މާލެ ސަރަހައްދުގެ އަމާންކަމާއި ރައްކާތެރިކަން ގާއިމުކޮށް، ފުލުހުންގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދު ފުލުހުންނަށް އިރުޝާދު ދެއްވައިފިއެވެ.
ނަވީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކާ ގުޅޭ ގޮތުން މާލެ ޕޮލިހުގެ ދަށުން މަސައްކަތް ކުރާ ޑިޕާޓުމަންޓުތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވި ކަމަށެވެ.
އެ ބައްދަލުވުމުގައި ނަވީން ވަނީ، މާލެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަންތަކުގައި އެއް އަމާޒެއްގައި މަސަައްކަތް ކުރުމަށާއި ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ސީޕީ ނަވީންގެ އިތުރަށް، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސީޕީ ނަވީން މާލޭ ޕޮލިހުގެ ދަށުން މަސައްކަތް ކުރާ ޑިޕާޓުމަންޓުތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން: އެބައްދުލުވުމުގައި ސީޕީ ވަނީ، ފުލުހުންގެ މަސައްކަތް މިހާރަށް ވުރެ ހަރުދަނާ ކުރަން އިރުޝާދު ދެއްވައިފައި ---- ފޮޓޯ/ ސީޕީ ނަވީން، އެކްސް
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމާއި އެކްސިޑެންޓުތަކުގެ މައްސަލައެެވެ. އެއީ ވައްކަމުގެ 2،213 މައްސަލައާއި އެކްސިޑެންޓުގެ 1،987 މައްސަލައެވެ.
އޭގެ ތެރޭގައި މާލޭގެ ޕޮލިސް ޑިޕާޓްމެންޓުތަކަށް ހުށަހަޅައިފައިވާ ވައްކަމުގެ 1،479 މައްސަލައާއި އެކްސިޑެންޓުގެ 1،431 މައްސަލަ ހިމެނެއެވެ.
މީގެ އިތުރުން ހުޅުމާލޭ ފުލުހަށް ހުށަހަޅައިފައިވާ ވައްކަމުގެ 365 މައްސަލައާއި އެކްސިޑެންޓުގެ 508 މައްސަލަ ވެސް ހިމެނެއެވެ.