ސާއިދު ސްޕޯޓްސްގެ "ސްޓްރީކް ހީޓްސް" ވަރަށްވެސް ކާމިޔާބު

ސާއިދު ސްޕޯޓްސްގެ ސްޓްރީކް ހީޓްސް ބައިވެރިން---

ސާއިދު ސްޕޯޓްސްގެ އެތުލީޓުން ޚާއްސަކޮށްގެން ބޭއްވި "ސްޓްރީކް ހީޓްސް" މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ސާއިދު ސްޕޯޓްސްގެ 100 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވިއެވެ.

ސާއިދު ސްޕޯޓްސް ކުލަބުން ބުނީ މިއީ ވާދަވެރި މާހައުލެއްގައި އެތުލީޓުންނަށް ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިޔަށް ގެންދިޔަ މުބާރާތެއްކަމަށެވެ.

ހުރިހާ ބައިވެރިންނަށް މެޑަލްދިން މި މުބާރާތުގައި 4 އަހަރުން ފެށިގެން 15 އަހަރާއި ދެމެދުގެ ކުދިންނަށް އެކި އިވެންޓްތައް ކުރިޔަށް ގެންދިޔައެވެ.


މި މުބާރާތުގައި އެންމެ ފޯރި ގަދަ އިވެންޓުތަކުގެ ތެރޭގައި ފާހަގަ ކުރެވުނީ ކްރޮސް ކަންޓްރީ ރޭހާއި 60 މީޓަރާއި 80 މީޓަރު އަދި 100 މީޓާރު ޝަޓްލް ރިލޭ ކަމަށް ސާއިދު ސްޕޯޓްސްއިން ބުނެއެވެ.

ސާއިދު ސްޕޯޓްސްއަކީ އެތުލެޓިކްސްގެ އެކި ހަރަކާތްތައް ކުދިންނަށް ދަސްކޮށްދީ ވާދަވެރި މުބާރާތްތަކަށް އެތުލީޓުން ތަމްރީނުކޮށް އެކި މުބާރާތްތަކުން އެތުލީޓުންނަށް ފުރުސަތު ހޯދައިދޭ ކުލަބެކެވެ. އަދި މަތީފަންތީގެ އެތުލީޓުން އުފެއްދުމަށް އެކި ކަހަލަ ޓްރޭނިންތައް ފޯރުކޮށްދޭ ކުލަބެކެވެ.

ސާއިދު ސްޕޯޓްސްއިން 2017 ވަނަ އަހަރަށް ފަހު ބޭއްވި ފުރަތަމަ މުބާރާތް ކަމަށްވާ "ސްޓްރީކް ހީޓްސް" އަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ ކުލަބުން ބުނެއެވެ.

މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސެއިން ނިހާދު އަދި އެތުލިޓްސް އެސޯސިއޭޝަނުގެ ޓެކްނިކަލް ޑައިރެކްޓަރ އަހުމަދު ފާއިލްއެވެ.

މިއަހަރުގެ ކާމިޔާބީއާއެކު އަންނަ އަހަރުވެސް މި މުބާރާތް ބޭއްވުމަށް ސާއިދު ސްޕޯޓްސް އިން ވަނީ ނިންމާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު