ޑައިނަސޯތަކަށް ފަހު ރަސްކަންކުރި ޓައިޓަނޯބޯއާ ހަރުފައިގެ ވާހަކަ

ދުނިޔޭގެ ބިމުގައި ވެރިކަންކުރި ކަމަށް ސައިންސްގެ ހޯދުންތަކުން ދައްކާ ޓައިޓަނޯބޯއާ ހަރުފައިގެ ފޮޓޯއެއް -- ފޮޓޯ/ ގެޓީ އިމޭޖްސް

ދުނިޔޭގެ އެންމެ ބޮޑު ހަރުފައިގެ ގޮތުގައި ގިނަ ބަޔަކު ދަންނަ ފެހި ކުލައިގެ އެނަކޮންޑާއަކީ ބަލާލަން ހިތްގައިމު އޭގެ ސައިޒުން ބިޔަ ހަރުފައެކެވެ. އޭގެ ދިގުމިން 30 ފޫޓަށް އަރާއިރު ބަރުދަނުގައި ގާތްގަނޑަކަށް 226.79 ކިލޯ ހުރެއެވެ.

އެހެންނަމަވެސް، ޑައިނަސޯތަކަށް ފަހު ދުނިޔޭގެ ބިމުގައި ވެރިކަންކުރި ޓައިޓަނޯބޯއާއަކީ ގާތްގަނޑަކަށް ދެގުނަ ދިގު އަދި ފަސް ގުނަ ބަރު ހަރުފައެކެވެ.

މީގެ 60 މިލިއަން އަހަރު ކުރިން ރެއިން ފޮރެސްޓުގައި ރަސްކަލެއްގެ ގޮތުގައި ވެރިކަންކުރި ކަމަށް ބުނާ ޓައިޓަނޯބޯއާ ހަރުފައިގެ ދިގު މިނުގައި 45 ފޫޓު ހުރި ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު އޭގެ ބަރުދަން ޓަނަކަށްވުރެ ބަރެވެ. އެހެންވެ، އެ ހަރުފައިގެ ޝިކާރައަށް އަމާޒުވާ ދިރޭ ތަކެތި ވެސް ވަރަށް ފަސޭހަކަމާ އެކު ކުދިކުދިކޮށްލާ ކަމަށް މި ރިޕޯޓުތަކުން ބުނެއެވެ. އެ ހަރުފަ ގާތްގަނޑަކަށް 10 މިލިއަން އަހަރު ރަސްކަންކުރި ކަމަށް ބެލެވެއެވެ.

މީގެ 16 އަހަރު ކުރިން ސައިންސްވެރިންނަށް ވަނީ ސެރެޖޯން މައިންތަކުން ޓައިޓަނޯބޮއާގެ ފޮސިލްތައް ފެނިފައެވެ.

ސައެންސްވެރިން ފުރަތަމަ މި ހަރުފައިގެ ކަށިތައް ފެނުމުން ހީކުރީ އެއީ ކިނބުލެއް ކަމަށެވެ. އެކަމަކު، 2009 ވަނަ އަހަރު ވަނީ އެއީ ބިޔަބޮޑު ހަރުފައެއްގެ ބައިތައްކަން އެނގި، އެއަށް ނަން ވެސް ދީފައެވެ. އޭރު އެ ކަމަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.

ޓައިޓަނޯބޯއާ ހަރުފަ އޭގެ ޝިކާރައެއް ދިރުވާލާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް -- ފޮޓޯ/ ޑެކްލަން

ޓައިޓަނޯބޯއާ ދިރިއުޅެމުން އައީ، މަސްމަހާއި ކިނބުލަށް ހަމަލާ ދެމުން، ތޮއްޖެހިފައިވާ ކަނޑުގެ ސަރަހައްދުގައެވެ. މި ޒަމާނުގައި ފެންނަ ވިހަގަދަ ހަރުފަތަކާ ޚިލާފަށް މިއީ ބާރުލައިގެން ޝިކާރަކުރާ ޖަނާވަރެކެވެ. މިއީ ޝިކާރައިގެ ވަށައިގެން އޮޅިލައި، ކަށިތައް ތަޅާލާވަރުގެ ބާރުގަދަ ގޮތަކަށް ހިފަހައްޓާފައި، އެއްކޮށް ދިރުވާލާ ޖަނަވާރެކެވެ. މީގެ ދަތްދޮޅިތައް ލެނބޭގޮތަށް ހުރުމުގެ ސަބަބުން މިއަށްވުރެ ބޮޑެތި ޖަނަވާރުތައް ވެސް ދިރުވާލެވެއެވެ.

މިހާރުގެ އެންމެ ބޮޑު ހަރުފަ ކަމުގައިވާ ގްރީން އެނަކޮންޑާއަކީ ވެސް ވަރަށް ބޮޑު ހަރުފައެކެވެ. ނަމަވެސް، ޓައިޓަނޯބޯއާ ހަރުފައަކީ ހުރިހާ ގޮތަކުން ވެސް އެނަކޮންޑާއަށް ވުރެ އެތައް ގުނައެއް ބޮޑު، ބިޔަ ހަރުފައެކެވެ.

މިއީ ޑައިނަސޯތައް ނެތިދިޔަ ފަހުން ދިރިއުޅުނު ޖަނަވާރެކެވެ. އެ ދުވަސްވަރު އެހެން ބޮޑެތި ރެޕްޓައިލްތަކެއް ނެތެވެ. ޓައިޓަނޯބޯއާ އާންމުކޮށް އުޅުނީ ހޫނު ސަރަހައްދުތަކުގެ ފެންގަނޑުތަކުގައެވެ.

އެނަކޮންޑާ ހަރުފައެއް--ފޮޓޯ/އިންސްޓަގްރާމް

މި ހަރުފައިގެ ބޮޑުކަމުން ދޭހަވަނީ ކުރީ ޒަމާނުގެ ވިއްސާރަ ސަރަހައްދުތައް މިހާރަށްވުރެ މާ ހޫނުކަމެވެ. ދިރާސާވެރިން ދެކޭގޮތުގައި ހޫނުކަމުގެ ސަބަބުން ރެޕްޓައިލްތަކަށް މިހާ ބޮޑަށް ބޮޑުވުމުގެ ފުރުސަތު ލިބުނެވެ.

ދިރާސާވެރިން ބުނާގޮތުގައި ޓައިޓަނޯބޯއާއަކީ ހަމައެކަނި ބިރުވެރި ޖަނަވާރެއް ނޫނެވެ. އެއާ ޚިލާފަށް ދުނިޔޭގެ މޫސުމުގެ ތާރީޚާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް އެއްކުރުމުގެ ގާބިލުކަން ޓައިޓަނޯބޯއާގެ ސަބަބުން ލިބިފައިވާ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ޓައިޓަނޯބޯއާއަކީ އޭގެ ސައިޒުގެ ގޮތުން ހޮލީވުޑްގެ ފިލްމުތަކުގައި ދައްކާ ބިރުވެރި މޮންސްޓާ ކެރެކްޓާތަކާ އަޅާކިޔޭ ޖަނަވާރެކެވެ. ނަމަވެސް، އެއީ ޚިޔާލީ އެއްޗެއް ނޫން ކަމަށާއި އެއީ ހަގީގަތުގައި ވެސް ދުނިޔޭގައި އުޅެ ބިމުގައި ރަސްކަލެއްގެ ދަރަޖަ ހޯދި ހަރުފައިގެ ބާވަތެއް ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

އެކަން އެކި ކަހަލަ މިއުޒިއަމްތަކުންނާއި ޑޮކިއުމެންޓްރީތަކުން އަދި ވެސް ހާމަވާ ކަމަށް ދިރާސާވެރިން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް