ބެލެނިވެރިންނާއި ޓީޗަރުން، މިއަދު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އަށް ކުދިންގެ ލޯ ހުޅުވައިނުދީފި ނަމަ، އެ ކުދިންނަށް ރާއްޖޭގެ ތާރީޚު ފެންނާނީ ނުބައިކޮށް ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ރޭ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ، މަރަދޫ ސުކޫލުގެ އަހަރީ ދުވަހުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަޝްރަފް ވިދާޅުވީ، މިހާރުގެ ދަރިވަރުންނަށް ތަފާތު އެތައް ކަމެއް ފެނި، ތަހަންމަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން، މިހާރު ކިޔަވާ ދަރިވަރުން ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ގޮންޖެހުމަކީ، ގިނަ މައުލޫމާތުތައް ލިބޭ ވަސީލަތްތައް ހުރެ، އެއިން ތެދު މައުލޫމާތު ހޯދުމުގައި ދިމާވާ ދަތިތައް ކަމަށް އަޝްރަފް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި އަޝްރަފް ވަނީ ގިނަ ބައެއްގެ ތެރޭގައި މަގުބޫލު އޭއައިއާ ގުޅުވައި ވާހަކަދައްކަވާފައެވެ.

މަރަދޫ ސުކޫލުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ދަރިވަރުންތަކެއް: އަޝްރަފް ވިދާޅުވީ، ޓީޗަރުން މިއަދު ކުދިންގެ ލޯނުހުޅުވައިފިއްޔާ ފެންނާނީ ރާއްޖޭގެ ތާރީޚު ނުބައިކޮށް ކަމަށް ---- ފޮޓޯ/ ވަގުތުން ލައިވް
އެގޮތުން، އަލިރަސްގެފާނު ޝަހީދުވި ގޮތް އޭއައިގައި އެހުމުން، ކުޑަ ސިކުންތުކޮޅެއް ތެރޭ ޖަވާބުދިން ނަމަވެސް އެއިން ފޯރުކޮށްދޭ ހުރިހާ މައުލޫމާތުތަކީ ތެދަށްވާނެތޯ އަޝްރަފް ސުވާލު އުފެއްދެވިއެވެ.
އިތުރު މިސާލެއްގެ ގޮތުން އަޝްރަފް ފާހަގަކުރެއްވީ، އޭއައި ބޭނުންކޮށްގެން ހަދާފައި އޮތް ލަވައެއް ދެކެވަޑައިގެން ކަމަށެވެ. އެގޮތުން، އެ ލަވައިގައި ފެނުނު ޝަޚުސިއްޔަތުތަކާއި ދިވެހިރާއްޖޭގެ މަންޒަރުތަކަކީ ހަގީގީ ރާއްޖެތޯ ސުވާލު އުފެދޭ ކަމަށް އަޝްރަފް ވިދާޅުވިއެވެ.
މިއަދުގެ ދަރިންނަށް [ލަވަ] އޭތި ފެނުނީމާ ބުނާނެ އޭ މަންމާ މިއީ ދިވެހީން ގެ އަޅާ އުޅުނު ގޮތެއް ނޫނޭ. އެކަމަކު، މީގެ 60ހަކަށް އަހަރު ފަހުން އޭއައި ތަރައްގީވެ ކުރިއަރައިގެން ދާއިރު ކޮބައިތޯ ނަތީޖާއަކީ. އަޅުގަނޑުމެންގެ އަސްލު އޮޅުނީ. އަޅުގަނޑުމެންނަކީ ކޮންތާކުން އައި ބައެއްކަން އޮޅުނީ،ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް

މަރަދޫ ސުކޫލު އަހަރީ އިނާމުގެ ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ވަގުތުން ލައިވް
އެހެންވެ، ދިވެހީންގެ ހެޔޮ ތާރީޚު އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީ މިހާރުގެ ދަރިވަރުންނަށް ގޮންޖެހުމަކަށްވާނެކަން އަޝްރަފް ފާހަގަކުރެއްވިއެވެ. އެ ކަންކަމަށް ރިއާޔަތްކުރައްވައި، އަޝްރަފް ވަނީ ބެލެނިވެރިންނާއި ޓީޗަރުންނަށް އިލްތިމާސެއް ކުރައްވާފައެވެ.
އަޅުގަނޑުމެން ޓީޗަރުން، އަޅުގަނޑުމެންގެ ބެލެނިވެރިން ވެސް މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މި ކަންތައްތަކަށް ކުއްޖާ ލޯ ނުހުޅުވައިފިއްޔާ މާދަމާ އެ ކުދިންނަށް ފެންނާނީ ދިވެހިރާއްޖޭގެ ތާރީޚު ނުބައިކޮށް، ބޮޑު ތަކުރުފާނުގެ ޖިހާދެއް ނޫން ފެންނާނީ،ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް
މީގެ އިތުރުން، އަޝްރަފް ވަނީ ދިވެހިންގެ ތެރޭގައި ހުރި ކަންކަމާއި އިހުސާސްތައް އިނގިރޭސިބަހުން ބުނެދޭން އުނދަގޫވާނެކަން ފާހަގަކުރައްވާފައެވެ. އޭނާ ވަނީ ދިވެހިބަހަށް އިސްކަންދެއްވަން އިލްތިމާސްކުރައްވާފައެވެ.
މުޅި ދުނިޔޭގައި ވެސް އޭއައިގެ މަގުބޫލުކަން އަންނަނީ އިތުރުވަމުންނެވެ. އެކަމަކު، ޚާއްސަކޮށް ރާއްޖެއާއި ދިވެހިބަސް ފަދަ ކަންކަމުގައި އޭއައިން ހަގީގަތް އޮޅޭ ފަދަ ޖަވާބުތައްދެއެވެ. އެހެންވެ، އެ ފަދަ ވަސީލަތްތައް ބޭނުންކުރާއިރު އެ ކަންކަމަށް ލޯ ހުޅުވެންޖެހެއެވެ.