މިދިޔަ އަހަރު އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ޑްރާމާ ފިލްމު "ކަމަނާ"ގެ ޓީމުން އަލަށް އެޅުވި ފިލްމު "ކަނބުލޮ" ބެލުމަށްފަހު ފިލްމުގެ އެކްޓަރު އަހުމަދު ނިމާލަށް ގުޅަމުން ގެންދާ ކަމަށް އޭނާ ބުނެފިއެވެ.
މިދިޔަ މަހުގެ 31ގައި ޕްރިމިއާ ކުރި ކަނބުލޮ ވެފައިވަނީ އަންމުންގެ ތެރޭގައި ބޮޑު ހިޓަކަށެވެ. މި ފިލްމުގެ ވާހަކަތައް އާންމުން ދައްކަމުން އަންނައިރު އެކްޓަރުންގެ ހުނަރަށް އެތައް ބައެއްގެ ތައުރީފު އަންނަނީ އޮހެމުންނެވެ.
އެއިން އެއް ރޯލަކީ ނިމާލު ކުޅެފައިވާ ރޯލެވެ. މި ފިލްމުގައި ނިމާލު ފެންނަނީ އަނިޔާވެރި އަދި ރަހުމުކުޑަ އާއިލާ މެމްބަރެއްގެ ރޯލުންނެވެ. މިއީ މިފަދަ ރޯލަކުން އޭނާ ފެނުނު ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ކޮންމެއަކަސް ބެލުންތެރިންނަށް ނިމާލުގެ އެކްޓިން ވަރަށް ކަމުގޮސްފިއެވެ.
އޭނާ ދާދިފަހުން ސޯޝަލް މީޑިއާއަށް އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަނބުލޮ ފިލްމު ވެގެން ގޮސްފައިވަނީ އެ ބެލުމަށްފަހު މިހާތަނަށް އޭނާއަށް އެންމެ ގިނައިން ގުޅި އެއް ފިލްމަށް ކަމަށެވެ.
"މިހާތަނަށް އެންމެ ގިނަ މީހުން ގުޅައި، ވަރަށް މޮޅޭ ބުނި ފުރަތަމަ ފިލްމު ކަނބުލޮ އަކީ،" ނިމާލް ބުންޏެވެ.
މިވަގުތު އުޅެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފޭނުން ގުޅައި، މެސެޖު ކުރާ ވަރުން "އޮބި ނޯވެގެން" ކަމަށްވެސް ނިމާލު ފާހަގަކުރިއެވެ. އަދި އެކަމަށް ފޭނުންގެ ގާތުން ވަރަށް ބޮޑަށް ޝުކުރުވެސް އޭނާ އަދާކޮށްފައިވެއެވެ.
މި ފިލްމަކީ 2009 އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނައަށް ދިޔަ 'ޔުކްތާ'ގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ވާހަކައަށް ބިނާކޮށް ތައްޔާރުކުރި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރު ކުރީ މަހުދީ އަހުމަދެވެ.
ކަނބުލޮ އަކީ ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކުގެ މައްޗަށް އަލިއަޅުވާލާ ފިލްމެކެވެ. ފިލްމު ޕްރޮޑިއުސްކުރީ މުނައްވަރާއި އަލީ ޝާނިޒް މުހައްމަދެވެ.
މި ފިލްމުގެ ފަހަތުގައި ވަނީ ކަމަނާގެ ޓީމެވެ. އެގޮތުން، މަރިޔަމް އައްޒަ މި ފިލްމުގެ ލީޑަށް ހަމަޖައްސާފައިވާއިރު އޭނާ އަކީ ކަމަނާގެ ވެސް ލީޑު އެކްޓަރުގެ ރޯލު ކުޅެފައިވާ ތަރިއެވެ.
އައްޒަގެ އިތުރުން ފިލްމުގެ ރޯލުތަކުން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ނިމާލާއި ޝީލާ ނަޖީބާއި އަހުމަދު އީސައާއި ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ ފެންނާނެއެވެ.