"ދެން އޭގެ މާނައަކީ އަހަރެންގެ އަނބިމީހާއަށް އެހެން ހަދާށޭތަ؟..." އިކާންގެ އަޑަށް ތިން މީހުން އެއްފަހަރާ އަޑު އައި ދިމާއަށް ބަލައިލިއެވެ.
********
"އިކާން!.." ނަޖާތަށް ގޮނޑިން ތެދުވެވުނެވެ.
އިކާން ހުރީ ރުޅި އައިސް ދެބުމަ ގޮށްޖަހާލައިގެންނެވެ. އެ ރުޅީގައި ވިރުދާއަށް ދެރަގޮތެއް ހަދައިފާނެކަމުގެ ބިރަށް ނަޖާތަށް ހުރެވުނީ ހުށިޔާރުވެގެންނެވެ. ކައިވެނި ކުރެވުނު ވަގުތު ކުއްލިގޮތަކަށް އަނބިމީހާ ގެއްލުމާއި، ކުރިމަތިވި ކަންކަމުން ލިބުނު ކުއްލި ސިހުމުގައި ކޮންމެ މީހަކަށްވެސް އެފަދަ ކަމެއް ކުރެވިދާނެއެވެ.
"އަމިއްލަ ދަރިފުޅު ސަލާމަތްކުރަން ވިރުދާ ތިއުޅުނީ މީހެއްގެ ދަރިއެއް، ކޮއްކޮއެއް، އަނތްބެއްގެ ދުވަސް ދުއްވާލާށޭ.." އިކާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް، ވިރުދާގެ ކުރިމަތީގައި ހުއްޓިލިއެވެ.
"ހިނގާ ހަމަޖެހިލައިގެން ވާހަކަ ދައްކަމާ!... އިށީންނަންވީނު..." ނަޖާތު ގޮނޑިއަށް އިޝާރާތް ކުރި ނަމަވެސް އިކާން އިށީންނާކަށް ބޭނުމެއް ނުވިއެވެ.
"ވިރުދާގެ އެކުވެރިކަން ލިބުނީމަ ރޫބީ ހުރީ ހާދަ އުފަލުންނޭ... ތި ނޫނީ ރޫބީގެ ލައިފްގަ ގާތް އެކުވެރިއަކު ނެތް... ރޫބީއަށް ވިރުދާ ހާއްސަ ވަރާ، އިތުބާރުކުރިވަރު އަހަންނަށް އެނގޭ" އިކާންގެ ރާގު މަޑުމަޑުން ބަދަލުވަމުން ދިޔައެވެ. ރުޅިއާއި ނަފުރަތު ހިތާމައަށް ބަދަލުވާން ނެގީ މަދު ވަގުތުކޮޅެކެވެ.
އިކާންގެ ކޮންމެ ޖުމުލައަކުން ވިރުދާގެ ހިތް ފޮތިފޮތިވަމުން ދިޔައެވެ. ރޫބީގެ ހިތްހެޔޮކަމުން ވިރުދާ ނެގީ ނާޖާއިޒު ފައިދާއެވެ. ކަންތައް ވެދިޔައީ، ހުދު ވިރުދާވެސް އުއްމީދުކުރި ގޮތަކަށް ނޫނެވެ. ނައީމަކީ އެއަށްވުރެ މަކަރުވެރި، ނުލަފާ މީހެކެވެ. ފަރުދާގެ ފުރަގަހުގައި ނައީމު ކުޅޭ ކުޅިގަނޑު އެކަކަށްވެސް އަންގައިނުލައެވެ.
"އަޅުގަނޑު މާދަމާ އޮފީހުން ކެނޑެން ސިޓީ ލާނަން..." ވިރުދާއަށް އެ ޖުމުލަ ބުނެވުނީ އެތައް ހިތްވަރަކުންނެވެ. "އަޅުގަނޑު ކަހަލަ މީހަކަށް ހައްގެއް ނޫން އެ ޖޮބެއް..."
"ވިރުދާ އޮފީހުން ކެނޑޭނީތޯ، ނޫންތޯ، ޖޮބް ހައްގުތޯ، ނޫންތޯ، އެކަންކަން ޑިސައިޑް ކުރާނީ އަހަރެން.." އިކާންގެ އަޑުގައިވީ ހަރުކަށި ކަމެވެ. "ކުށެއް ކުރެވުނީމަ، މަސައްކަތް ކުރަންވީ، އެ ކަމަކުން ފިލާކަށް ނޫން... މަސައްކަތް ކުރަންވީ، ދެން އެކަމެއް ތަކުރާރު ނުކުރަން... ނޫނީ ހައްލުކުރަން... އަދިވެސް ވަގުތު އެބައޮތް..."
"ކޮން ކަމެއްތޯ އަޅުގަނޑު ކުރަންވީ؟... ރޫބީއަށްޓަކާ، އަޅުގަނޑު މިހުރީ ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް..." ވިރުދާ އަވަސް އަވަހަށް ބުނެލިއެވެ.
"ހެކިބަސް ދޭންވީ... މިކަން ކުރި އެންމެންނަށް ހައްގު އަދަބު ދޭން އަހަރެން ބޭނުން... އެކަން ކޮށްދެވެން އޮތީ ވިރުދާއަށް..." އިކާން ވިރުދާގެ މޫނަށް ބަލައިލިއެވެ. "އަހަންނަށް އެނގޭ، މީ ވިރުދާއަށް ކުރަން ކިހާ އުނދަގޫ ކަމެއްކަން... ވިރުދާއާ ވިރުދާގެ ދަރިފުޅަށްވެސް ނުރައްކާވެދާނެ ކަމެއްކަން... ވިރުދާ މިކަން ކުރަން ހުރިއްޔާ، ވިރުދާގެ ދަރިފުޅަށް ގެއްލުމެއް ލިބުނަ ނުދޭން ކުރެވެން ހުރި ކަމެއް އަހަރެން ކޮށްދޭނަން..."
އިކާން ދިޔުމުން ވިރުދާ ގިސްލާފައި ރޯން ފެށިއެވެ. އިކާނަކީ ހެޔޮ މީހެކެވެ. އެހެން މީހުންނަށް ގަދަރުކުރާ މީހެކެވެ. ކުށެއް ކުރެވުމުން ބާކީކޮށްލުމުގެ ބަދަލުގައި ދެވަނަ ފުރުސަތެއް ދީފިއެވެ. ވިރުދާގެ ދަރިފުޅު ހިމާޔަތް ކޮށްދޭންވެސް އިކާން ހުރީ ތައްޔާރަށެވެ. ނުވިސްނުނީ ވިރުދާއަށެވެ. އަމިއްލަ އެދުން އިސްކޮށް، ގާތް އެކުވެރިއަކު ނުރައްކަލަށް ހުށަހެޅުނީ ވިރުދާގެ މޮޔަކަމުންނެވެ. ރޫބީއާއި ކުރިމަތިލާނެ ހިތްވަރެއްވެސް މިއަދު ވިރުދާގެ ގަޔަކު ނެތެވެ.
********
ފުލުހުންގެ އިދާރާއަށް ވަދެގެންދިޔަ ޔަޒްދާންގެ މިސްރާބު ހުރީ، ބަންދުކޮށްފައި ތިބޭ މީހުން ބައިތިއްބާ ބަޔަށެވެ. ޔަޒްދާނާއިއެކު އިތުރު ފުލުހަކުވެސް ދިޔައެވެ.
"މިކަން ބޮޑަށް ގޯސްނުވެ، ޝާމިލުވި ގިނަ ބަޔަކު ހައްޔަރު މި ކުރެވުނީ، ވަގުތުން ވިރުދާ އަޅުގަނޑުމެންނަށް ރިޕޯޓްކުރީމަ.... ކުޑަ ތަންކޮޅެއް ލަސްވި ނަމަވެސް، އެމީހުން ފިލާނެ... ރޫބީގެ ފުރާނައަށްވެސް ނުރައްކާވީސް..." ފުލުސްމީހާ އިތުރު ތަފްސީލް ދިނެވެ.
"ވިރުދާ ކީއްވެބާ އިކާން ކައިރީ އެވާހަކަ ނުބުނީ؟" ޔަޒްދާނަށް ހިތާއިހިތުން ސުވާލުކުރެވުނެވެ. އެންމެން ވިރުދާ ކުށްވެރި ކުރިއިރުވެސް، އަމިއްލަ ދިފާއުގައި ވިރުދާ މާބޮޑު ވާހަކައެއް ނުދައްކައެވެ. މާފަށް އެދުން ފިޔަވައެވެ. ހަމަ ހަގީގަތުގައިވެސް ވިރުދާގެ ނިޔަތަކީ ރޫބީ ހިމާޔަތް ކުރުން ހެއްޔެވެ؟
"އެތިބީ އެމީހުން..." ފުލުސްމީހާ އިޝާރާތްކުރީ ބަންދުކޮށްފައި ތިބި މީހުންތަކަކަށެވެ.
ޔަޒްދާންމެން ފެންނައިރަށް އެންމެން އެއްފަހަރާ ހަޅޭއްލަވަން ފެށިއެވެ. ގޮޅިން ނެރުމަށް އަމުރުކުރިއެވެ. އެ އެންމެންގެ ތެރެއިންވެސް ޔަޒްދާންގެ ދެލޯ ހޯދީ އެންމެ ސޫރައެކެވެ. ނައީމެވެ.
"ނައީމު؟... އަހަރެން ބޭނުން ނައީމާ ވާހަކަ ދައްކަން..." ޔަޒްދާން ތަންކޮޅެއް ބާރަށް ބުންޏެވެ.
އެންމެން އެއްފަރާތަށް ޖެހިލިއެވެ. ނައީމު އިނީ ތަޅުންމަތީގައި އިށީނދެގެންނެވެ. ފާރުގައި ލެނގިލައިގެން އިން ނައީމު ޔަޒްދާނަށް ބަލައިލީ ދެލޯ ހަނިކޮށްލަމުންނެވެ. ހީވީ، ވަރުގަދަ އިންޒާރެއް ދިން ހެންނެވެ. ނައީމު ހައްޔަރުކޮށްފައި އިން މަންޒަރު ފެނުމުން، ޔަޒްދާންގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.
"އަހަރެން ބޭނުން އޭނަޔާ ވާހަކަ ދައްކާލަން... ތަހުގީގު ހޯލަށް އޭނަ ގެނެސްދީ!" ނައީމަށް އިޝާރާތް ކުރަމުން ޔަޒްދާން ފުލުސްމީހާއަށް އެންގިއެވެ.
********
ވަރުބަލި ގޮތަކަށް ދެލޯ ހުޅުވައިލި ވަގުތު ރޫބީގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ކައިރީގައި އިން އިކާނެވެ. އިކާން އިނީ ރޫބީގެ އަތުގައި ހިފާލައިގެންނެވެ. ރޫބީގެ ދެފަރާތުގައި އާއިލާގެ މީހުންތައް ބަރިއަކަށް އެތުރިލައިގެން ތިއްބެވެ. އެންމެންގެ މޫނުންވެސް ފެންނަމުންދިޔައީ އެއް އަސަރުތަކެކެވެ. އެ އެންމެންގެ ތެރެއިންވެސް ރޫބީ ހޯދަން ބޭނުންވި މީހާއެއް ނުފެނުނެވެ. އެމީހަކީ ވިރުދާއެވެ.
"ދޮންބެދައްތާ!..." އިބާ އެންމެން ދުރުކޮށްފައި ރޫބީގެ ކައިރީގައި އިށީނެވެ. "ކިހިނެއްތަ؟... އެއްވެސް ތަނަކަށް ތަދުވޭތަ؟... ބުނޭ، އިބާ ވަރަށް މޮޅުވާނެ މަސާޖުކުރަން..."
"ދަރިފުޅާ!... ކިހިނެއްތަ ތި އުޅެނީ؟.. ތިހެން އުޅުނީމަ ދައްތައަށް އުނދަގޫވާނެއެއްނު..." ފަލާހާ ގަދަކަމުން ކަހަލަ ގޮތަކަށް އިބާ ނެގިއެވެ.
"ހިނގާ އެންމެން މިވަގުތު އިހަށް ބޭރަށް ނުކުމެލަމާ!.. ހަމަޖެހިލައިގެން ފަހަރަކު މީހަކު އެތެރެއަށް ވަންނާނީ..." ނާޝިޒް އެންގިއެވެ.
އެންމެން ދިޔުމުން، އިކާނާއި ރޫބީ އެކަނިވިއެވެ. އިކާން ރޫބީގެ ބޮލުގައި ފިރުމައިލިއެވެ. ރޫބީގެ ބުރުގަލުގެ ދަށުން ނުކުމެފައިވާ އިސްތަށިކޮޅުތައް އެތެރެއަށް ލައްވާލަދިނެވެ.
"އޯކޭތަ؟.." އިކާން ވަރަށް އޯގާތެރިކަމާއިއެކު ސުވާލުކުރިއެވެ.
ރޫބީ ބޯޖަހައިލިއެވެ. ހަމަޖެހިލަން މަސައްކަތް ކުރިއެވެ. އެހެނަސް، އިސާހިތަކު ރޫބީގެ ދެލޮލުން ކަރުނަ ފާއްދައިލިއެވެ. ލިފްޓް ހުޅުވުނު ވަގުތު ރޫބީ ވަށައިލި މީހުންތައް އޭނާގެ ހަތަރެސްފައި ހައްޔަރުކޮށްގެން ގެންދިޔައީ ސަލާމަތަށް އެދި އާދޭސް ކޮށްކޮށް އޮއްވައެވެ. އެއީ ބިރުވެރި ވަގުތުކޮޅެކެވެ. ރޫބީ ގަދަކަމުން ކާރަށް އެރުވިއިރު، އޭގެ ތެރޭގައި ނައީމު ހިނިއައިސްފައި އިން ގޮތް ރޫބީ ހަނދާނުން ފޮހެލާނީ ކިހިނެއް ހެއްޔެވެ؟
"އިޓްސް އޯކޭ... އިޓްސް އޯކޭ... އަހަރެން މީނީނު... ދެން އެއްވެސް މީހަކަށް ނުކެރޭނެ ރޫބީއަށް އެކަހަލަ ކަމެއް ކުރާކަށް... އައި ޕްރޮމިސް..." އިކާން ރޫބީގެ ދެކޯތާފަތް ފޮހެލަދިނެވެ.
ރޫބީ ހަމައަކަށް އެޅުނީ އިކާން އެތައް ވާހަކައެއް ދައްކައިގެންނެވެ. ނައީމު ހައްޔަރުކުރި ވާހަކަ ބުނުމުންވެސް ރޫބީއަށް އެވާހަކަ ގަބޫލުކުރަން އުނދަގޫވިއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ކޮންމެ ފަހަރަކުވެސް އެފަދަ ކަމެއް ކޮށްފައި ނައީމު ސަލާމަތްވެގެން ދަނީ ދާދި ފަސޭހައިންނެވެ.
ދޮރުގައި ޓަކި ޖަހައިލާފައި އަސްލަމް އެތެރެއަށް ވަނެވެ. އޭރު އިކާން އިނީ ރޫބީގެ ކައިރީގައި، އެނދުގައި އިށީނދެލައިގެން، ރޫބީގެ ބޮލުގައި ފިރުމާށެވެ. އަސްލަމް ކަރުކެހިލިއެވެ. ރޫބީ އާއި އިކާން ތެޅިގަތެވެ. އިކާން އަވަސް އަވަހަށް ރޫބީއާއި ދުރަށްޖެހުނެވެ. އެނދުން ފުންމައިލިއެވެ. އިކާންގެ މޮޔަކަމުން، އަޝްލަމް ހުރީ އެތެރެއިން ހިނިގަނޑު ފަޅައިގެންދާން ކައިރިވެފައެވެ.
"ކާފާ! އިށީންނަންވީނު..." އިކާން ގޮނޑިއަށް އިޝާރާތްކުރިއެވެ.
"ދަރިފުޅު ތި އިންތާ އިނދެބަލަ!" އަސްލަމް ދިމާކުރާ ރާގަކަށް ހިނިގަނޑެއް ޖަހައިލަމުން، ބުނެލިއެވެ. "މިހާރު ތީ ދުރުހިލޭ ދެމީހުންނެއް ނޫނޭ... ތީ ދެމަފިރިން... ކާފަ ނޫޅެމޭ މައްސަލައަކަށް ވެގެނެއް... ކާފަމެންގެ ދުވަސްވަރު މާމައާ ކާފަވެސް އުޅުނީ ހަމަ ތިހެންނޭ..."
އަސްލަމް ވާހަކަ ދެއްކިގޮތުން ރޫބީވެސް ލަދުގަތެވެ. އިކާނަށް އަވަސް ނަޒަރެއް ދެވުނީ ރޫބީއަށެވެ. ރޫބީ އިކާނަށް ބަލައިލާފައި އަވަސް އަވަހަށް އަސްލަމަށް ބަލައިލިއެވެ. އެކަކު އަނެކަކާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް ދެމީހުންނަކަށްވެސް ނުލިބުނެވެ. ކައިވެނި ކުރެވިއްޖެކަން އިހުސާސްވުމުން، ދެމީހުންނަށްވެސް ކުރެވުނީ ތަފާތު އިހުސާސެކެވެ. އެކަކު އަނެކަކަށް ބަލައިލުމުންވެސް ދެމީހުންގެ ގައިން ހީބިހި ނަގައިގެން ދެއެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިއަދުން ފެށިގެން ރޫބީގެ ދިރިއުޅުން ބަދަލުވެގެން ދާނެއެވެ.
"ކާފަ ގަބޫލުކުރާ ގޮތުގަ ކައިވެންޏެއް ކޮށްފަ، އެންމެ ފުރިހަމައަށް ޕާޓީގެ ކަންކަން ނިންމާލަންވާނެ... ޕާޓީގެ ކަންކަން ފުރިހަމަ ނުވާތީ، ކާފަ ބޭނުން މާދަމާ ރޭ އަލުން ހަފްލާ ބާއްވަން..." އަސްލަމް އޭނާއަށް ފެންނަގޮތް ހާމަކުރިއެވެ. "ދަރިފުޅަށް ފެންނަނީ ކިހިނެއް؟"
އިކާން ބަލައިލީ ރޫބީއަށެވެ. ރޫބީގެ ހިޔާލަކަށް އެދޭ ފަދައިންނެވެ. އޭރު ރޫބީވެސް އޮތީ އިކާނަށް ބަލާށެވެ. އިތުރު ހަރަދެއް ކުރަން ބޭނުން ނުވާކަން ރޫބީގެ މޫނުމަތީގެ އަސަރުތަކުން އިކާނަށް އެނގުނެވެ. އިކާން އުޅުނީ އެކަމަށް ދެކޮޅު ހަދާށެވެ. އޭގެ ކުރިން އަސްލަމް ވާހަކަ ދައްކަން ފެށިއެވެ.
"ރެސްޓޯރެންޓްގެ އޯނަރަކީ ކާފަގެ ވަރަށް ގާތް ރައްޓެއްސެއް... އިތުރު ހަރަދަކާ ނުލާ ހަފުލާ އަލުން ބާއްވައިދޭން އެމީހުން އޮތީ ކާފަ ކައިރީ ބުނެފަ..." ރޫބީގެ މޫނުން އެއްޗެއް ތަރުޖަމާކޮށްލާ ފަދައިން އަސްލަމް ބުނެލިއެވެ. "ޕާޓީ ނިންމާލާގޮތަށް ދެކުދިން ދާނީ ހަނީމޫނަށް ޕެރިސްއަށް... މީ ކާފަގެ ފަރާތުން ތި ދެކުދިންނަށް ދޭ ކައިވެނީގެ ހަދިޔާ... ދެން މިއޮތީ، ކާފަގެ އެދުން ފުރިހަމަކޮށްދިނީތީ، ކާފަގެ ފަރާތުން ރޫބީއަށް ދިން ހަދިޔާއެއް..."
"ކާފާ އަޅުގަނޑަކަށް ނެތްތަ؟.." އަސްލަމް ރޫބީއަށް ދިއްކޮށްލި ކުޑަ ފޮށްޓަށް ބަލަން ހުރި އިކާން ކުޑަކުއްޖެއްހެން މޫނަށް ވައްތަރެއް ޖައްސައިލިއެވެ.
"މީ ހަމައެކަނި ކާފަގެ ރޫބީއަށް ދިން އެއްޗެއް... ހާއްސަ ހަދިޔާއެއް..." އަސްލަމް ގޮނޑިން ތެދުވިއެވެ. ރޫބީގެ ބޮލުގައި ފިރުމައިލިއެވެ.
އަސްލަމް ދިޔުމުން، ރޫބީ ފޮށި ހުޅުވައިލިއެވެ. ހުދު އަލިމަހުން ޖަރީކޮށްފައިވާ ރަން ފަށަކާއި، ހަތަރެސްފައިގައި އަޅާނެ ރަން ކެވެލީގެ އިތުރުން، ދެ ރަން އަނގޮޓި އެ ފޮށީގައި އޮތެވެ. ރޫބީ ދެލޯ ބޮޑުކޮށްލަމުން އިކާނަށް ބަލައިލިއެވެ. އެތަކެތީގެ އަގު ބޮޑުވާނެވަރު ރޫބީއަށް އަންދާޒާވެސް ނުކުރެވުނެވެ. އެހާ އަގުބޮޑު އެއްޗެއް އޭގެ ކުރިން ދުވަހަކުވެސް މީހަކު ރޫބީއަށް ދީފައެއް ނުވެއެވެ.
"ސޮރީ... ރޫބީއަށް އެއްވެސް ކަމެއް ޕްރެޝަރއަކަށް ވަންޏާ..." ރޫބީއަށް ވީގޮތް ފެނި އިކާން ކަންބޮޑުވެގެން އެއްޗެއް ބުނަން އުޅުނެވެ.
"ނުވޭ!... އަހަރެން މިއޮތީ ހަމަ ވަރަށް އުފަލުން... އިކާންގެ އާއިލާ އަހަރެން ބަލައިގަތުން އެއީ އަހަންނަށް ލިބުނު އެންމެ ބޮޑު އެއް އުފާ... އަހަންނަށް ކީއްވެ ޕްރެޝަރަކަށް ވާންވީ؟..." ރޫބީ ހިނިތުންވެލިއެވެ.
********
ތަހުގީގު މޭޒުގެ އެއްކޮޅުގައި ނައީމު އިންއިރު، އަނެއްކޮޅުގައި އިނީ ޔަޒްދާނެވެ. ދެމީހުންގެ ނަޒަރުން އެކަކު އަނެކަކު އަންދާލާ ކަހަލައެވެ. ހޯލުގައި އިތުރު މީހަކު ނެތެވެ. އެންމެންވެސް ތިބީ ޖެހިގެން ހުރި ކޮޓަރީގައި، ޔަޒްދާންމެންގެ ހަރަކާތްތަކަށް ބަލާށެވެ.
"މީ ކޮންބައެއްކަން އެނގޭތަ؟..." ނައީމުގެ ކުރިމަތީގައި ތިން ތަސްވީރެއް ބާއްވައިލަމުން ޔަޒްދާން ސުވާލުކުރީ ހަރުކަށި ރާގަކަށެވެ.
ތަސްވީރުތަކަށް ނުބަލަން ނައީމު އެތައް މަސައްކަތެއް ކުރިއެވެ. ޔަޒްދާން އެއަށްވުރެ ހަރުކައްޓެވެ. ގޮނޑިން ތެދުވެގެން އައި ގޮތަށް ނައީމުގެ ބޮލުގެ ފުއްކިބައިގައި ހިފައި، ގަދަކަމުން ކަހަލަ ގޮތަކަށް އިސްތިރި ކުރުވިއެވެ. ނައީމު ދެލޯ މެރިއެވެ. ތަސްވީރުތަކަށް ނުބަލަން މަސައްކަތް ކުރިއެވެ. އެންމެފަހުން އެކަން ނާކާމިޔާބުވިއެވެ. ޔަޒްދާން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ބާރުގެ ބޭނުންކޮށްގެން ތަސްވީރުތަކަށް ބަލަން ނައީމަށް މަޖުބޫރުކުރިއެވެ.
"ކަލޭމެންނަށް އަހަންނަށް އަނިޔާއެއް ނުކުރެވޭނެ!..." ނައީމު ހަޅޭއްލަވައިގަތެވެ.
"ދެން ކަލެއަށް އެހެން މީހުންނަށް އަނިޔާ ކުރެވޭނެތަ؟..." ނައީމަށްވުރެ ބާރަށް ޔަޒްދާން ހަޅޭއްލަވައިގަތެވެ.
"ލޯޔަރު ގެނެސްދީ!..." ނައީމު އެދުނެވެ.
"މީ ކަލޭގެ އަނިޔާވެރި ވަކިތަކުގެ ދަށުވީ މައުސޫމު ތިން ކުދިން..." ނައީމު ބުނި އެއްޗެއް އަޑުއިވުނު ކަމަށް ނުހަދާ، ޔަޒްދާން އޭނާގެ ދަތްތަކަށް ބާރުކޮށްލިއެވެ.
(ނުނިމޭ)