ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ވިޔަފާރިތަކާއި، ސަރުކާރުތަކުގެ މަސައްކަތްތަކުގެ މުހިންމު ރޯލެއް އަދާކުރާ މައިކްރޮސޮފްޓްގެ އަޒޫރު ކުލައުޑް ޚިދުމަތަށް އިއްޔެ ބުރޫއަރައިފިއެވެ.
އެ މައްސަލަ ދިމާވީ ރެޑް ސީ ސަރަހައްދުގައި އޮންނަ ކަނޑުއަޑީގެ ފައިބަރު ކޭބަލްތަކަށް ލިބުނު ގެއްލުމަކާ ގުޅިގެންނެވެ.
މިކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޒޫރު ބޭނުންކުރާ ފަރާތްތަކަށް ލެޓެންސީ އިތުރުވެ، ޚިދުމަތްތަކަށް ވަގުތީ ގޮތުން ބުރޫއެރުންތަކެއް ދިމާވެފައިވާ ކަމަށް މައިކްރޮސޮފްޓުން ވަނީ ހާމަކޮށްފައެވެ.
މައިކްރޮސޮފްޓްގެ އަޒޫރު ސިސްޓަމްގެ ހާލަތު ބަޔާންކޮށް ނެރެފައިވާ އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައިވަނީ، މެދުއިރުމަތީގެ ސަރަހައްދުތަކުން ދަތުރުކުރާ ނެޓްވޯކް ޓްރެފިކަށް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ.
މި ބުރޫއެރުމުގެ ސަބަބުން، އަޒޫރުއިން ވަނީ އެހެން ނެޓްވޯކް ރޫޓްތަކަށް ޓްރެފިކް ބަދަލުކޮށްފައެވެ. މިކަމުގެ ސަބަބުން ނެޓްވޯކް ޓްރެފިކަށް އިތުރު މެދުކެނޑުމެއް ނާންނަކަން މައިކްރޮސޮފްޓުން ވަނީ ކަށަވަރުކޮށްދީފައެވެ.
އެމެޒޯންގެ އޭޑަބްލިއުއެސް އަށް ފަހު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކުލައުޑް ޕްރޮވައިޑަރު ކަމަށްވާ އަޒޫރުގެ ޚިދުމަތަށް ދިމާވާ މިފަދަ ބުރޫއެރުންތަކުގެ ސަބަބުން އެތައް ކުންފުނިތަކަކަށް ސީދާ އަސަރު ކުރެއެވެ.
ކަނޑުއަޑީގެ ފައިބަރު ކޭބަލްތަކަކީ ދުނިޔޭގެ އިންޓަނެޓްގެ މައިބަދަ ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިފަދަ ކޭބަލްތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ފުޅާ ދާއިރާއެއްގައި އިންޓަނެޓް ޚިދުމަތަށް ބުރޫއަރައެވެ.
މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ދިމާވެފައިވެއެވެ. މިސާލަކަށް، 2008 ވަނަ އަހަރު މެދުތެރޭ މެޑިޓެރޭނިއަން ކަނޑުގައި އޮތް ކޭބަލްތަކަކަށް ގެއްލުންވުމުގެ ސަބަބުން މެދުއިރުމަތީގެ ގިނަ ގައުމުތަކަށް އިންޓަނެޓް ޚިދުމަތް މެދުކެނޑިފައިވެއެވެ. އަދި 2011 ވަނަ އަހަރު ޖަޕާނަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާއި ސުނާމީގެ ސަބަބުން ވެސް ކަނޑުއަޑީގެ ކޭބަލްތަކަށް ގެއްލުންވެ، އިންޓަނެޓް ޚިދުމަތަށް ބުރޫއެރިފައިވެއެވެ.
ރެޑް ސީ ސަރަހައްދަކީ ވެސް ދުނިޔޭގެ އިންޓަނެޓް ކޭބަލްތައް ގުޅުވައިދޭ މުހިންމު ސަރަހައްދެކެވެ.