ހުސްވުމުން ތަށިތައް ނަގާ ސާފުކުރެވުމުގެ މަސައްކަތްކުރެވެމުން ދިޔައިރު އަމްރާންއާއި ކަމީލާ ކޮޓަރިއަށް ވަނެވެ. އުއްބައްތިތަކާއި މަލުން ޖަރީވެފައިވާ ޗާލު ކޮޓަރިއެކެވެ. ދެމީހުންވެސް ސޯފާގައި އިށީންގޮތަށް ވާހަކަދައްކަންފެށިއެވެ. އަމްރާންއަށް ފުރަތަމަ ކަމީލާ ފެނުނު ވަގުތުކޮޅު ހިއްސާކުރިއެވެ. އެކިމައުޟޫތަކެވެ.
"ތަންކޮޅެއް އުދަގޫ ސުވާލެއްކޮށްލަންތަ؟"ކަމީލާ އެހިއެވެ.
"ބޭނުން ކޮންމެ ސުވާލެއް ހަމަ..."
"މިސާލަކަށް އަހަރެމެންނަށް ދަރިން ލިބި...އެތަނުން ކުއްޖަކު އާޒް ކަހަލަ ކުއްޖެއްވިއްޔާ....ވުޑް ޔޫ ބީ ރެޑީ؟"
ނުތަނަވަސް ދިގު ހިމޭންކަމެކެވެ.
"އަހަރެން ބިރުގަންނާނެ....އެކުދިން ދެކެއެއްނޫން..އަމިއްލަ ނަފުސްދެކެ... އަހަރެން މުޅި އުމުރު ހޭދަކުރީ މަގޭ އަމިއްލަ ދަރިއެއްނޫން އެކަމަކު އަމިއްލަ ލޭ...އެކުއްޖާ ރަގަޅުނުކުރެވިގެން.."އޭނަ އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ބުނެލިއެވެ.
"ނޫން....އެހާވަރުން ފިކްސްކުރާނެކަމެއްނެތް. އެންމެ މުހިއްމުވާނީ އެކީގައިވުން.ސަޕޯޓްދިނުން."
"އާނ....އައިލް ސްޓޭ...ވިތް ޔޫ....އަހަރެމެންނަށްޓަކާ ﷲ ތައާލާ ލިޔުއްވާފައިވާ ކޮންމެ ކަމަކާއިއެކީ....."
ދެމީހުންނަށް އަތްތިލަ މަހައިލެވުނެވެ. ބާރަކަށް ނޫނެވެ. ފުދޭވަރަށެވެ.
***
އުޑުމަތީގައި ތަރިތައް ފިޔަޖަމުން ދިޔައީ ހުދު ޖަވަހުރިތައް ބަބުޅާހެންނެވެ. ރޭގަނޑަށް ފިނި ފައިބާފައިވިއެވެ. ޖައްވުގައިވީ މާތަކުގެ ހިތްގައިމު ވަހާއި ކޮފީވަސް މަސްހުނިވަމުން ދިޔައެވެ. ޔޫސުފްއާއި އަޒިކިއެލް ކޮފީ ބޯން ތިބީ ވިނަގަނޑުމަތީގައިވާ ކުއިލްޓެއްގެ މަތީގައެވެ.
"އެނގޭތަ؟ދަރިފުޅު ކުޑައިރު ބައްޕަ އަބަދުވެސް ދުޢާކުރީ ވިސްނުންތޫނު ހިތް އަލި ކުއްޖަކަށްވުމަށް އެދި....ކޮޓަރިއެއްވެސް އަލިކޮށްލާނެފަދަ ސިކުނޑިއެއް ﷲ ތައާލާ ދެއްވުމަށް އެދެވުނީ..."
އަޒިކިއލް ތިރިއަށް ބަލައިލިއެވެ.
"ބައްޕައަށް ނޭގުނީ އެހާ ސިކުނޑި ތަނަވަސްވުމަކީ އަނިޔާ ލިބިދާނެކަމެއްކަން.އެ ބަލިދެކެ ބައްޕަ ބިރުގަތީ މާ ބޮޑަށް...އެއާއެކު ދަރިފުޅުދެކެ ލޯބިވާންވެސް ބައްޕައަށް ހަނދާންނެތުނީ..." ޔޫސުފް އިއުތިރާފުވިއެވެ.
"އަޅުގަނޑު ބައްޕަދެކެ ރުޅިއައިން. ވަރަށް ދުވަސްވާންދެން..."
"ބައްޕައަށް އެ ރުޅި ހަމަ ހައްގު...އެކަމަކު މިރޭ.....ދަރިފުޅު ނިކާހްގައި ކުރި ދުޢާ؟ މުޅި އެތަން ދިއްލިގެން ދިޔަ. އަދި ބައްޕަގެ ހިތްވެސް...ފަހަރެއްގައި އެތައް ޒަމާނެއްފަހުން ފުރަތަމަ ފަހަރަށް..."
"ޖަޒާކަﷲ ޚައިރަން ބައްޕާ.."އަޒިއެލް އޭނަގެ ބައްޕަގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ބައެއްފަހަރު ގުޅުންތައް ވަރުގަދަވަނީ އެފަދަ ހިމޭން ރޭތަކުންނެވެ. އަދި އެއްކޮށް ހިއްސާކުރާ ކޮފީއައި ސައި ތަށިންނެވެ. ކޮނޑު ޖެހޭހާ ކައިރީގައި ތިބެ ވާހަކަދައްކައިގެންނެވެ.
***
ހޯލްތަކުގައި މުދައްރިސުންނާއި ދަރިވަރުން ހެލިފެލިވެ އުޅޭތަން ފެނެއެވެ. ކައިލާ ޕޯޑިއަމްއަށް އެރިއިރު އޭނަގެ އަތުގެ އިނގިލިތައް ތުރުތުރުލައެވެ. ފިނިވީވަރުން އެތަނުން ފައިބައިގެންދާންވެސް އޭނަގެ ޟަމީރު އަންގަމުން ދިޔައެވެ. އޭނަގެ އަތުގެ ތެރޭގައިވީ ނޯޓްސްތކަކެވެ. ޕްރޮޖެކްޓާއަށް އެރީ "ފެއިތް އެންޑް މެންޓަލް ހެލްތް..ބްރޭކިން ސްޓިގްމާ ބިލްޑިން ހޯޕް"އެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްލާފައި އެތަނުގައި ތިބި އެންމެންގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. ހިތްވަރު އެދުނީ ހެއްދެވި ފަރާތުންނެވެ.
"އައްސަލާމް އަލައިކުމް ވަރަހުމަތުﷲ ވަ ބަރަކާތުހޫ.."
އޭނަ އެންމެ ކުރިންވެސް ތައާރަފުވެފައި ހިއްސާކުރީ އޭނަގެ ހަގީގީ ދިރިއުޅުމާއި، އަމިއްލަ ނަފްސާއި ކުރި ހަނގުރާމައެވެ. ބަދަލުވާނެ އިރެއް ނޭގޭ ވަރުގަދަ އޮއިގަނޑެއްގެ ގެ ތެރޭގައި ފަތަމުންދާ ސިކުނޑިއެއް ހުރި ބޭބެއަކާއިއެކު ބޮޑުވަމުން އައިގޮތެވެ. އޭނަގެ ބިރެވެ. އީމާންކަމާއި އުނގެނުމުން އޭނައަށް ލިބުނު ހިތްވަރެވެ. ނަފްސާނީ މައްސަލަތަކުގެ ގޮންޖެހުންތަކާއެކުގައިވެސް ކުރިމަތިލާން ކެރުނުގޮތެވެ.
"ނަފްސާނީ ބަލިތަކަކީ އީމާންކަން ބަލިކަށިވެގެންވާކަމެއްނޫން...އެއީ އިމްތިހާނެއް..އެހެން ބަލިތައްފަދައިން ސިކުނޑިއަށް ދިމާވާ ބައްޔެއް. އަދި ހަމަ އެމީހުންގެ އިހުސާސްތައް ދެނެގަތުމާއެކު އަޅާލުމާއި ސަޕޯޓް ދިނުމާއެކު ދުޢާކުރުމުން އަހަރެމެންނަށް އެ އަނދިރިކަމުގެ ތެރެއިން އަލިކަމަށް ނިކުމެވޭނެ...."
އެތައް ސުވާލެއް އޭނައާއި ކުރިމަތިވިއެވެ. ބައެއް ކުދިން ޝައުގުވެރިކަމާއެކުގައެވެ. އަނެއްބަޔަކު ޔަގީންނުވެފައެވެ. އެކަމަކު ގިނަކުދިން އޭނަ އެހާ ސީދަލަށް ހަގީގަތް ހާމަކުރުމުން ހައިރާންވެފައެވެ. ނިމިގެން ދަރިވަރުން އޭނަގެ ގާތަށް އައިސް ޝުކުރުވެރިވިއެވެ. ބައެއްކުދިން ތިބީ ރޮވިފައެވެ. ކައިލާ ހިނިތުންވެލިއެވެ. އެ ލަދުގަންނަ އަންހެންކުއްޖާ އޭނަގެ ހިތްވަރުގަދަކަމުގެ ތެރެއަށް ފިޔަވަޅެއް ކުރިއަށް އެޅީއެވެ.
***
އަޒިއެލް ސްޓޭޖްގައި ހުރިއިރު ޒުވާން ކުދިންތަކެއް އޭނައާއި ވާހަކަދައްކަމުން ދިޔައެވެ. ރޫހާނީ ކެތްތެރިކަމާއި އަދި ޗެލެންޖްތަކާއިއެކު ދިރިއުޅުމާއި ބެހޭގޮތުންނެވެ. އަމިއްލަ ނަފުސަށް ފުރިހަމައަށް އިތުބާރު އޮތްފަދައިންނެވެ. އެތައް ސުވާލުތަކަށް ޖަވާބު ދެވުނުފަހުން އަންހެންކުއްޖަކު އަތް އުފުލައިލިއެވެ.
" ސިކުނޑި މަޑުނުޖެހި ދާއިރު ކިހިނެއް ނަމާދުކުރަނީ؟ ހިތް ބިރުންގޮސް ރޫރޫ އަޅާއިރު؟"
އެތަނަށް ފުން ހިމޭންކަމެއް ވެރިވިއެވެ. އަޒިއެލްގެ މޫނުމަތިން ޖެހިލުންވުން ފެނުނެވެ. އޭނަ އަމިއްލަ އަތްތިލައާއި ދިމާލަށް ބަލައިލިއެވެ.
"އަހަރެން..އަހަރެންގެ އަތުގައި ހުރިހާ ސުވާލެއްގެ ޖަވާބެއްނެތް...އެކަމަކު ބުނެފާނަން.. ބައެއްފަހަރު ނަމާދުކުރަނީ ހަމައެކަނި އަނެއްހެން ބުނާއިރު މުސައްލަމަތީގައި ހާޟިރުވެގެން....ކޮންސެންޓްރޭޓް އެއްވެސް ވަރަކަށް ނުވެ...ސުވާލުތަކަށްވެސް އަހަރެން ޖެހެނީ ހަމަ ހަތިޔާރު ބަހައްޓަން..." އޭނަގެ ޖަވާބު ތެދުވެރިއެވެ.
ދިގު ދެމިގެން ދިޔަ ހިމޭންކަމަކަށްފަހު ހުރިހާ ކުދިންގެ ތަރުހީބުގެ އަޑު އިވުނެވެ. އޭނަ ހިނިތުންވެލިއެވެ. ކުޑަ ނަމަވެސް އިޚުލާސްތެރި ކަމުން ފުރިފައިވިއެވެ.
***
ކައިލާގެ އަތުގެ ތެރޭގައޮ އޮތީ ބަންދުކޮށްފައިވާ ސިޓީ އުރައެކެވެ. އޭނަގެ އަތް ތުރުތުރުލާންފެށިއެވެ. އެތައް ފަހަރަކު ލިޔެ ފޮހެ ފޮހެ އަނެއްކާ ލިޔެގފައިވާ ސިޓީއެކެވެ. އެންފަހުން އޭނަ ދުއާއެއްކޮށްފައި އެވަރުގެ ބޮޑު ފިޔަވަޅެއް އަޅަން ނިންމީއެވެ.
***
ޚަރީފު މޫސުމްގެ ފިނި ދުވަހެކެވެ. އަޒިކިލް ގެއަށްވަދެ ޖެކެޓް ހަރުގައި އެޅުވުމަށްފަހު ފޮތެއް ނަގަންވެގެން ހަރުގަނޑުކައިރިއަށް ދިޔަތަނާ ނަޒަރުގައި އަޅައިގަތީ އެހެން އެއްޗެކެވެ. މުސްހަފާއި ނޯޓްފޮތާއި ދެމެދުގައި އޮތް ސިޓީއުރައެވެ. ގައިމު އޭނަގެ އެއްޗެއް ނޫނެވެ. އޭނަ ވަގުތުން އެސިޜީ ކަނޑައިލިއެވެ. ކައިލާގެ ހިތުގެ ފުންމިނުން މާފަށް އެދިފައިވާ ސިޓީއެކެވެ. އޭނަގެ އުއްމީދުތަކާއި ހިމޭންކަމާއެކު އަޒިއެލްއަށް ހިތުގައި އޮތް ރުހުމެވެ. އޭނައަށް ލިބުނު ހިތްހަމަޖެހުން ހޫނު ސާލެއްހެން މުޅި ހަށިގަނޑުގައި އޮޅައިލެވުނެވެ. އުމުރުން ފުރަތަމަ ފަހަރަށް އޭނައަސް އިހުސާސްކުރެވުނީ އެހެން މީހަކު އޭނަ ބަލައިގެންފިކަމެވެ.
***
ހޮސްޕިޓަލުގެ ހުސްވަގުތުކޮޅު ހޭދަކުރާ ކޮޓަރީގެ ކައުޗެއްގައި ކަމީލާ އިށީންއިރު ތަންކޮޅެއް ދުރުގައި ތިބި ޑޮކްޓަރުންގެ ސިއްރު ވާހަކަތައް އޭނަގެ ކަންފަތަށް ރީތިކޮށް އިވުނެވެ.
"އަމްރާން ރީއްޗަސް އެފެމިލީ ވީމަ...އެ ހުރިހާ މައްސަލައަކާއެކުގައިވެސް އެ ގެއަށް ހަމަ ދިޔައީތަ؟"
"ހޫމް..އަހަރެންވެސް އަޑުއެހިން. އޭނަގެ ކޮއްކޮގެ ސީރިޔަސް އިޝޫއެއް ހުރޭ... ކަމީލާ ކިހިނެއް މެނޭޖްކުރަނީ؟ ހާދަ ޓަފްވާނެއޭ.."
ކަމީލާއަށް ނުހުރެވިގެން ކޮފީމެޝިނުން ކޮފީއެއް އަޅައިގެން ހިނގައިގަތީ އެ ޑޮކްޓަރުންނާއި ކުރިމަތިލުމަށެވެ. އެއްކޮށް މަސައްކަތްކުރާ ޑޮކްޓަރުންނަށްވުމުން އެމީހުންނަށްވެސް ހަގީގަތް އެނގިފައި އޮތީއެވެ.
"ނަފްސާނީ މައްސަލައެއް ހުރުމުން އެ މީހަކު ނޫނީ އެ އާއިލާއެއް ބަޔާންކޮށްދެވެނީއެއްނޫން...އަހަރެމެން އަޅާލާ މީހުންނާއެކު ވުމަށްޓަކާ ލޯތްބާއި ހިތްވަރު ބޭނުންވާނެ ދޯ.... އެކަން އަންޑަސްޓޭންޑް ނުވަންޏާ އެއީ ޔޯ ޕްރޮބްލަމް ..މަގޭއެއްނޫން..."
ބައެއްމީހުން ބޯ ޖަހައިލިއިރު އަނެއް ބަޔަކަށް ހަތަރުކަޅި ހަމަކޮށްލަންވެސް އުދަގޫވިއެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަމިއްލަ ހިތްވަރާއިމެދު ފަޚުރުވެރިވިއެވެ.
ލިބުނު ހުސްވަގުތުކޮޅުގައި އޭނަ ނޯޓްކޮޅެއް ލިޔަންފެށިއެވެ.
"ޑިއަރ އަމްރާން..
ތިބާގެ ހިތްވަރުން އަހަންނަށްވެސް ހިތްވަރު ލިބެނީ، އިމްތިހާނުތައް އަންނައިރު ލޯބިވުމާއި އަޅާލުމުގައި ތިހުންނަ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން ކޮންމެ ދުވަހަކު އިންސްޕަޔާވޭ، އަހަންނަށްވެސް އެނގޭ ކުރިއަށް އޮތް މަގުތައް އަބަދުވެސް އެއްގޮތަކަށް އޮމާންކޮށް ނޯންނާނެކަން. އެކަމަކު އަހަރެން އަމްރާންއަށް އެނގެން ބޭނުންވަނީ. އަހަރެން އަބަދުވެސް ހުންނާނެކަން..އަމްރާންއާއި އެކީ..އަމްރާންއަށްޓަކާ...
އެކީގައި ދެމީހުން ގެއެއް ބިނާކުރާނީ އިންޝާﷲ. އެގެއިން އީމާންތެރިކަން އުއްމީދު އަދި ޝިފާވެސް ވާނެފަދަ ތަނަކަށްވާނެކަމަށް ދުޢާކުރަން.."
ހުރިހާ ލޯތްބާއެކު
ކަމީލާ
އޭނަ އެ ނޯޓްކޮޅު ފަށް ޖަހައިލީ ފަރުވާތެރިކަމާއެކުގައެވެ. އެލޯ ވިދަމުން ދިޔައީ ލޯތްބާއި އުއްމީދުންނެވެ.
ނުނިމޭ