ދ. އަތޮޅު ރަށްރަށުގެ އިސްބޭފުޅުންނާ ސިޔާމް ބައްދަލުކުރައްވައިފި

ދ. އަތޮޅުގެ އިސް ބޭފުޅުންނާއެކު ސިޔާމް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ އަހްމަދު އިޔާދު

ދ. އަތޮޅުގެ ރަށްރަށުގެ އިސް ބޭފުޅުންނާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު މިރޭ ބައްދަލުކުރައްވައިފިއެވެ.

އެގޮތުން ދ. ކުޑަހުވަދޫ، ހުޅުދެލި، ރިނބުދޫ، މީދޫ، މާއެނބޫދޫ އަދި ބަނޑިދޫގެ އިސް ބޭފުޅުންނާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވައިފައެވެ. އޭގެ ތެރޭގައި އެ ރަށްރަށުގެ ކުރީގެ ބައެއް ކައުންސިލަރުންނާއި މިހާރުގެ ބައެއް ކައުންސިލަރުން ވެސް ހިމެނެއެވެ.

މި ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ބަނޑިދޫގައި މިއަދު ހަވީރު ހުޅުވި އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރުގައެވެ.

ދ. އަތޮޅުގެ އިސް ބޭފުޅުންނާއެކު ސިޔާމް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ އަހްމަދު އިޔާދު

މި ބައްދަލުވުންތަކުގައި އެމްޑީއޭ ކުރިއަށް ދާނެ ގޮތާއި، ޕާޓީގެ ހަރަކާތްތަކާ މެދު މަޝްވަރާކުރެވުނެވެ. އަދި އެ ރަށްރަށުގެ ހުރި ބައެއް ކަންބޮޑުވުންތަކާއި، އެ ކަންބޮޑުވުންތައް ހައްލުކުރާނެ ގޮތްތަކާ މެދު ވެސް މަޝްވަރާކުރެވުނެވެ.

ބައްދަލުވުންތައް ކުރިއަށް ދިޔަ ވަގުތު ސިޔާމް ވަނީ، އާންމުންނަށް ދިމާވާ ކަންކަން ހައްލުކުރުމުގައި ސިޔާސީ އިސް ބޭފުޅުން އަދާކުރައްވަން ޖެހޭ ޒިންމާގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

ދ. އަތޮޅުގެ އިސް ބޭފުޅުންނާއެކު ސިޔާމް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ އަހްމަދު އިޔާދު

ފާހަގަކުރެވޭ ގޮތުގައި އެމްޑީއޭއިން ވަނީ އެ ޕާޓީގެ ދެވަނަ ޕޮލިޓިކަލް ސެންޓަރު މިއަދު ހަވީރު ބަނޑިދޫގައި ހުޅުވައިފައެވެ. އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުވައިދެއްވީ މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި ސިޔާމެވެ.

އެ ޕާޓީން އަތޮޅުތެރޭގައި ހުޅުވި ފުރަތަމަ ޕޮލިޓިކަލް ސެންޓަރު ހުޅުވީ ޖުލައި 30، 2023ގައި ފުވައްމުލަކު ސިޓީގައެވެ.

ޑިސެމްބަރު 20، 2012ގައި އުފެއްދި އެމްޑީއޭއަކީ ރާއްޖޭގައި ހަތަރުވަނައަށް މެންބަރުން މި ވަގުތު އެންމެ ގިނަ ސިޔާސީ ޕާޓީއެވެ.

comment ކޮމެންޓް