ހުޅުމާލޭ ވެމްކޯ ސައިޓު ކުރިމަތިން ދުއްވި ބޮޑު ކޮންސްޓްރަކްޝަން ވެހިކަލެއް މަތީ ހުރި ދަވާދު ފާޓާތަކެއް ވެއްޓި މުޅި މަގުމަތީ އެއްކޮށް "ދަވާދު ލެވިއްޖެ"އެވެ.
މަގަށް ހުދު ދަވާދު އެޅިގެން، އެ ތަން ސާފުކުރާ މަންޒަރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. މީގެ އިތުރުން އެ ސަރަހައްދު މިރޭ ބަންދުކޮށްފައިވެސް ވެއެވެ.
މި ހާދިސާ ހިނގުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، ހާދިސާ ހިނގި މުޅި ސަރަހައްދު ބަންދުކޮށް، އެތަނަށް އެއްވެފައިވާ އާންމުން ދުރުކޮށްފައެވެ.
މިފަދަ ހާދިސާއެއް މީގެ ކުރިން މާލޭގައި ވެސް ހިނގިއެވެ. އެގޮތުން ސިނަމާލެ ބްރިޖު ކުރިމައްޗަށް ދަވާދު އެޅުނުއިރު އަދިވެސް އެ ނުފިލައެވެ.