އެމްޑީއޭގެ ދެވަނަ ޕޮލިޓިކަލް ސެންޓަރު ބަނޑިދޫގައި ހުޅުވައިފި

އެމްޑީއޭގެ ދެވަނަ ޕޮލިޓިކަލް ސެންޓަރު ބަނޑިދޫގައި ހުޅުވުމުގެ ރަސްމިއްޔާތު: އެ ސެންޓަރު ހުޅުވައިދެއްވީ އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު -- ސަން ފޮޓޯ/ އަހުމަދު އިޔާދު

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ދެވަނަ ޕޮލިޓިކަލް ސެންޓަރު، ދ. ބަނޑިދޫގައި މިއަދު ހުޅުވައިފިއެވެ.

ދ. އަތޮޅު ރަށްރަށުގެ އިސް ބޭބޭފުޅުންނާއި ބައްދަލުކުރެއްވުމަށް އެ އަތޮޅު ބަނޑިދޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުވައިދެއްވީ އެ ޕާޓީގެ ރައީސް އަދި މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

އެމަނިކުފާނުގެ އަރިހުގައި ހުންނެވީ އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލް ޝާހު އިސްމާއީލެވެ.

ޕޮލިޓިކަލް ސެންޓަރު ހުޅުވައިދެއްވުމަށް ފަހު އެ ސެންޓަރުގައި އެމްޑީއޭގެ ދިދަ ނަންގަވައިދެއްވީ ވެސް ސިޔާމެވެ.

އެމްޑީއޭގެ ދެވަނަ ޕޮލިޓިކަލް ސެންޓަރު ހުޅުވައިދެއްވުމަށްފަހު ސިޔާމް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އިޔާދު

އެމަނިކުފާނު ވަނީ، އެ ސެންޓަރު ހުޅުވައިދެއްވުމަށްފަހު އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ އެމްޑީއޭއިން އަތޮޅުތެރޭ ހުޅުވި ދެވަނަ ޕޮލިޓިކަލް ސެންޓަރެވެ.

އެ ޕާޓީން އަތޮޅުތެރޭގައި ފުރަތަމަ ޕޮލިޓިކަލް ސެންޓަރެއް ހުޅުވީ ފުވައްމުލަކު ސިޓީގައެވެ. އެ ސެންޓަރު ހުޅުވާފައި ވަނީ ޖުލައި 30، 2023ގައެވެ.

ޑިސެމްބަރު 20، 2012ގައި އުފެއްދި އެމްޑީއޭއަކީ ރާއްޖޭގައި ހަތަރުވަނައަށް މެންބަރުން އެންމެ ގިނަ ސިޔާސީ ޕާޓީއެވެ.

comment ކޮމެންޓް