ކުރެއްވި މާލީ ކަންކަމަށް ޖަވާބުދާރީވާން މަޖިލީހަށް ހާޒިރުކޮށްދެއްވުމަށް އަމީރު އެދިވަޑައިގެންފި

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަދައްކަވަނީ: -- ސަން ފޮޓޯ/ އަމަން ލަތީފް

އިގްތިޞާދީ ހާލަތު ދަށްވީ ކުރީ ސަރުކާރުން ކަންކުރި ގޮތުންކަމަށް ބުނެ ވާހަކަދައްކާއިރު، މިދިޔަ ސަރުކާރުގައި ކުރިމަތިވި ދަތިތަކާއި، އެ ކަންކަމާއެކު އިގްތިޞާދު މެނޭޖުކުރި ގޮތާ ގުޅޭގޮތުން ޖަވާބުދާރީވާން މަޖިލީހަށް ހާޒިރުކޮށްދޭން މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު އެދިވަޑައިގެންފިއެވެ.

ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރު އަހްމަދު އަޒާން، ދަރަންޏާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުން އަމީރު ވިދާޅުވީ، މި ސަރުކާރުން "ކުރީ ސަރުކާރު، ކުރީ ސަރުކާރު" ކިޔަމުން އަންނަތާ މިހާރު ދެ އަހަރު ވެއްޖެ ކަމަށެވެ. އަދި މިއަދު ސަރުކާރުން އޮތީ ކުރިއަށް ދާނެ ގޮތެއް ނޭނގިފައި ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

"ހައްލު ކުރެވުނު ކަމެއް ނެތް، ހޯދުނު ކުރިއެރުމެއް ނެތް. ހުރިހާ ކަމެއް ގޯހުން ގޯހަށް. މި ދިޔަ ސަރުކާރުގައި ކުރިމަތިލާން ޖެހުނު ދަތިތަކާއެކު ވެސް، މާލީ އަދި އިޤްތިސާދީ ސިޔާސަތު ގެންގޮސްފައިވާނީ ޖުމްލަކޮށް ރަނގަޅަށް،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ 2020ވަނަ އަހަރު، ކޮވިޑްގެ ދަތިތަކާއެކު %33 ދަށަށް ދިޔަ އިޤްތިސާދާއެކު 19 ބިލިއަން ރުފިޔާގެ ދަރަނި ނަގަން ޖެހުނު ކަމަށެވެ. ނަމަވެސް 2021 ވަނަ އަހަރު އިގްތިޞާދު %38 ކުރިއަރައި 2022 ވަނައަހަރު ކުރީކޮޅު އޮތީ ކޮވިޑް އައި އިރު އޮތް އިޤްތިސާދަށް ވުރެ ބޮޑު އިޤްތިސާދަކަށް ބަދަލުކޮށްފައި ކަމަށް އަމީރު ވިދާޅުވިއެވެ.

އޭގެ ފަހުން އައި ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދިމާވި ދަތިތައް ވެސް ރައްޔިތުންނާއި ވިޔަފާރިތަކަށް އަސަރު ނުކުރާނެ ގޮތަށް މެނޭޖްކޮށްފައި ކަމަށް އަމީރު ވިދާޅުވިއެވެ.

"މި ދަތިތަކާއެކު ވެސް ރާއްޖޭގެ ތާރީޚުގައި ސަރުކާރަކުން ނުކުރާ މަސައްކަތްތައް ރަށް ރަށުގައި އޮންނާނީ ހިންގާފައި،" އޭނާ ވިދާޅުވިއެވެ.

އެހެންވެ މިދިޔަ ސަރުކާރުގައި އިތުރުވި 56 ބިލިއަންގެ ތެރެއިން 19 ބިލިއަން އަކީ ކޮވިޑާއެކު އިތުރުވި ދަރަނި ކަމަށާއި، ބާކީ ދަރަންޏަކީ 37 ބިލިއަން ރުފިޔާ ކަމަށެވެ.

ނަމަވެސް މި ސަރުކާރުގެ ފުރަތަމަ ދެ އަހަރު ނުވަނީސް މިހާރު 37 ބިލިއަން ރުފިޔާގެ ދަރަނި އިތުރުވެއްޖެ ކަމަށް އަމީރު ވިދާޅުވިއެވެ.

"ކުރި ކަމެއް، ހިންގި ޕްރޮޖެކްޓެއް ފެންނަ މީހެއް މި ޤައުމަކު ނެތް. އަޅުގަނޑުމެންނާ ކުރިމަތިލާން ޖެހުނު ދަތިތަކުން، އަޅުގަނޑުމެން އަރައިގަތީ ރައްޔިތުންނާއި ވިޔަފާރިތައް ސަލާމަތްކޮށްގެން. އެއާއެކު ދެން ގެންނަންޖެހޭނެ ރިފޯމްތައް ދަނެގެން، ތައްޔާރުވެތިބެ،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިދިޔަ ވެރިކަމުގައި މާލީ އަދި އިގްތިޞާދީ ސިޔާސަތުތައް ހިންގީ، ވެރިކަން ބަދަލުވެ ދެން ހަވާލުވާނީ މަކަރުވެރި، ތަންދޮރު ނުދަންނަ ބަޔެއްކަމަށް ބަލައިގެން ނޫން ކަމަށެވެ. އެހެން ނޫންނަމަ ސިޔާސަތުތަކަށް ބަދަލު ގެނައީސްކަމަށް ވިދާޅުވިއެވެ.

އެއާއެކު އަމީރު ވަނީ، އޭނާ މަޖިލީހަށް ހާޒިރުކޮށް ކަންކަން އޮޅުންފިލުވުމަށް އެދިވަޑައިގެންފައެވެ.

އޭރުން މާލީ އިޤްތިސާދީ ސިޔާސަތު ހިންގި ގޮތާއި، ކާރިސާތަކާއެކު ގެނެވުނު ބަދަލުތަކާއި ދަރަނި ނަގަން ޖެހުން ގޮތާއި، ފައިސާ ޗާޕްކުރިކަމަށް ބުނާ ބުނުމާއި، އެ ނޫން ހުރިހާ ވާހަކަތަކެއް ހާމަކުރާނެކަމަށް ވިދާޅުވިއެވެ.

"ތި ދޮގުތަކުގެ ތަފްސީލް ރައްޔިތުންނަށް ސާފުވާން އެބަ ޖެހޭ،" އަމީރު ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ އިގްތިޞާދު ވަރުގަދަކުރަންކަމަށް ބުނެ، ގިނަ ކަންތައްތަކެއް ފަށައިފައެވެ. އޭގެ ތެރޭގައި ބަންކަރިން ޚިދުމަތް ހިމެނެއެވެ. އަދި މަސައްކަތް ނުފަށާ ޑިވެލޮޕްމަންޓް ބޭންކު ވެސް ހިމެނެއެވެ. ނަމަވެސް މި ކަންކަމުން އަދި ބޮޑު ފައިދާއެއް ލިބިފައި އޮތްކަން ހިސާބުތަކުން ނުދައްކައެވެ.

comment ކޮމެންޓް