މި ޖީލުގައި ކުރިއަށްދާއިރު ވިސްނަންވީ މަސައްކަތުގައި ރަނގަޅު އަޚުލާގު އިސްކުރަން: ސިޔާމް

އެމްޑީއޭގެ ދެވަނަ ޕޮލިޓިކަލް ސެންޓަރު ހުޅުވައިދެއްވުމަށްފަހު ސިޔާމް ވާހަކަފުޅު ދައްކަވަނީ: ނަސޭހަތްތެރިވެވަޑައިގަތީ މަސައްކަތުގެ ރަނގަޅު އަޚުލާގުގައި ކުރިއަށް ދާން -- ސަން ފޮޓޯ/ އަހުމަދު އިޔާދު

މި ޖީލުގައި ކުރިއަށް ދާއިރު، ވިސްނަންވީ މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާއާއެކީ ރަނގަޅު އަޚުލާގުގައި ކުރިއަށް ދިއުމަށް ކަމަށް، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ދ. ބަނޑިދޫގައި އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުވައިދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ސިޔާމް ވިދާޅުވީ، ސިޔާސީ ލީޑަރުން ވާންވާނީ ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއް ދެނެގަނެ، އެ ކަންކަން ހައްލުކޮށްދެއްވާ ބޭފުޅުންނަށް ކަމަށެވެ.

އެގޮތުން އެންމެ ރައްޔިތަކު ވެސް ހާލުގައި ޖެހިފައިވާނަމަ، މުޅި މުޖުތަމައު އެކަމާ ހިތާމަކުރާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. އެގޮތުން، ދ. ހުޅުދެލީގެ ކުއްޖަކަށް ދިމާވި މައްސަލައެއްގައި މުޅި ރަށުގެ ރައްޔިތުން އެކުގައި ނުކުމެ، އެ ކުއްޖާއަށް ގޮތެއް ހޯދައިދިނުމަށްޓަކައި މަސައްކަތްކުރި މަންޒަރު ފެނިވަޑައިގަތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާތްالله އިންސާނުން ފޮނުއްވީ އެންމެ ރިވެތި ސިފައިގައި ކަމަށާއި، ރިވެތި ސިފަތައް ދެކެ މާތްالله ލޯބިވެވޮޑިގަންނަވާކަން ސިޔާމް ފާހަގަކުރެއްވިއެވެ.

ރީތި އަޚުލާގާއި އޯގާތެރިކަމާއި ކުލުނުވެރިކަމާ، މިއީ އަޅުގަނޑުމެންނަށް ކުރިއަރައިގެން ދެވޭނެ ކާމިޔާބު ލިބޭނެ ހަމައެކަނި މަގަކީ. އޯގާވެރިކަމާއި ތެދުވެރިކަމާއި ކުލުނާއި ލޯބިދީގެން، އަހްމަދު ސިޔާމް މުހައްމަދު، އެމްޑީއޭގެ ރައީސް

ސިޔާމް، ދ. ބަނޑިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުން -- ސަން ފޮޓޯ/ އަހުމަދު އިޔާދު

ޒަމާނުއްސުރެ ދިވެހިންނަކީ އުފަލުގައި ދިރިއުޅެމުން އައި ބައެއްކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ، ދިވެހީންނަކީ އޯގާތެރި، ކުލުނުވެރި، އާދަޔާޚިލާފަށް ވިސްނުންތޫނު ބައެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ދިވެހީންނަކީ އަވަހަށް ކަންކަން ދަސްކުރާ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންވީމާ އަޅުގަނޑުމެންގެ މިއަދުގެ މި ޖީލުގައި ވިސްނަންވީ، އަޅުގަނޑުމެން ކޮންމެ މީހަކު މަސައްކަތެއްކޮށް، މަސައްކަތުގެ ތަޖުރިބާއާއެކު މަސައްކަތުގެ އަޚްލާގުގަ މީހާ ކުރިއަށް ދާން. ކޮންމެ މީހަކީ ވެސް އާމްދަނީ ހޯދާނެ މީހެއް ކަމުގައި ވާންވެއްޖެ. މަސައްކަތް ކުރަން ވެއްޖެ. މަސައްކަތްކުރުމުގެ ގާބިލުކަން އަޅުގަނޑުމެންގެ ޒުވާނުންގެ އެބަތިބި،އަހްމަދު ސިޔާމް މުހައްމަދު، އެމްޑީއޭގެ ރައީސް

ދިވެހީންގެ ތެރޭގައި ކިޔަވައިގެން ތިބި ޒުވާނުން އުޅޭކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުން ފަދަ ބޮޑެތި އެތައް މަގާމުތަކުގައި ބޮޑެތި މުސާރަތަކުގައި ތިބެންވީ ދިވެހިން ކަމަށާއި، ދިވެހީން ކުރިއަރުވަން ވިސްނަން ޖެހޭ ކަމަށެވެ.

އެއާއެކު އެކަކު އަނެކަކަށް ހެޔޮހިތުން ކަންކަން ކޮށްދިނުމުން، މާތްالله އެކަމުގެ ފުރިހަމަ ބަދަލު ދެއްވާނެކަން ސިޔާމް ހަނދުމަކޮށްދެއްވިއެވެ.

"އަޅާލަންވީ އޯގާތެރިވާންވީ. މީހުންނަށް އޯގާތެރިވެއްޖެތަ، الله ސުބުހާނަހޫ ވަތައާލާ، [އެ ކަލާނގެ އިރާދަފުޅުން] އެ މީހަކަށް އަޅާލުމާއި އޯގާތެރިކަން އޮހިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ދިވެހީން ވާންވީ އެކުވެރި އަދި ހެޔޮބަސް އަހާ ބަޔަކަށް ކަމަށާއި، ދިވެހީންނަކީ ތަޖުރިބާ ހުރި، ތައުލީމީގޮތުން ވެސް މުއްސަނދި ބައެއް ކަމަށެވެ.

މުޖުތަމައު ކުރިއަރާނީ ކުލުނާއި ލޯބި ދީގެންކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ ހުރިހާ އެންމެން ވެސް ވިސްނައި އަޒުމް ކަނޑައަޅަންވީ އެކަކު އަނެކަކަށް ކުލުނުވެރިވެ ލޯބި ދިނުމަށް ކަމަށެވެ. ވަކިން ޚާއްސަކޮށް މައިންބަފައިންނަށް ލޯބި ދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަކު އަނެކަކަށް ތެދުވެރިވެ ކުލުނުވެރިވެ ލޯބި ދިނުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.

comment ކޮމެންޓް