ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

ސިވިލް ސާވިސް ކޮމިޝަނަށް އައްޔަންކުރެއްވި 3 މެންބަރުން: އޭގެ ތެރޭގައި ނާސިހު ވެސް ހިމެނޭ -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުގައި އެންމެ ފުރަތަމަ, ވަކިކުރަން މަސައްކަތްކުރި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު ހިމެނޭހެން ތިން މެންބަރަކު، އެ ކޮމިޝަނަށް މިއަދު އައްޔަންކުރައްވައިފިއެވެ.

އެ ކޮމިޝަނަށް އައްޔަންކުރެއްވީ، ނާސިހުގެ އިތުރުން، ޑރ. ޙުސައިން ފާއިޒާއި ޑރ. ދީބާ މޫސާއެވެ.

ސީއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން، ތިން ބޭފުޅުން ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ތިން ބޭފުޅުންނަށް ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނެވެ. އަދި، މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިވިލް ސާވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި ތިން މެންބަރުން، އެ މަގާމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އެބޭފުޅުންނާ ޙަވާލުކުރައްވާފައެވެ.

ސީއެސްސީގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ނާސިހު އައްޔަނުކުރުމަށް ރުހުން ދޭން މަޖިލީހުން ލިބިވަޑައިގަތީ 52 މެންބަރުންގެ ވޯޓެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ.

ސީއެސްސީއަށް އައްޔަންކުރެއްވި ތިން ބޭފުޅުން: އޭގެ ތެރޭގައި މިހާރުގެ ސީއެސްސީގެ ރައީސް ނާސިހު ވެސް ހިމެނޭ -- ފޮޓޯ/ ރައީސް އޮފީސް

ޑރ. ދީބާ މޫސާއަށް ރުހުން ދީފައި ވަނީ 60 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ޑރ. ހުސައިން ފާއިޒަށް ރުހުން ދީފައި ވަނީ 54 މެންބަރުންގެ އިއްތިފާގުންނެވެ. އެ ދެ ވޯޓުގައި ވެސް ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ސީއެސްސީގައި މި ވަގުތު ތިއްބެވި މެންބަރުންގެ ތެރެއިން ނާސިހާއި މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެ މެންބަރުކަން މި މަހުގެ ތިންވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.

އެެހެންވެ، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ނާސިހުގެ ނަން ހިމެނޭހެން ހަ ނަމެއް ރައީސް މަޖިލީހަށް ފޮނުއްވީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

https://sun.mv/210534

މިހާރު ސީއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވި ނާސިހު ވަނީ އިންޖިނިއަރިންގެ ދާއިރާއިން އިނގިރޭސިވިލާތުގެ ލިވަޕޫލް ޔުނިވާސިޓީން މާސްޓާސް ހާސިލްކުރައްވައި، ޓެލެކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓިންގެ ދާއިރާގައި 28 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައެވެ.

އެގޮތުން، ބްރޯޑްކޮމްގެ އަމީންއާންމުގެ މަގާމާއި އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވައި، ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުކަން ވެސް ކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނާސިހު ވަކިކުރަން ހުށަހެޅީ މިދިޔަ ނޮވެންބަރު މަހު، އަމިއްލަ މަގުސަދެއް ހާސިލުކުރަން އުޅުނު ކަމަށް ތުހުމަތުކޮށް، ޝަކުވާ ލިބިފައިވާ ކަމަށް ބުނެއެވެ. ނަމަވެސް، ހަމަ އެ މަހު މަޖިލީހުން ވަނީ އޭނާ ވަކި ނުކުރަން ނިންމައިފައެވެ.

comment ކޮމެންޓް