"ރަސޫލު ސައްލަﷲ އަލައިހިވަސައްލަމްގެ މައްޗަށް ސަަލަވާތް ކިޔެވުން ގިނަކުރާށެވެ. ޚާއްސަކޮށް ހުކުރު ދުވަހުއެވެ. އޭރުން ތިބާގެ އީމާންކަން އިތުރުވެ ދިރިއުޅުމުގެ ކަންތައްވެސް ފަސޭހަވެގެން ދާނެއެވެ."

***

އެ ސުވާލު އެދެމީހުންގެ ދޭތެރޭގައިވާ ހުސްކަމުގެ ތެރޭގައި ހުއްޓިފައިވިފަދައެވެ. ޒުބޭރު ފުން ނޭވާއެއް ދޫކޮށްލާފައި ގަޑި ބޭއްވިއެވެ. އެ ސުވާލު އަންނާނެކަން ކުރިންވެސް އެނގޭފަދައެވެ.

"އެހެނެއްނޫން....މަންމަގެވެސް ސަބަބުތަކެއްހުރި...ދުރުގައި ހުރުން. ވަގުތުގެ ގޮތުން...އަދި ކުއްލިއަކަށް ނިންމި ކަމެއްވީމަ...ދެޓްސް އޯލް..."

އޭނަ ޒުބޭރުގެ މޫނަށް ބަލަން ހުރީ ނުބުނެ ހުރި ވާހަކަތައް އެލޮލުން ކިޔައިލެވޭތޯއެވެ.

"އަދި މިހުރިހާ ދުވަސްތަކުގައި އެ ރަށަށް ދަތުރުކުރީ...މާވެސް ހިފައިގެން ދޯ..."

އެެރޭ ޒުބޭރު ނިދިއިރުވެސް މިރިއަމް އޮތީ ހޭލައެވެ.އެ ޚިޔާލުތަކުގެ އުދަގޫތަކާއިހެދި ނިދިކޮޅުވެސް ގެއްލިފައި އޮވެވުނެވެ. ރަންކުލައަރާ އިސްތަށި ފެނުމާއެކު އެދުވަހު އޭނަގެ ހަނދާނަށް ވެރިވީ އަވަށްޓެރިން އަނގަތަޅާއިރު ދެކެވޭ ވާހަކަތަކެވެ. ފިރިން ބޭވަފާތެރިވުމާއި ސިއްރުވެރިކަން އޮންނަކަމެވެ. އޭނަގެ ހިތް ޝައްކުން ފުރި މާޒީގެ ހިޔަނިތަކުން ނަފުސަށް ބޭކާރު އަނިޔާތައްދެވުނީއެވެ.

އެދުވަސްކޮޅު އޭނަ ޒުބޭރުގެ ކޮންމެ ހަރަކާތަކަށް ފާރަލިއެވެ. އަވަށްޓެރިން ތެރޭގައި ދެކެވުނު ވާހަކަތަކުގައި ހަގީގަތެއް ވެދާނެކަމަށް ނިންމައިގެންނެވެ.

މިރޭ ހަނިއްޔާގެ ބޮލުގެ އިސްތަށިގަނޑު ނިއުޅާލެވުމާއެކު އޭނަގެ މޮޔަކަން ހާމަވިއެވެ. އެއީ އެހެން އަންހެނެއްގެ ބޮލުގެ އިސްތަށްޓެއްނޫނެވެ. ޒުބޭރުގެ މަންމަގެއެވެ. ހިތި ފޮނި ހުނުމެއް ކަރުތެރެއިން ނިކުންނަން އުޅުނަސް ލަދުވެރިކަމުގެ އިހުސާސްތަކުން އެ ހުނުންވެސް އެތެރެހަށީގައި ތާށިވިފަދައެވެ. އެފަދަ ޝައްކާއި ވަހުމަށް ޖާގަ ދިނުމަކީ މޮޔަކަމެކެވެ. އޭނަގެ މަންމަގެ ޖުމްލަތައް އޭނަގެ ހަނދާނުގެ ކޮންމެވެސް ދިމާލެއްގައި ޚަޒާނާ ކުރެވިފައިވިއެވެ. އޭނަގެ ސިކުނޑީގައި ހަރުލާފައިވާ ވާކަތައް ވުޖޫދަށް އައެވެ."ޝައްކު ކުރުމާއިމެދު ހޭލުންތެރިވެގެން ހުންނާށެވެ. ޝައްކާއި ވަހުމަކީ އެންމެ ގޯސް އެއް ސިފައެވެ.

އަދި އޭނަ ދަސްކުރި ހަދީސެއްގައިވިއެވެ."ﷲއަށާއި ގިޔާމަތް ދުވަހަށް އީމާންވާ މީހުން ރަގަޅަށް ވާހަކަދައްކާށެވެ. ނޫނީ ހިމޭނުން ތިބޭށެވެ."

ދޮގު ވާހަކަތައް ފެތުރުމާއި އިބަބުނުން، ނެތިމޮށުންފަދަ ހުރިހާ ނުބައި އަމަލަކަށް ނަފްރަތުކުރަމުން އައި މީހާ ހަމަ އެކަމުގެ ތެރެއަށް ވެއްޓިގެން ނުދިޔައީ ހަމަކިރިޔާއެވެ. އޭނައަށް ޒުބޭރުގާތުގައި އެވާހަކަދެއްކުނުނަމަ ވާނީ ކިހިނެއްހެއްޔެވެ؟ އެފަދަ ކުށްހީއާއި ޝައްކުތަކުން ގޭގެ ހަމަޖެހުން ނަގާލުން ނޫންކަމެއް ވާނެހެއްޔެވެ؟ ދިރިއުޅުމުގެ ދަވަނަ ނަމަކީ ކެތްތެރިވުމެވެ. ﷲއަށް އިތުބާރުކޮށްގެން ހަޔާތުގެ އިމްތިހާނުތަކާއި ކުރިމަތިލުމެވެ. ބޭކާރު ވިސްނުންތަކުން ސިކުނޑި ޚަރާބުކުރުމެއްނޫނެވެ.

އަސްތަޣުފިރުﷲ. ސުބުހާނަﷲ......އޭނައަށް ކިޔައިލެވުނެވެ. ގިނަގިނައިން ފާފަ ފުއްސެވުމަށް އެދެމުން ﷲތައާލާ އެމީހެއްގެ ދިރިއުޅުން ހީނުކުރާފަދަ ގޮތްގޮތަށް ބަދަލުކުރައްވަފާނެއެވެ. މުސްތަހީލުކަމަށް ޔަގީންކުރިކަންތައް ހަގީގަތަށްވާނެއެވެ. ލިބެން ނެތް އެއްޗެހި ގިނަވާނެއެވެ.

އޭނަ ލޯ މަރައިލީ އަނދިރީގައިވި ފާނޫޒެއްފަދައިން އެ ހަދީސް އޭނަގެ ހިތުގައި ދެމިގެން ދިޔުމުންނެވެ. އޭނަ އަމިއްލަ ނަފުސަށް ވައުދުވިއެވެ. އޭނަ ދޫ މައިތިރިކުރާނެއެވެ. އޭނައަށް ދެއްވި ނިއުމަތްތައް އެފަދަ ބޭކާރު ވަސްވާސްތަކުން ގެއްލުވައެއްނުލާނެއެވެ

އޭނަ ކަންފަތުގައި މަޑުމަޑުން މަސާޖުކުރަން ފެށުމުން އާފުރެންފެށިއެވެ.

***

ހޫނުރޮށްޓާއި މަސްހުނީގެ ތާޒާވަސް ބަދިގެއިން ބޭރަށް ފާއްދައިލީ ކަޅުސައިގެވަހާއި އެކުވެގެންނެވެ. މިރިއަމް މޭޒުމަތި ތައްޔާރުކުރުމުގައި އަވަދިނެތި އުޅުނުއިރު އަދިވެސް ހިތް ހަމަޔަކަށް ނޭޅެއެވެ. ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއްގައެވެ. ހަނިއްޔާ އެތެރެއަށް ނުވަންނަނީސް ފައިވާން ތަޅުންމަތީގައި ޖެހޭ ލުއިއަޑު އިވުނެވެ. ހިޖާބު ނާޅާ ހުރިއިރު އެ ހީނާފަތުން ރަތްކުލަޖެހިފައިވާ އިސްތަށިގަނޑުއޮތީ އައްސާފައެވެ. ކޮނޑުމަތީގައި ފަށުވި ޝޯލްއެކެވެ. އޭނަގެ އަޑު އިވުމުގެ ކުރިން ބަލާލާފައިވެސް ޝަރަފުވެރި މީހެއްކަމަށް ޝަޚުސިއްޔަތު ދައްކުވައިދެއެވެ. އިރުކޮޅެއްވާންދެން އިވެމުން ދިޔައީ ހަމައެކަނި ތަށިތަކާއި ސަމުސާތަކުގެ އަޑެވެ. އޭނަ ހަނިއްޔާގެ ޖޯޑަށް ސައި އަޅާދިނީ އެންމެ ތިއްކެއްވެސް ވަތުތަށްޓަށް ނުވެރޭނެހެން ފަރުވާތެރިކަމާއެކުގައެވެ. ހަނިއްޔާ ސައި ޖޯޑުނެގިއެވެ.

"މަންމަހެން ސައިތަށި ރަގަޅަށް ގިރަން ދަސްކޮށްފިން ދޯ..."

ހަނިއްޔާ އެބުނީ ދޮގެއްނޫނެވެ. މަންމަ މަސައްކަތްކުރާތަން އެތައް ފަހަރެއްގެ މަތިން ދެކެ އޭނަވަނީ ގިނަކަންތައްތަކެއް ދަސްކޮށްފައެވެ.އާދައިގެ ލަފުޒުތަކެވެ. އެކަމަކު އެ ޖުމްލަތައް އޭނަގެ ހިތަށް ހޫނުކަން ލިއްބައިދިނެވެ.

ގަޑިން އެގާރަ ޖަހަމުން އައިއިރު ގޭތެރެއަށް ފުން ހިމޭންކަމެއްވެރިވެފައިވިއެވެ. ހަނިއްޔާވެސް ދެވަނަ ސައިތަށި ހިފައިގެންގޮސް ޖައްސައިލީ މެދުގޯތިތެރޭގައި ހުރި ހުސްތަންކޮޅުގައިވާ ގޮނޑިއެއްގައެވެ. ފިނިވައިރޯޅިތަކެއް ޖެހެމުން ދިޔައީ މުށިތަކުގައިވާ މާމެލާމެލީގެ މީރުވަސް ހިފައިގެންނެވެ. މިރިއަމްވެސް އެކި ތަންތަން ސާފުކުރުމުގައި އަވަދިނެތި އުޅުނަސް ގޭތެރެއިން އިވޭ ކޮންމެ އަޑަކަށް ސަމާލުކަންދިނެވެ. މަންމަގެ ކޮޓަރީގެ ދޮރު ހުޅުވައިލެވުނު އަޑަށް އޭނަ އަވަހަށް ދޮރުމައްޗަށް އެރިއެވެ. މަންމަ ބޮލުގައި އަޅާފައި ހުރި ސްކާފް އޮތީ ދޫކޮށެވެ.

"މަންމާ އާދޭ އެއްޗެއް ކައިލަން..."

"ހަމައެކަނި ކަޅުސަޔެއް ދަރިފުޅު.....ފަހުން ކާނީ.."މަންމަގެ އަޑުގައިވީ ވަރުބަލިކަމެވެ. އެކަމަކުވެސް ކުލުނުގެ އަސަރުވިއެވެ.

އޭނަ މަންމަގޮވައިގެން ގެންގޮސް ހަނިއްޔާގެ ގާތުގައި ހުރި ގޮނޑީގައި ބައިންދަން އުޅުމުން ހަނިއްޔާވެސް ތެދުވެ އެހީތެރިވެދިނެވެ. އޭނަ ސިޓިންރޫމަށް ވަދެ ބަލައިލިއިރު މަންމައާއި ހަނިއްޔާ މަޑުމަޑުން ވާހަކަދައްކަން ތިބިތަން ފެނުމުން ހިތަށް ހަމަޖެހުމެއްލިބުނެވެ. މަންމަމެން ދައްކަމުން ދިޔައީ މާޒީގެ ވާހަކަތަކެވެ. ރަށުގެ ސާދާ ދިރިއުޅުމެވެ. މަންމަ ބުނީ އަދިވެސް ރަށްމަތިން ހަނދާންވާކަމުގައެވެ. މާލޭގެ އަޑުތައް އިވުމުން ސިހޭ ވާހަކައެވެ. ރަށްފުށުގެ ތާޒާވައިގެ ސަބަބުން ނޭވާލާންވެސް ފަސޭހަކަމުގައެވެ.

މަންމަމެން ވާހަކައިގާ ތިއްބާ އޭނަ ސައިތަށި ގެނެސްދިނެވެ. ކޮފީ މޭޒުގެނެސް މޭވާކޮޅެއްވެސް ބެހެއްޓިއެވެ. އަނބާއި ޕީޗް އަދި ފަޅޮލެވެ. ހަނިއްޔާ ޝުކުރު އަދާކުރިއެވެ. އިރުގެ އަލި އެޅުމުން އިސްތަށިގަނޑުގެ ރަތްކުލައާއިއެކު އެލޮލުގެ ވިދުންގަދަވިކަންވެސް އޭނައަށް ފާހަގަވިއެވެ. އޭނަ އެތެރެއަށްވަދެފައި އަނެއްކާވެސް މަޑުކޮށްލީ ސިޓިންރޫމްގައެވެ. މަންމަމެންގެ ހަރަކާތްތައް ކުޑަދޮރުގެ ބިއްލޫރިން ރީތިކޮށް ފެނެއެވެ.މަންމަ ހަނިއްޔާއާއި ދިމާލަށް ގުދުވެލިއެވެ.

"ހަނިއްޔާ....ވަގުތުތައް ހީނުކުރާހާ ހަލުވިކޮށްދަނީ، އަހަރެމެންގެ ދަރިންކޮޅުވެސް ނޭގި ތިއްބާ ޒުވާނުންނަށް ވެއްޖެ.ގެވެސް ބަދަލުވެއްޖެ އެކަމަކު ބައެއް ކަންތައްތައް ދެގޮތެއްނުވެ ދެމިގެންދާނެ.މަންމައެއްގެ އުއްމީދާއި ދުޢާތައް............."

ހަނިއްޔާވެސް އެ ވާހަކަތަކަށް ކަންފަތް ދީގެން އިނެވެ. ކޮފީ މޭޒުމަތީގައި އޮތް ފޯނު ދިއްލުނަސް އަޅާނުލިއެވެ.

"މިރިއަމްގެ ހަޔާތުގައި ބައިވަރު އުދަގޫތައް އުފުލާފައިވޭ. އެއްވެސް ޝަކުވާއެއްނުކުރޭ. މަންމައެއްގެ ނަޒަރު ހުރިހާކަމެއް ދެކޭނެ..ހަނިއްޔާގެ ދަރިފުޅަށް ލިބުނީ ހަމަ ރަގަޅު އަންބެއް...މާތްﷲ އެ ކައިވެނީގައި ބަރަކާތް ލައްވާށި.. ޒުބޭރުވެސް މިރިއަމްއާއި އަޅާލާވަރު އަމަލުން ސާބިތުކޮށްދޭ...މިހާރު މިރިއަމްއަށް ބޭނުންވަނީ އެންމެކަމެއް. އޯގާތެރިކަން އަދި ހަނިއްޔާ މި ކައިވެންޏަށް އެއްބަސްވުން..އެކަމުން ހަނިއްޔާއަށް ނޭގުނަސް މިރިއަމްގެ ހިތަށް ލިބޭ ފިނިކަމަކަށްވާނެ. އަދި ހަމަ އެ ހިތްހަމަޖެހުން ޒުބޭރުއަށްވެސް ލިބިގެންދާނެ..."

މިރިއަމް ކުޑަދޮރުކައިރީ ބޭރަށް ބަލަންހުރީ ގަނޑުވެފައެވެ. އެފަދަ ލަފުޒުތަކަކަށް އޭނަ އުއްމީދުނުކުރެއެވެ. އެކަމުން އޭނަ ބޭޒާރުވިޔަސް ހިމާޔަތްވެސް ލިބުނުފަދައެވެ. މަންމަ އޭނަގެ ހިތް ފޮތެއްފަދައިން ހަނިއްޔާގެ ކުރިމަތީގައި ހުޅުވައިލިހެން ހީވިއެވެ. އެކަމަކުވެސް ރައްކާތެރިކަންވެސް ދީގެންނެވެ. އެކަމަކު އޭނައަށް އެވަގުތު މަންމަ ފެނުނީ ހަނދާންނެތުމުގެ މައްސަލަ ދިމާވެފައިވާ ބަލިކަށި މީހެއްގެ ގޮތުގައެއްނޫނެވެ. އަދި ބައެއްފަހަރު އޭނައަކީ ނަރުހެއްކަމަށް ހީކުރާ މަންމަގެ ގޮތުގައެއްވެސް ނޫނެވެ. އެކަމަކު ކުޑައިރުވެސް ހިމާޔަތްކޮށްދިން ވަރުގަދަ ފަހުލަވާނެއްފަދައިންނެވެ.

މަންމައާއި ހަނިއްޔާގެ ވާހަކަތަކުން އޭނައަށް ނަގައިގެނަވުނީ ހަނިއްޔާގެ ޚިޔާލެވެ. އޭނައަށް މިރިއަމްފަދަ އަންހެންކުއްޖަކާއި އެކީ ޒުބޭރު އެކީގައި ދިރިއުޅުން ޚިޔާލަށް ގެންނަން އުދަގޫވީއެވެ. ކޮންމެހެން އެހާ ދެކޮޅުވެރިވެގެނެއްނޫނެވެ. މިރިއަމްގެ ހިތް މަޑުވާގޮތްވިއެވެ. ލޯތްބެއްނޫނެވެ. ނަމަވެސް ޝުކުރުވެރިކަމުގެ ކުޑަ ވިންދެއް ޖަހައިލިއެވެ. އިތުބާރަށް ހުޅުވިގެންދާ ދޮރެކެވެ.ފުރަތަމަ ފަހަރަށް ޒުބޭރުއާއިމެދު އެހެން ގޮތަކަށް ދެކެވުނެވެ. ޒުބޭރުއަކީ އޭނަ ހަމައެކަނި ކައިވެނިކޮށްގެން އުޅޭ މީހާއެއްނޫނެވެ. ޒުބޭރު އޭނަ ހަޔާތުގެ ބައިވެރިއަކަށް ހޮވީ މަންމަމެންގެ ރުހުމާއިވެސް ނުލައެވެ. އެ ހޮވުމުގެ ސަބަބުން އެކުވެރިކަމުގެ ގުޅުން ބަދަހިވާންފެށީއެވެ.

***

ހަނިއްޔާ އެދުވަހު އެގެއިން ދިޔަފަހުން މިރިއަމްގެ އާދަތަކަށް ހެޔޮ ބަދަލެއް އައެވެ. ކުރިން އޭނައަށް ޒުބޭރުގެ ފަރާތުން ފާހަގަނުވާ ސިފަތައްވެސް ވުޖޫދަށް އައެވެ. ތަންކޮޅެއް އަނދާފައި ހުންނަ ރޮށިތައް އޭނަ ނަގާފައި ރީތިކޮށް ފިހެފައި ހުންނަ ރޮށި މިރިއަމްއާއި މަންމައަށް ދޭކަމެވެ. އަމިއްލައަށް ތަށިތަކާއި ޖޯޑުތައް ދޮންނަކަމެވެ. ބައެއްފަހަރު ކޮންމެވެސް ވަރަކަށް ސާފުކޮށް މުށިތަކަށް ފެންދެއެވެ. މިރިއަމް ނެތް ގަޑިތަކުގައެވެ.

މިރިއަމް ކާއެއްޗެއް ތައްޔާރުކުރާއިރުވެސް ޒުބޭރު އަހައިލައެވެ. " މިރުސްކޮށާދޭންވީ ދޯ...ކުރީދުވަހުވެސް އަތްތިލަ ރަތްވެފައެއްނު...އަހަރެންގެ އަތްތިލަ ހަރުކަމުން ސަކޭތަ މިރުސްކޮށިޔަސް ދިފާއީ ނިޒާމަށް އެނގުމެއްނުވާނެ..."

"މަންމައަށް މީރުވާނެހެން ހީވާ ކަހަލަ އައިސްކްރީމެއް ފެނިއްޖެ...."

"މިރިއަމް ލައިކްވާނެކަހަލަ ފޮތެއް ބުކްޝޮޕުންފެނުނު...."

ކުޑަ ގަހެއްގައި ބައިވަރު މިރުސްއަޅާފައި. ގަންނަން ބޭނުންތަ؟"

އެފަދަ ކުދި ސުވާލުތަކާއި ވާހަކަތައް ކުރިން އަޅާނުލިޔަސް މިރިއަމްގެ ވާހަކަތައް ތަންކޮޅެއް ގިނަވެ އެއާއިވިދިގެން އިތުރު ސުވާލުތައްވެސް ކުރެވެންފެށުނެވެ. އެމީހުން ކުޑައިރު ރަށުގައި ކުރާ މަޖާ ކަންތައްތަކުގެ ވާހަކަ ހަނދާންކުރުމުން ޒުބޭރުވެސް އޭނައާއި ބައިވެރިވެގެން ހޭންފަށައެވެ.

***

އުދަރެހުގައި ރަތްކުލައިގެ ފިއްސަކުން ކުލަ ޖައްސާފައިވާފަދައެވެ. ފިނިވައިރޯޅިތައް ގަސްތަކުގެ ފަތްތަކާއި ގޯނާކުރަމުންދިޔައެވެ. މިރިއަމް ސައިތަށްޓާއި ޕިއްޒާފޮތި ހިފައިގެން އައިސް މެދުގޯތީގައި ޖައްސައިލިތަނާ ޒުބޭރުވެސް ކޮފީތަށި ހިފައިގެން އައެވެ. މިރިއަމް ދައްކައިލީ އުދަރެހެވެ. ޒުބޭރުވެސް ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އޭނަ ހުޅުވައިލީ ތަންކޮޅެއް ކުރީގެ ސަފުހާއެކެވެ. ލޮނުގެ ވަހާއި ރާޅުތަކުގެ ނާނާގެ ހަނދާންތަކެވެ. އުދަރެސް ތަރިތަކުން ފުރާލާފައިވާ ރޭތަކުގައި މަސްވެރިކަން ކުރަން ދޯނީގައި ނުކުމެ އުޅުނުއިރު ކުރާ މަޖާކަންތައްތަކުގެ ވާހަކަތައް ކިޔައިދިނެވެ. އޭގެ ފަހުން އޭނަ ކިޔެވުމުގައި ހޭދަކުރި އަހަރުތައްވެސް ހިއްސާކުރިއެވެ.

މިރިއަމް ކަނުލާ އަޑުއަހަން އިނެވެ. ޝައުގުވެރިކަމާއެކުގައެވެ. އެދެމިހުންގެ ދޭތެރޭގައިވި "ރުޅި"ވެރިކަމުގެ ފާރުތަކުގައިވާ ގާތައް މަޑުމަޑުން ނެއްޓެންފެށިއެވެ. އަގުބޮޑު ހަދިޔާތަކާއި ވައުދުތަކަކުން ނޫނެވެ. ދެމީހުން އެކީގައި ކޮފީގައި ތިބެ ދެކެވޭ ވާހަކަތަކުންނެވެ.ބަދަލުކުރެވުނު ކުދި ހިނިތުންވުންތަކުންނެވެ.

މިރިއަމްއަށް ވިސްނުނެވެ. އެކުވެރިކަން ފެށެނީ މިކަހަލަ ގޮތަކަށެވެ. ލޯބި އުފެދުމުގެ ކުރިން ނޫނީ އެހެން އެއްވެސް ގުޅުމެއްގެ ކުރިން ގާތްކަމެއް އުފެދެނީއެވެ. އަނެކަކު ކައިރީގައި ހުރުމުން ފުދޭވަރުވެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު