އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ރަށްރަށުގެ ކޮމިޓީތަކަށް ރަށްރަށުގެ ކައުންސިލްތަކުން ދޭ ބަޖެޓު ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
"އެކްސް"ގައި ރައީސް މިރޭ ލިޔުއްވާފައިވާ ގޮތުގައި، މި ބަދަލު ގެނައުމަށް ސަރުކާރުން ނިންމީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުވުމަށް ޓަކައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައިވާ ގޮތުން، ސަރުކާރުން ނިންމާފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބަޖެޓު ދެގުނަކުރުމުގެ އިތުރުން، އެ ކޮމިޓީތަކުގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އިނާޔަތްތައް ކޮމިޓީތަކުގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްތަކުގެ ބަޖެޓުން ދޭ ގޮތަށް ހަމަޖެއްސުމަށެވެ.
މި ބަދަލުތައް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު، އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ހުށަހެޅުމުގެ ކުރިން ސަރުކާރުން ގެންނާނެ ކަމަށް، އެމަނިކުފާނު ލިޔުއްވާފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭ ގޮތް ހެދީ މިދިޔަ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހުގައެވެ.
އޭގެ އިތުރުން، ލާމަރުކަޒީ ގާނޫނަށް އެފަހަރު ގެނައި ބަދަލުތަކުގެ ތެރޭގައި އަންހެނުންގެ ކޮމިޓީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީނު ފަދަ ކަންކަން، ކައުންސިލްތަކުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ހަމަޖައްސައިދިނުމާ ގުޅޭ އުސޫލުތައް ހިމަނާފައިވެއެވެ.
އޭގެ އިތުރުން ކައުންސިލުތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން، ކޮމިޓީތަކުގެ ހަރަކާތްތައް ހިންގުމަށް އެ ކޮމިޓީތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، އެ ފައިސާ ދޫކުރާނެ ގޮތްތަކާއި، އެ ފަދައިން ދޫކުރާ ފައިސާ، ކޮމިޓީތަކުން ބޭނުން ކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތައް ބަޔާންކުރުމަށްވެސް ހިމަނާފައިވެއެވެ.