މޯލްޑިވްސް ޖޫނިއާ އޯޕަންގެ ފައިނަލް ޝަރަފްވެރިކޮށްދެއްވީ ރައީސް

"ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

"ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ކުޅިވަރު އެކުވެނި، ބެޑްމިންޓަން ހޯލްގައި ރޭ ކުރިއަށް ގެންދިޔަ މިރަސްމިއްޔާތުގައި "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" ބެޑްމިންޓަން މުބާރާތުގެ ފައިނަލް ދެ މެޗް އެ މަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.

ފައިނަލް ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި "މާލޭ" ޓީމާއި "އޭދަފުށީ" ޓީމް ވާދަކޮށްފައިވާއިރު، ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ "ހުޅުދޫ ބޯއީ" އާއި "އިންޑިއާ" އެވެ.

މި ރަސްމިއްޔާތުގައި މި މުބާރާތުގެ، ޗެމްޕިއަނުންނަށް އިނާމާއި، ހަނދާނީ ލިޔުމާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން، އަންހެން ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސް އާއި ފިރިހެން ސްޕެޝަލް އޮލިމްޕިކްސްއަށް މެޑެއްޔާއި ޓްރޮފީ ހަވާލުކުރުންވެސް އޮތެވެ. އަދި، "ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސް"ގައި ބައިވެރިވި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން، މެޑެއްޔާއި ޓްރޮފީވެސް ވަނީ ދީފައެވެ.

ރާއްޖޭގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވުމާއި، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް ތަންފީޒުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދެއެވެ.

މި މުބާރާތަކީ ކުރީގެ ކުޅިވަރު ވަޒީރު އަޙްމަދު މަޙްލޫފް އިސްކޮށް ރާވާ ހިންގި ބޮޑު މުބާރާތެކެވެ. މި މުބާރާތް ބާއްވާފައިވަނީ ބެޑްމިންޓަންގެ ހަރަކާތްތައް ވަޅުޖެހިފައިވަނިކޮށް އެ ކުޅިވަރު އަލުން ދިރުވުމަށް މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް