ތިލަފުށި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަކިކުރި ވެމްކޯ މުވައްޒަފުގެ ވަޒީފާއާއި މުސާރަ އިޔާދަކޮށްދޭން ހުކުމެއް

ތިލަފުށީ، ވެމްކޯ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން: ވަކިކުރި ވެމްކޯގެ މުވައްޒަފަށް އަލުން ވަޒީފާދޭން އަންގައިފި --

ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގެ އެޑްމިން ބިލްޑިންގް ކައިރީގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ވެމްކޯގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެމްކޯގެ ކުނި މެނޭޖްމަންޓް ސައިޓްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ވެމްކޯގެ ސެންޓްރަލް އޮޕަރޭޝަން ތިލަފުށީގެ އެސިސްޓެންޓް މެނޭޖަރު މަގާމުން ވަކިކުރި މައްސަލައެކެވެ.

މި މައްސަލަ އޭނާގެ ފަރާތުން ވަޒީފާއާބެހޭ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއީ، އަލިފާނުގެ ހާދިސާގެ މަހެއްހާ ދުވަސް ފަހެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ އެ މުވައްޒަފު ބަދަލު ކުރީ، ޖޮބް ރޮޓޭޝަންގެ ދަށުން ޕްރޮޖެކްޓް ޑިޕާޓްމެންޓްގެ ހިންމަފުށި ޕްރޮޖެކްޓް އެސިސްޓެންޓް މެނޭޖަރުގެ މަގާމަށެވެ. އޭގެ ފަހުން، ޑިސިޕްލިނަރީ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ، 14 ދުވަހަށް އޭނާ ސަސްޕެންޑް ކުރުމަށް ފަހު، ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އޭނާ ވަޒީފާއިން ވަކިކުރީއެވެ.

މި މައްސަލައިގައި އޭނާ އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދީ، އަލުން ވަޒީފާ ރުޖޫއަކޮށްދިނުމަށެވެ. އަދި ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން ވަކީލު ފީ ނަގައިދިނުމަށް އޭނާ ވަނީ އެދިފައެވެ.

މި މައްސަލައިގައި ވެމްކޯއިން ބުނެފައި ވަނީ އެ އަލިފާނުގެ ހާދިސާއާ، އެ ދުވަސްވަރު އެ ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ގުޅުމެއް އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެހެންވެ، އެ މުވައްޒަފުން އިތުރަށް ވަޒީފާގައި ބައިތިއްބައިފިނަމަ، އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ވެދާނެ ކަމަށް ބެލެވުނު ކަމަށްވެސް ވެމްކޯގެ ދިފާއުގައި ބުނެފައިވެއެވެ. އޭގެ އިތުރުން ޚިޔާނަތްތެރިވުމުގެ އަމަލުތަކެއް ވެސް، ރޭވިގެން ކުރަމުން ދިޔަ ކަމަށް ވެމްކޯއިން ވަނީ ތުހުމަތުކޮށްފައެވެ.

އެހެންނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައިވަނީ، އެ މުވައްޒަފާމެދު ފިޔަވަޅު އެޅުމުގައި މައުލޫއީ އަދުލުވެރިކަން ވެމްކޯއިން ގާއިމުކޮށްފައި ނުވާކަމަށެވެ. އަދި މައުލޫއީ އަދުލުވެރިކަން ގާއިމުކޮށްފައި ނެތުމުން، އިޖުރާއީ އަދުލުވެރިކަންވެސް ގާއިމްކޮށްފައި ނެތް ކަމަށް ކަނޑައެޅިއެވެ.

އެހެންކަމުން ޓްރައިބިއުނަލުން މި މައްސަލައިގައި ނިންމީ، އަލުން ވަޒީފާ ރުޖޫއަކޮށްދޭށެވެ. އަދި ނޯޓިސް ފައިސާގެ ގޮތުގައި ވެމްކޯއިން ދިން ފައިސާ އުނިކުރުމަށް ފަހު، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ރުޖޫއަކުރާ ދުވަހާއި ހަމައަށް، މުސާރައާއި އިނާޔަތްތަކާއެކު ވަކީލު ފީގެ ގޮތުގައި 15،000 ރުފިޔާ ނަގައިދޭންވަނީ ހުކުމްކޮށްފައެވެ.

comment ކޮމެންޓް