އޭޝިއާގެ އުންމީދީ ލީޑަރުން އެއްކޮށް މަސައްކަތް ކުރާ މިއަހަރުގެ 'އޭޝިއާ 21 ކްލާސް ނެކްސްޓް ޖެނެރޭޝަން ފެލޯސް'އަށް ރާއްޖޭގެ ސިޔާސީ ޝަޚުސިއްޔަތެއް ކަމަށްވާ ސަފާތު އަހުމަދު ޒާހިރު ހޮވިއްޖެއެވެ.
އެއީ ދުނިޔޭގެ 27 ގައުމަކުން ހޮވޭ 30 ލީޑަރުން އެއްކޮށް، ގައުމުތަކަށް ދިމާވާ އެކިއެކި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާ އޭޝިއާ ސޮސައިޓީ ނެޓްވޯކެކެވެ.
ވުމެން އެންޑް ޑިމޮކްރެސީގެ ފައުންޑާކަން ވެސް ކުރައްވާ ސަފާތު 'ސަން' އަށް ވިދާޅުވީ، އެ އޭޝިއާ ސޮސައިޓީ ނެޓްވޯކުގައި ބައިވެރިވުމަށް ފުރުސަތު ލިބުނީތީ އެކަމާ އުފާކުރައްވާ ކަމަށެވެ. ރާއްޖެއަކީ ޖިއޮގްރަފީ ގޮތުން ކުޑަ ގައުމެއް ނަމަވެސް، ރާއްޖެއަކީ ހާލަތާ އެއްގޮތަށް ބަދަލުވުމުގައި މުއްސަނދި ގައުމެއްކަން ސަފާތު ފާހަގަކުރެއްވިއެވެ.
އެހެންވެ، އޭޝިއާ ސޮސައިޓީ ނެޓްވޯކްގެ ބައިވެރިވިއެއްގެ ގޮތުން، ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް ބޭނުންވާކަން ސަފާތު ފާހަގަކުރެއްވިއެވެ. އަދި އެކަމަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ އެ ނެޓްވޯކަށް ރާއްޖެއިން މެންބަރެއް ހޮވުނު ފުރަތަމަ ފަހަރެވެ.
މި ހަރަކާތް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ފަހަކުން ހަތެއްގެ ނިޔަލަށް ފިލިޕީންސްގެ މެނިލާގައެވެ.
މިއަހަރުގެ މައުޟޫއަކީ، ހިތްވަރުގަދަ ލީޑަޝިޕަކަށް ކުރާ ދަތުރެވެ. އެގޮތުން، މި ނެޓްވޯކުގައި ލީޑަޝިޕް ދެއްކުމާ ގުޅޭގޮތުން އުކުޅުތައް ދަސްކޮށް، އެކަމުގެ ޚިޔާލު ބަދަލުކޮށް މަޝްވަރާކުރާނެއެވެ. އަދި ގުޅުންތައް ބަދަހިކޮށް، އެކި ދާއިރާތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމަށް ވެސް މި ކުލާހުގައި މަސައްކަތް ކުރާނެއެވެ.
ސަފާތަކީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅެއް ކަމަށްވާއިރު، އެމްޑީޕީގެ ޖަލްސާތަކުގައި ސަފާތު ހަރަކާތްތެރިވެވަޑައިގަންނަވައެވެ.
އޭޝިއާ ސޮސައިޓީއަކީ އޭޝިއާއާއި، އެމެރިކާގެ ލީޑަރުންނާއި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ވިސްނުން ބަދަހިކުރުމުގެ މަގްސަދުގައި 1956 ވަނަ އަހަރު އުފެދުނު ބައިނަލްއަގުވާމީ ގޮތުން ހިންގާ އަދި ވަކި ފަރާތަކަށް ނުޖެހޭ ޖަމިއްޔާއެކެވެ. މި ނެޓްވޯކުގައި ސިޔާސީ، އާޓްސް އެންޑް ކަލްޗާ، ވިޔަފާރި، ތައުލީމު އަދި ޓެކްނޮލޮޖީ ފަދަ ތަފާތު ދާއިރާތަކުން އެކި ގައުމުތަކުގެ ލީޑަރުންގެ ވިސްނުން ޕްރޮމޯޓްކުރެއެވެ.