ޑުރަގު ކަމަށް ބެލެވޭ ޕެކެޓުތަކަކާ އެކު، މުލިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް

މުލިން ހައްޔަރުކުރި ނައުފަލް އަތުން ފެނުނު ރަބަރު ޕެކެޓުތައް: ނައުފަލް ވަނީ 30 ދުވަހަށް ބަންދު ކޮށްފައި ----- ފޮޓޯ/ ފުލުހުން

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކަކާ އެއްކޮށް މ. މުލިން ހައްޔަރުކުރި މީހެއްގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި މުއްދަތު ޖެހީ، މުލި، ރުއްކަރަށް ނިސްބަތްވާ 33 އަހަރުގެ ނައުފަލް އަހުމަދެވެ.

ފުލުހުން ބުނީ، އިއްޔެ މުލީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ނައުފަލްގެ އަމަލުތައް ހުރިގޮތުން އޭނާ ހުއްޓުވައި ބަލައިފާސްކުރި ކަމަށެވެ. އޭނާ ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 31 ރަބަރު ޕެެކެޓު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

މުލިން ހައްޔަރު ކުރި ނައުފަލް: އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހާފައި ---- ފޮޓޯ/ ފުލުހުން

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާއިރު، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނާއި ކުޑަކުދިންގެ ނިސްބަތް ވެސް އިތުރެވެ.

އިއްޔެ ވެސް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިން ހޯދި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާއާ އެކު، އެއް ގެއަކަށް ނިސްބަތްވާ ދެ މީހަކު މާލެއިން ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް