ސްރީލަންކާގައި މިހާރު ކުރިއަށްދާ ''ސައުތު އޭޝިއާ ސުޕަ ކަޕް"ގައި ބައިވެރިވާ ގައުމީ ފުޓުބޯޅަ ޓީމަށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި، ރަންވަނަތަކެއް ހޯދަން އިރުޝާދު ދެއްވައިފިއެވެ.
ލަންކާގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ރާއްޖޭން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.
ގައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން)އަށް ރައީސް މިއަދު ހެނދުނު ފޯނުން ގުޅުއްވާ މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ގައުމީ ޓީމު ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތް މެޗުތަކުގައި ކާމިޔާބީ ހޯދަން ހިތްވަރާ އެކު މަސައްކަތްކުރައްވަން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ފުޓްބޯޅައިގައި ދިވެހި ގައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ގައުމީ ޖޯޝާ އެކު މަސައްކަތްކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކޯޗު މޯހަން ބުނީ، ރައީސް މުއިއްޒު ޓީމަށް ގުޅުއްވާ މަރުހަބާ ވިދާޅުވުމަކީ ޓީމަށް ލިބުނު އިތުރު އުފަލަކާއި ހިތްވަރެއް ކަމަށެވެ. އަދި، ރައީސް އެދިވަޑައިގެންނެވިގޮތަށް ދިވެހި ފުޓުބޯޅައަށާއި ރައްޔިތުންނަށްޓަކައި ފުޓުބޯޅައަށް ރީތިނަން ހޯދައިދިނުމަށް ކުރިއަށް އޮތް މެޗުގައި އިތުރަށް ހިތްވަރުކޮށް، ޓީމުގެ އުންމީދަކީ ތަށި ކާމިޔާބުކުރުން ކަމަށް ވެސް ކޯޗު ބުންޏެވެ.
ލަންކާއިން މި މެޗަށް ނުކުތީ 2002 ވަނަ އަހަރުން ފެށިގެން ލަންކާ މައްޗަށް ރާއްޖެއިން ހޯދަމުން އައި މޮޅުވުމުގެ ސިލްސިލާ ނިންމާލުމަށެވެ. ނަމަވެސް، ހީކުރި ގޮތާ ޚިލާފަށް ދިވެހި ގައުމީ ޓީމު ވަނީ ހިތްވަރުކޮށް ނަތީޖާ ނެރެފައެވެ.
މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ރާއްޖެ މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި މޯހަންގެ ކޯޗުކަމުގައި ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ދެ ލަނޑު ޖެހިއެވެ. ފުރަތަމަ ލަނޑު ނާއިޒު ހަސަން (ދާދު) ކާމިޔާބުކުރީ އިބްރާހިމް އައިސަމް ނެގި ކޯނަރަކުންނެވެ. މި ލަނޑު އޭނާ ޖެހީ ބޮލުންނެވެ. މި ލަނޑަށް ފަހު ލަންކާއަށް ހަމަނޭވާ ނުލެވެނީސް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ ލަންކާ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ރާއްޖެއަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ލަންކާއަށް މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ޚާއްސަކޮށް ލަންކާގެ ސޭމް ޑުރާންޓްއަށް ލިބުނު ޕެނަލްޓީ ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވެއެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރާއްޖޭގެ ތިންވަނަ ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ)އެވެ. މި ލަނޑު ސެންޓޭ ޖެހީ ބަދަލަކަށް ކުޅެން އެރި 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ދިން ބޯޅައަކުންނެވެ.
ރާއްޖެއާ ލަންކާ ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހު ނުވަވަަނަ ދުވަހެވެ. މި މެޗުން ރާއްޖެ ތިން ލަނޑުގެ ފަރަގަކުން ބަލި ނުވެއްޖެނަމަ ރާއްޖެއަށް ސުޕަ ކަޕްގެ ޗެމްޕިއަންކަން ލިބޭނެއެވެ.