ވާހަކަދައްކަން ޔޫކްރެއިނުން ބޭނުން ނޫންނަމަ، ހަނގުރާމަ ހުއްޓުވާނީ ބާރުގެ ބޭނުންކޮށްގެން: ޕޫޓިން

ޕޫޓިން

ބެއިޖިން (5 ސެޕްޓެމްބަރު 2025): ވާހަކަދައްކައިގެން ޔުކްރެއިން ހަނގުރާމަ ނިންމަން ޔުކްރެއިނާއި ޔުކްރެއިނަށް މަދަދުދޭ ގައުމުތައް ބޭނުން ނުވާނަމަ ރަޝިއާ, އެ ހަނގުރާމަ ނިންމާނީ ބާރުގެ ބޭނުންކޮށްގެން ކަމަށް ރައީސް ވްލަދިމިޔާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ޝެންހާއި ސަމިޓްއަށާއި ޗައިނާގެ ނަސްރުގެ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުން ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި ޕޫޓިން ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ "ކުޑަ އަލިމަގެއް" ފެންނަން ފަށާފައިވާ ކަމުގައެވެ.

މި އަލިމަގު ފެންނަނީ ހަނގުރާމަ ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕް ކުރައްވާ މަސައްކަތްތަކުގެ ސަބަބުން ކަމަށާއި ޓްރަމްޕްގެ މަސައްކަތް އިޚުލާސްތެރިކަމަށް ޕޫޓިން ވިދާޅުވިއެވެ.

ޔުކްރެއިން ހަނގުރާމައަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕްގައި ފެށި އެންމެ ދިގުލީ ހަނގުރާމައެވެ. ޔޫރަޕަކީ ދުނިޔޭގައި އެންމެ އަނިޔާވެރި އަދި އެންމެ ލާއިންސާނީ ހަނގުރާމަތައް ކުރި ބައްރެވެ. އެއްވަނަ ބޮޑުހަނގުރާމައާއި ދެވަނަ ބޮޑުހަނގުރާމައަކީ ވެސް ޔޫރަޕްގައި އުފެދުނު ހަނގުރާމަތަކެވެ. މި ހަނގުރާމަތައް މައިގަނޑު ގޮތެއްގައި ކުރީ ވެސް ޔޫރަޕްގެ ބައްރުގައެވެ. އެންމެ ބޮޑު ގެއްލުން ލިބުނީ ވެސް ޔޫރަޕަށެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ޔުކްރެއިން ހަނގުރާމަ ނިންމަން ޖެހޭނީ ބާރުގެ ބޭނުންކޮށްގެން ކަމަށްވާ ނަމަ އެކަން ރަޝިއާއިން ކުރާނެއެވެ. ރަޝިއާ އޮތީ ވާހަކަދައްކައިގެން ނޫނީ ހަނގުރާމަކޮށްގެން ވެސް ޔުކްރެއިން ހަނގުރާމައިގައި ރަޝިއާއިން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ހާސިލުކުރާ ގޮތަށްކަން ޕޫޓިން ވިދާޅުވިއެވެ.

ޓްރަމްޕް، ޗައިނާގެ ރައީސް އާއި އުތުރުކޮރެއާގެ ޒައީމްގެ އަރިހުގައި ބެއިޖިންގް ގައި

އެ މަގުސަދުތަކަކީ ނޭޓޯ ވެސް އަދި އެ ނޫން އަސްކަރީ ޖަމާއަތެއްގެ މެންބަރަކަށް ވެސް ޔުކްރެއިން ނުވުމާއި އަސްކަރީ ގޮތުން ނިއުޓްރަލް ގައުމެއްގެ ގޮތުގައި ޔުކްރެއިން އޮތުމާއި ރަޝިއާއިން ހިފާފައިވާ ޔުކްރެއިންގެ ބިންތައް ރަޝިއާއަށް ދޫކޮށްލުމަށް ޔުކްރެއިން އެއްބަސްވުމެވެ. މި މަގުސަދުތައް ހާސިލުނުވާގޮތަށް ހަނގުރާމަ ހުއްޓާނުލާނެކަމަށް ޕޫޓިން ވިދާޅުވިއެވެ.

ކުރިން ރަޝިއާގެ ހަމައެކަނި މަގުސަދަކީ އަސްކަރީ ގޮތުން ނިއުޓްރަލް ގައުމެއްގެ ގޮތުގައި (ނޭޓޯގައި ބައިވެރިނުވާ ގައުމެއްގެ ގޮތުގައި) ޔުކްރެއިން އޮތުމާއި ކްރައިމިޔާ އެކަނި ރަޝިއާއަށް ދޫކޮށްލުމެވެ.

ނަމަވެސް، މި ކަމަށް ޔުކްރެއިނުން ތަކުރާރުކޮށް ދެކޮޅު ހެދުމުން ރަޝިއާއިން ވަނީ ހަނގުރާމައިގައި ހިފި ޔުކްރެއިންގެ ދުންބާސް ސަރަހައްދާއި ޒަބަރޫޖިއާ އަދި ޚަރްކިޔެވް، މި ތިން ސަރަހައްދު ވެސް ދޫކޮށްލަން ދެކޮޅު ހަދާފައެވެ. މި ސަރަހައްދުތަކަކީ ޔުކްރެއިންގެ ރައްޔިތުންގެ ތެރޭގައި ރަޝިއާ ދަރިކޮޅުގެ މީހުންގެ އާބާދީ ބޮޑު ސަރަހައްދުތަކެވެ. އަދި، ސްޓްރެޓީޖިކް ގޮތުން ރަޝިއާއަށް މުހިއްމު ސަރަހައްދުތަކެވެ.

ޔުކްރެއިން ހަނގުރާމައިގެ މިހާރުގެ ހާލަތަށް ބަލާއިރު ރަޝިއާ ދަނީ އެއްގަމު މަގުން ވަރަށް ބޮޑަށް ކުރިއަރަމުންނެވެ. ޔުކްރެއިންގެ ސިފައިން ދަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހެމުންނެވެ.

ޔޫރަޕާއި އެމެރިކާގެ ޒަމާނީ ހަތިޔާރާއި ޖާސޫސީ ވަސީލަތްތަކާއި އިގުތިސާދީ އެހީތަކާ އެކު ވެސް ރަޝިއާގެ ކުރިމަތީގައި އަސްކަރީ ގޮތުން ކާމިޔާބު ހޯދޭވަރަށްވުރެ ޔުކްރެއިން ސިފައިން މިހާރު ބަލިކަށިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާލަތު ދިގުދެމިގެން ހިނގައްޖެނަމަ ރަޝިއާ މިހާރަށް ވުރެ ބޮޑަށް ހަނގުރާމައިގެ މައިދާނުގައި ކުރިއަރައި ޔުކްރެއިންގެ އިތުރު ބިންތައް ހިފާނެކަމަށް ތަޖުރިބާކާރުން ލަފާ ކުރައްވައެވެ. ޔުކްރެއިންގައި ރަޝިއާ ހޯދާ އަސްކަރީ ކާމިޔާބީތަކަކީ ޔޫރަޕްގެ ގައުމުތަކަށް ބޮޑު ބިރެއް ކަމަށް އެ ގައުމުތަކުން ދެކެއެވެ.

އެހެންކަމުން ޔޫރަޕްގެ ގައުމުތައް ތިބީ އަދިވެސް ރަޝިއާ އެދޭގޮތަށް މައްސަލަ ހައްލުކުރަން ޔުކްރެއިނަށް ބާރުއަޅާ ގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި ޔޫރަޕްގެ ގައުމުތައް އަދިވެސް ތިބީ ޔުކްރެއިނަށް އިތުރު ހަތިޔާރާއި ވަސީލަތްތައް ދީގެން ރަޝިއާ ބަލިކުރުމުގެ ވިސްނުމުގައެވެ.

ޔުކްރެއިންގެ މައިގަނޑު ބަލިފަޔަކީ ރަޝިއާގެ ހަމަލާތަކުގައި އެ ގައުމުގެ ސިފައިން ގިނަ އަދަދަކަށް މަރުވުމާ އެކު ސިފައިންގެ އަދަދު މަދުވުމެވެ. އަދި، އެމެރިކާއާއި ޔޫރަޕްގެ ހަތިިޔާރަށް ބަރޯސާ ވާންޖެހިފައިވުމެވެ. ނަމަވެސް، މިއާ ޚިލާފަށް ރަޝިއާއަކީ ދުނިޔެގައި އެއް ގައުމަކުން އެންމެ ގިނަ އަދަދަކަށް ހަތިޔާރު އުފައްދާ ގައުމެކެވެ.

ޔޫރަޕްގެ ގައުމުތަކަކީ އާބާދީ މުސްކުޅިވެ، ޒުވާނުން މަދު ގައުމުތަކަކަށްވާތީއާއި ޔޫރަޕް މީހުންނަކީ އެހެން ގައުމެއްގެ ދިފާއުގައި ހަނގުރާމަކޮށްގެން މަރުވަން ބޭނުންވާ ބަޔަކަށް ނުވާތީ، ޔުކްރެއިނަށް ބޭނުންވާ ވަރަށް ސިފައިން ފޮނުވުމަކީ ޔޫރަޕްގެ ގައުމުތަކަށް ކުރެވޭނެކަމެއް ނޫނެވެ. މިކަން ޚުދު އެ ގައުމުތަކުން ވެސް ގަބޫލުކުރެއެވެ.

މި ހަގީގަތްތަކަށް ރިއާޔަތްކުރުމަށް ފަހު އެމެރިކާއިން މިހާރު ދެކެނީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތަކުގެ ތެރެއިން ބައެއް ދޫކޮށްލައިގެންނާއި ޔުކްރެއިން ނޭޓޯއަށް ނުވައްދާނެކަމުގެ ޔަގީންކަން ރަޝިއާއަށް ދީގެން ނޫންގޮތަކަށް ދެން ހަނގުރާމަ ނުހުއްޓުވޭނެ ކަމުގައެވެ. ނަމަވެސް، އެމެރިކާއަށް ވުރެ ހުރިހާ ގޮތަކުން ވެސް ބަލިކަށި ޔޫރަޕްގެ ގައުމުތައް އަދިވެސް ތިބީ މި ހަގީގަތް ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އަދި، ހަނގުރާމައިގައި އިނދަޖެހެމުންދާ ޔުކްރެއިނަށް ވެސް މިއީ ގަބޫލު ކުރެވޭކަމެއް ނޫނެވެ.

comment ކޮމެންޓް