ކައުންސިލްތަކަށް ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީ ދޫކުރާއިރު، ރަށްރަށުގެ ކުޑަބޮޑުމިނަށް 2020ވަނަ އަހަރުން ފެށިގެން ވެސް ރިއާޔަތްކުރަމުން އަންނަކަން ހާމަވެއްޖެއެވެ.
ރަށުގެ އާބާދީ މަދުކަމުގައިވީ ނަމަވެސް، ބިމުގެ ގޮތުން ރަށް ބޮޑުނަމަ، އެ ރަށެއްގެ ކައުންސިލަކަށް ބްލޮކް ގްރާންޓް ބޮޑުކުރަން ނިންމަވައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރޭ އިއުލާންކުރައްވައިފައެވެ.
"އެކްސް"ގައި ރޭ އެމަނިކުފާނު ލިޔުއްވި ގޮތުގައި، މިހާރު އުސޫލުގައި އޮންނަ ގޮތުން އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުތަކަށް ބްލޮ ކްގްރާންޓް ލިބޭ މިންވަރު މަދެވެ. އެކަމަކު އާބާދީ ކުޑަ، ބިން ބޮޑެތި ރަށްތައް ހުންނައިރު، އެފަދަ ރަށްރަށުގައި ކުރަންޖެހޭ މުނިސިޕަލް މަސައްކަތްތައް މަދުނޫންކަން ފާހަގަކުރައްވައި ރައީސް ލިޔުއްވިގޮތުގައި، ބްލޮކް ގްރާންޓް ދޭ ގޮތުގެ ފިސްކަލް ފޯމިއުލާ އޮތް ގޮތުން އެފަދަ ކައުންސިލްތަކަށް ގެއްލުންވެއެވެ.
"އެހެންކަމުން، ބްލޮކް ގްރާންޓްގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، 2026ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ވާނީ ނިންމާފައި." އެމަނިކުފާނުގެ ޕޯސްޓުގައިވެއެވެ.
ރައީސް މިހެން ލިޔުއްވާފައިވީ ނަމަވެސް، ލާމަރުކަޒީ ގާނޫނުގައި މިހާރުވެސް އޮންނަ ގޮތުން، ބްލޮކް ގްރާންޓް ދޫކުރަނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުންނެވެ.
ބްލޮކް ގްރާންޓް ތައާރަފުކުރީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކަމަށްވާއިރު އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ، ފިސްކަލް ފޯމިއުލާ ކަނޑައެޅުމުގައި ދެވަނައަށް އެންމެ ބޮޑަށް ރިއާޔަތްކޮށްފައިވަނީ ރަށުގެ ސައިޒަށްކަން ފާހަގަކުރައްވައިފައެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، މިނިސްޓްރީން ފިސްކަލް ފޯމިއުލާ ކަނޑައަޅާއިރު ރަށުގެ އާބާދީއާއި ރަށުގެ ބިމާއި ބަނދަރާއި ފަޅުން ބޭނުން ހިފާ ސަރަހައްދާއި އިދާރީ ދާއިރާގައި ހިމެނޭ މީހުންގެ ރަށްރަށުގެ އަދަދާއި ކައުންސިލްތަކުން ހިންގައި ބަލަހައްޓާ ޚިދުމަތްތައް ދިނުމަށާއި ތަރައްގީއަށް ކުރާ ޚަރަދާއި ކައުންސިލަށް ލިބޭ އާމްދަނީއަށް ބަލައެވެ.
ބްލޮކް ގްރާންޓް ދޫކުރުމުގައި މިހާރުވެސް އެ ރަށެއްގެ ކުޑަބޮޑުމިނަށް ބަލާއިރު، ކައުންސިލްތަކަށް އެންމެ ފުރަތަމަ ބްލޮކް ގްރާންޓް ދޫކުރަން ފެށީ 2020ވަނަ އަހަރުގައެވެ.
އެގޮތުން އެ އަހަރު ރަށްރަށުގެ ކުޑަބޮޑުމިނަށް ބަލައި 2020 އިން 2022އަށް ރަށްރަށަށް ބްލޮކް ގްރާންޓް ދޫކުރީ 10 ޕަސެންޓުގެ ބަރުދަނެއް ދީގެންނެވެ. އޭގެ ފަހުން 2023އިން މިއަހަރުގެ ނިޔަލަށް ބްލޮކް ގްރާންޓް ދޫކުރީ ރަށްރަށުގެ ކުޑަބޮޑުމިނަށް ބަލައި، 7.5 ޕަސެންޓުގެ ބަރުދަނެއް ދީގެންނެވެ.
އަދި 2020އިން މިއަހަރުގެ ނިޔަލަށް އަތޮޅުތަކަށް ބްލޮކް ގްރާންޓް ދޫކުރީ ކުޑަބޮޑުމިނަށް ބަލައި ފަސް ޕަސެންޓުގެ ބަރުދަނެއް ދީގެން ކަމަށްވާއިރު، ސިޓީ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޫކުރީ 15 ޕަސެންޓުގެ ބަރުދަނެއް ދީގެންނެވެ.
ބްލޮކް ގްރާންޓުގެ އިތުރަށް ކައުންސިލްތަކަށް މިހާރު، އެ ރަށެއްގެ އިހުތިސާސްގައި ހިމެނޭ ތަންތަން ބޭނުންކޮށްގެން ވިޔަފާރިތައް ހިންގަން ވެސް އަދި މަޝްރޫއުތައް ހިންގަން ވެސް ވަނީ ފުރުސަތު ދީފައެވެ.
ފާހަގަކުރެވޭ ގޮތުގައި މި ބަދަލު ގެންނަވަން ރައީސް އިއުލާންކުރެއްވިއިރު، ކައުންސިލްތަކުގެ އިންތިޚާބު އޮތީ އަންނަ އަހަރަށް ތާވަލުކޮށްފައެވެ.